Roadha Mihaaru
ކުލަފަނޑުވެ ބަމްޕަރުތައް ނުފެނޭ، ނުރުހުން އެޗްޑީސީއަށް

ކުލަފަނޑުވެ ބަމްޕަރުތަކެއް ނުފެނޭ، އާންމުންގެ ނުރުހުން އެޗްޑީސީ އަށް

02 މާޗް 2022

ހުޅުމާލޭގައި ކުލަ ފަނޑުވެފައި އޮތް ބަމްޕަރެއްގެ މަތިން ކަހާލައިގެން ސައިކަލެއްގައި ވެއްޓި މިދިޔަ އާދިއްތަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒުވާން އަންހެނަކު ވަނީ ދުނިޔެ ދޫކޮށްފަ އެވެ. އެއާ އެކު، އާންމުންގެ ރުޅިވެރިކަމާއި ފާޑުކިޔުންތައް އަމާޒުވީ އެޗްޑީސީ އަށެވެ. ރޯމާ ދުވާލު ވެސް ބަމްޕަރުތަކުގެ ކުލަ ފެންނަ ވަރަށް ބަމްޕަރުތަކުގައި ކުލަ ނެތުމުންނެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގައި ކުލަ ފަނޑުވެފައި އޮތް ބަމްޕަރެއްގެ މަތިން ކަހާލައިގެން ސައިކަލެއްގައި ވެއްޓި މިދިޔަ އާދިއްތަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒުވާން އަންހެނަކު ވަނީ ދުނިޔެ ދޫކޮށްފަ އެވެ. އެއާ އެކު، އާންމުންގެ ރުޅިވެރިކަމާއި ފާޑުކިޔުންތައް އަމާޒުވީ އެޗްޑީސީ އަށެވެ. ރޯމާ ދުވާލު ވެސް ބަމްޕަރުތަކުގެ ކުލަ ފެންނަ ވަރަށް ބަމްޕަރުތަކުގައި ކުލަ ނެތުމުންނެވެ.

މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިނގިލީ މެމްބަރު އީމާންގެ އާއިލާ އިން ތުހުމަތުކުރާ ގޮތުގައި އީމާން ނިއާވީ ބަމްޕަރުގެ ކުލަ ފޮހެވިފައި އޮތުމުން ކަހާލައިގެންނެވެ. ބެލެވޭ ގޮތުގައި އޭނާ ވެއްޓުނީ ބާރު ސްޕީޑެއްގައި ދަނިކޮށް ކުއްލިއަކަށް ބަމްޕަރު ފެނުމާ އެކު ބުރަކި ޖެއްސިތަނާ ކަހާލައިގެންނެވެ.

އެ އެކްސިޑެންޓާ އެކު ޖެހިގެން އައި ދުވަހު އެޗްޑީސީން ހެނދުނު ހެނދުނާ ހުޅުމާލޭގެ މަގުތަކުގައި ހުރި ބަމްޕަރުތަކުގައި ކުލަ އާކުރަން ފެށި އެވެ. އެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެ މީހުން ބުނަމުންދިޔައީ ހިތާމަވެރި ހާދިސާއެއް ހިނގުމުން ކަންކަން ރަނގަޅުކުރުމުގެ ބަދަލުގައި ކުލަ ފިލަން ފުރުސަތު ނުދީ އަވަސް އަވަހަށް ކުލަ އާކުރަން ޖެހޭ ކަމަށެވެ.

"ހައެއްކަ އެކްސިޑެންޓް ހިނގައި ހޮސްޕިޓަލަށް ދެތިން މީހަކު ގެންގޮސް ސަހަރާގައި ވެސް ދެތިން މީހުން ވަޅުލީމަ ތިކަންކަން ރަނގަޅު ކުރަންދޯ ތި ތިބެނީ،"

އަނެއް ބަޔަކު ފާހަގަކުރީ ހުޅުމާލޭގެ ބައެއް ބަމްޕަރުތަކުގައި ރަނގަޅަށް ކުލަ ނެތުމާއި މަގުތައް އަލި ނޫންވުމުގެ މައްސަލަ އެވެ. އެހެންވެ، ރޭގަނޑު ވަގުތު އުޅަނދުތައް ދުއްވާފައިދާއިރު ބަމްޕަރުތައް ވެސް ނުފެންނަ ކަމަށް މީހަކު ބުންޏެވެ.

