Roadha Mihaaru
އީމާންގެ 5،000ރ. ގެ އެލަވަންސް އާއިލާ އަށް

އީމާންގެ 5،000ރ. ގެ އެލަވަންސް އެ އާއިލާ އަށް ދޭން ފާސްކޮށްފި

02 މާޗް 2022

ހުޅުމާލޭގައި މިދިޔަ އާދިއްތަ ދުވަހު ހިނގި އެކްސިޑެންޓުގައި ނިޔާވި އައިމިނަތު އީމާނަށް ކޮންމެ މަހަކު ކައުންސިލުން ދޭންޖެހޭ 5،000ރ. ގެ އެލަވަންސް އޭނާގެ އާއިލާ އަށް ހަމަޖައްސައިދޭން ސަރުކާރުގައި އެދުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގައި މިދިޔަ އާދިއްތަ ދުވަހު ހިނގި އެކްސިޑެންޓުގައި ނިޔާވި އައިމިނަތު އީމާނަށް ކޮންމެ މަހަކު ކައުންސިލުން ދޭންޖެހޭ 5،000ރ. ގެ އެލަވަންސް އޭނާގެ އާއިލާ އަށް ހަމަޖައްސައިދޭން ސަރުކާރުގައި އެދުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

އީމާން، 29 ނިޔާވިއިރު އޭނާއަކީ މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާގެ މެމްބަރެވެ.

މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 42 ވަނަ ރަސްމީ އާއްމު ޖަލްސާގައި، އީމާންގެ އާއިލާ އަށް ކޮންމެ މަހަކު 5،000ރ. ގެ އެލަވަންްސެއް ދޭން ފިނޭންސްގެ ހުއްދައަށް އެދެން ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ ޕީޕީއެމްގެ ކައުންސިލް މެމްބަރު ނަހުލާ އަލީ އެވެ.

އޭނާ ވިދާޅުވީ ވަރަށް ކުއްލި ގޮތަކަށް ދައުރުގެ ކުރީކޮޅު އީމާން ނިޔާވިއިރު، އީމާންގެ ހަ އަހަރާއި ހަތް އަހަރުގެ ދެ ކުދިން އެބަތިބި ކަމަށެވެ. އެހެންވެ، މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މި ފަސް އަހަރުގެ ދައުރު ނިމެންދެން އެ އާއިލާއަށް 5،000ރ. ގެ އަލަވަންސެއް ދިނުމަށް ނަހުލާ އެދިވަޑައިގަތެވެ.

އެހެންވެ، ކައުންސިލުގެ 17 މެމްބަރުންގެ އިއްތިފާގުން ނިންމީ މެދުކެނޑުމެއް ނެތި އެ ފައިސާ އީމާންގެ އާއިލާ އަށް ދިނުމަށް ސަރުކާރަށް ހުށަހެޅުމަށެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އީމާނަށް ލިބެމުން ދިޔަ 5،000ރ. ގެ އެލަވަންސް މެދުކެނޑުމެއް ނެތި ފަސް އަހަރު ނިމެންދެން ދިނުމަށް ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އަށް ވެސް ހުށަހަޅުއްވާނެ ކަމަށެވެ.

ހުޅުމާލޭގެ ނިރޮޅުމަގުން ދެވަނަ ފިޔަވަހީގެ ބްރިޖުތައް ކައިރީގައި ހިނގި އެކްސިޑެންޓުގައި ސައިކަލާއެކު، ބަމްޕަރެއް މައްޗަށް ވެއްޓި އީމާންގެ ބޮލަށް ވަރަށް ބޮޑަށް ޒަހަމްވި އެވެ. އޭނާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް އިއްޔެ ހެނދުނެވެ.