Roadha Mihaaru
ކޯލިޝަނަށް އެއްބާރުލުން ދޭން ސިޔާމް އެދިވަޑައިގެންފި

އެމްޑީޕީއާ އެކު ހަދާ ކޯލިޝަނަށް އެއްބާރުލުންދޭން ސިޔާމް އެދިވަޑައިގެންފި

19 މާޗް 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް އެމްޑީޕީ އާއި އެމްޑީއޭ އިން ހަދާ ކޯލިޝަންގައި އިންތިހާބު ކާމިޔާބުކުރަން އެއްބާރުލުމަށް އެ ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް ރޭ އެދިވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް އެމްޑީޕީ އާއި އެމްޑީއޭ އިން ހަދާ ކޯލިޝަންގައި އިންތިހާބު ކާމިޔާބުކުރަން އެއްބާރުލުމަށް އެ ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް ރޭ އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ސިޔާމް ނިސްބަތްވެވަޑައިގަންނަވާ ދާއިރާގެ އިސް ބޭފުޅުންނާ އެކު ބޭއްވި މާހެފުމުގައި އޭނާ ވަނީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ދޫކޮށްލައްވައި ކޯލިޝަނަކަށް ދާން ނިންމި ސަބަބު ތަފްސީލްކޮށްދެއްވައިފަ އެވެ. އޭގެ ފަހުން އެދިވަޑައިގަތީ، އިންތިހާބު ކާމިޔާބުކޮށްދޭން މަސައްކަތްކޮށް ދިނުމަށެވެ.

އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ކޯލިޝަނެއްގައި 2023 ކާމިޔާބުކުރުމުގެ މަޝްވަރާތައް އެކި ދާއިރާތަކާ އެކު ކުރަމުން އަންނަ ކަމަށެވެ. މި އިންތިހާބު ކާމިޔާބުކުރުމަކީ ގައުމާއި ރައްޔިތުންނަށް މުހިއްމު ކަމެއް ކަމަށް ސިޔާމް ވިދާޅުވި ކަމަށް މައުރޫފް ވިދާޅުވި އެވެ.

"އެދިވަޑައިގަތީ ޕާޓީގެ ފަރާތުން މުހިންމު ކަމެކޭ ކޯލިޝަނަށް އެއްބާރުލުން ދިނުން،" މައުރޫފް ވިދާޅުވި އެވެ.

"ހާލަތަށް މި ވަގުތަށް ބަލާފައި ނިންމެވީ މުނާސަބު ވަގުތު ނޫން ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން. އެހެންވީމަ މަސައްކަތް ކުރައްވާނީ ގައުމަށް އެންމެ ފައިދާހުރި ހަމަޖެހުން ބޮޑު ގޮތަކަށޭ. އެގޮތުގައި ޕާޓީ އާއި ސްޓްރޯންގް ދާއިރާތަކުން މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަތީ."

މައުރޫފް ވިދާޅުވި ގޮތުގައި ކޯލިޝަން އެގްރިމަންޓް އެކުލަވާލަން މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ. އެ އެގްރީމަންޓުގައި އެމްޑީއޭއަށް ރަނގަޅު ގޮތްތަކެއް ހަމަޖެހިގެން އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ދައުރަކަށް ކޯލިޝަން ހެދުމުގެ ދައުވަތު މި ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދެއްވައިފަ އެވެ. އޭގެތެރެއިން މިހާތަނަށް ކޯލިޝަނަށް އެއްބަސްވީ އަދާލަތުންނެވެ. ޖުމްހޫރީ ޕާޓީން ނިންމީ ވަކިން ވާދަކުރުމަށެވެ. އެމްއާރުއެމް އިން ވަކި ގޮތެއް އަދި ނުނިންމަ އެވެ.

އެމްޑީޕީން ޕާޓީތަކާ އެކު ކޯލިޝަން ހަދަން ދައުވަތު ދީފައިވާ އިރު ރިޔާސީ ޕްރައިމަރީއަށް ފަހު ޕާޓީ ތެރެ އޮތީ ދެބައިވެފަ އެވެ. ރައީސް ސޯލިހްގެ ދެވަނަ ދައުރަކަށް ތާއީދުނުކުރައްވާނެ ކަމަށް ވިދާޅުވެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތާއީދުކުރައްވާނެ ކަމަށް ނުސދާކޮށް ހާމަކުރައްވަމުންނެވެ.