ހުޅުމާލޭގައި ކުލަ ފަނޑުވެފައި ހުރި ބައެއް ބަމްޕަރުތައް ހުންނަ ސަރަހައްދުތައް ވެސް ބައެއް މީހުން ފާހަގަކުރި އެވެ. އޭގެ ތެރޭގައި މާލެއިން ހުޅުމާލެއަށް ގޮސް އަރާއިރު ޕެޓްރޯލް ޝެޑް ކައިރީ ބަމްޕަރުގައި ކުލަ ނެތްކަން ފާހަގަކުރެ އެވެ.

ބަމްޕަރުތަކުގެ މައްސަލައާ އެކު ބާރު ސްޕީޑުގައި ހުޅުމާލޭގައި ސައިކަލު ދުއްވާ މައްސަލަ ވެސް ބައެއް މީހުން ފެންމަތިކުރި އެވެ.

"ހިނގާދިޔަ ކަންކަން ހިތާމަވެރި. އެޗްޑީސީގެ މައްސަލަ ވެސް އެބަ އޮތް. މާލޭ ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވުމުގެ މައްސަލަ ވެސް ބޮޑު،" ސޯޝަލް މީޑިއާގައި ކޮމެންޓްކުރި މީހަކު ބުންޏެވެ.

އެ މައްސަލަ ހޫނުވެފައިވާއިރު ހުޅުމާލޭ ބަލަހައްޓަމުން އަންނަ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، ސުހައިލް އަހުމަދު، "މިހާރު" އަށް ވިދާޅުވީ އެ ހާދިސާ ހިނގުމުގެ ކުރިން ވެސް އެޗްޑީސީން އައީ ބަމްޕަރުތަކުގެ ކުލަ އާ ކުރުމުގެ ބުރެއް ކުރިއަށް ގެންދަމުން ކަމަށެވެ.

އޭނާ ވިދާޅުވީ އީމާން އެކްސިޑެންޓުވި ބަމްޕަރުގެ ކުލަ އޮތީ އެކީ ފޮހެވިފައި ނޫން ކަމަށާއި އެކަމަކު އެ ބަމްޕަރުގެ ކުލަ ފަނޑުވެފައިވާ ކަމަށެވެ.

"އެ ބަމްޕަރުގެ ކުލަ މުޅިން ފޮހެވިފައެއް ނޫން ހުރީ. ދުވާލަށް ކުލަ ފެންނަވަރަށް ހުރީ. އެކަމަކު ކުލަ ފަނޑުވެފައި ހުރި ކަމަށް އަޅުގަނޑުމެން ވެސް ގަބޫލުކުރަން،" ސުހައިލް ވިދާޅުވި އެވެ.

ހުޅުމާލޭގެ މަގެއްގެ ކަންމައްޗަށްވާ ގޮތަށް އޮތް ބަމްޕަރެއް--

ހުޅުމާލޭގެ މަގެއްގެ ކަންމައްޗަށްވާ ގޮތަށް އޮތް ބަމްޕަރެއް--

އެކަމަކު މިހާރު އެޗްޑީސީން ވަނީ ކުލަ ފަނޑުވެފައި ހުރި ބަމްޕަރުތަކުގެ ކުލަ ދުރަށް ފާޅުވާ ވަރަށް ކުލަ އާކޮށްފަ އެވެ.

ކުލަ އާކުރިއިރު ހުޅުމާލޭގެ ބައެއް ބަމްޕަރުތަކުގެ ކުލަ ރޭގަނޑު ސާފު ނުވާ މިންވަރަށް ފަނޑުވެފައި ހުއްޓެވެ. އަދި ބައެއް ސަރަހައްދުތަކުގައި ހުރި ބަމްޕަރުތައް ނަގާފައި ހުރިއިރު އެތަންތަން ހުރީ މަގުގެ ތާރުގަނޑު އަޑިއަށްވާ ގޮތަށެވެ. އެ ތަންތަން އެއްވަރު ނުކުރާތީ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށާއި ހާދިސާއެއް ހިނގުމުން ފިޔަވަޅު އެޅުމުގެ ބަދަލުގައި ކުރިން ފިޔަވަޅު އަޅަން ގޮވާލަމުން އެބަދެ އެވެ.

އީމާންގެ މަރާ އެކު ބަމްޕަރުތަކުގެ މައްސަލަ ބޮޑުވެފައިވާއިރު ހުޅުމާލޭގެ ބޭރު މަގު އަނދިރިވުމުގެ ޝަކުވާ ވެސް ވަރަށް ބޮޑެވެ.