Roadha Mihaaru
ކާތަކެތި ގަންނަން ނުކުތް ދަރިވަރަށް ހަމަލާ އަރައި މަރު

ޔުކްރޭން: ކާބޯތަކެތި ގަންނަން ބިންގަރާހުން ނުކުތް އިންޑިއާގެ ދަރިވަރަކަށް ހަމަލާ އަރައި މަރުވެއްޖެ

02 މާޗް 2022

ކިއޭވް (މާޗް 2) - ޔުކްރޭނުގެ ޚަރްކީވް ސިޓީގެ ބިންގަރާހެއްގައި ރައްކާތެރިކަން ހޯދައިގެން އެތައް ދުވަހެއް ހޭދަކުރުމަށް ފަހު ކާބޯތަކެތި ގަތުމަށް ސުޕަމާކެޓަކަށް ދިއުމަށް ނުކުތް އިންޑިއާގެ މެޑިކަލް ދަރިވަރަކު، ރަޝިޔާ ސިފައިންގެ ހަމަލާތަކެއް އަރައި މަރުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކިއޭވް (މާޗް 2) - ޔުކްރޭނުގެ ޚަރްކީވް ސިޓީގެ ބިންގަރާހެއްގައި ރައްކާތެރިކަން ހޯދައިގެން އެތައް ދުވަހެއް ހޭދަކުރުމަށް ފަހު ކާބޯތަކެތި ގަތުމަށް ސުޕަމާކެޓަކަށް ދިއުމަށް ނުކުތް އިންޑިއާގެ މެޑިކަލް ދަރިވަރަކު، ރަޝިޔާ ސިފައިންގެ ހަމަލާތަކެއް އަރައި މަރުވެއްޖެ އެވެ.

އުމުރުން 22 އަހަރުގެ ނަވީން އެސް. ގިޔަނަގޫދާގެ ވަރަށް ގާތް ރައްޓެއްސަކު ބުނީ ވައިގެ ހަމަލާތަކެއް އަރައި ނަވީން މަރުވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ވެސް އޭނާއާ ވާހަކަ ދެއްކި ކަމަށެވެ.

ޔުކްރޭނުގައި ތިބި އިންޑިއާގެ އެތައް ހާސް ބަޔަކު ވަނީ، ރަޝިޔާ ސިފައިން އެރުމާ އެކު ގައުމުން ބޭރަށް ނުނިކުމެވި ތާށިވެފަ އެވެ. ޔުކްރޭނުގައި ތިބި އިންޑިއާ މީހުން ގައުމަށް ގެންދިއުމުގެ އޮޕަރޭޝަނެއް ފަށާފައިވީ ނަމަވެސް ލޮޖިސްޓިކް ދަތިތަކާ ހެދި އެކަން ފުރިހަމައަށް ކުރިއަކަށް ނުދެ އެވެ.

ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި ނަވީން މަރުވެފައިވާކަން އިންޑިއާގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އަދި ނަވީންގެ އާއިލާއާ ގުޅިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ރަޝިޔާ ސިފައިން ޔުކްރޭނަށް އެރުމާ އެކު، އެ ގައުމުގައި ޑޮކްޓަރުކަން ކިޔަވަން ތިބި އެތައް ހާސް ދަރިވަރުންނެއް ވަނީ ކާބޯތަކެތި ހޯދުން ވަރަށް އުނދަގޫ ކަމަށް ބުނެ ޓްވީޓްކޮށްފަ އެވެ.

"އަންގާރަ ދުވަހުގެ ހެނދުނު 8 ޖެހިއިރު ނަވީން އަށް އަހަރެން ގުޅިން. އޭނާ ބުނި ބައިވަރު ކާބޯތަކެތި ގަންނަން ބޭނުންވާތީ އިތުރަށް ފައިސާ ޓްރާންސްފާ ކުރުމަށް،" ޚަރްކީވްގެ އެޕާޓްމަންޓެއްގައި ހިމާޔަތް ހޯދައިގެން ހުރި ނަވީންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ސްރީކާންތު ޗެނާގޯޑާ ބުންޏެވެ.

ނަވީން އާއި ސްރީކާންތަކީ ޚަރްކީވް ނޭޝަނަލް މެޑިކަލް ޔުނިވާސިޓީގައި ޑޮކްޓަރުކަން ކިޔަވާ ހަތަރު ވަނަ އަހަރުގެ ދެ ދަރިވަރުންނެވެ.

އަންގާރަ ދުވަހު ވަރަށް ހެނދުނާ ނަވީން ބިންގަރާހުން ނުކުމެގެން، އެ ހިސާބާ ކައިރީގައިވާ ސުޕަމާކެޓަކަށް ދިޔައީ ކާފިއު ނިމުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ.

"ނަވީން އަށް އަހަރެން ފައިސާ ޓްރާންސްފާކޮށްދިނިން. ގާތްގަނޑަކަށް 5-10 މިނިޓްތެރޭ އޭނާއާ ގުޅަން އުޅެއުޅެ ނުގުޅުނު. ފަހުން ކޮންމެވެސް މީހަކު ފޯނަށް ޖަވާބުދިން. އޭނާ ވާހަކަ ދެއްކީ ޔުކްރޭން ބަހުން އެެހެންވެ އޭނާ ދެއްކި ވާހަކަ އަހަރެންނަކަށް ނޭނގުނު،" ސްރީކާންތު ބުންޏެވެ.

ސްރީކާންތު ވަނީ އެހެން މީހަކު އަތަށް ފޯނު ދިނުމަށް ފަހު ފޯނުން ދައްކާ ވާހަކަ ކިޔައިދޭން އެދިފަ އެވެ. އަދި އެ މީހާ ވަނީ ނަވީން މަރުވި ކަމަށް ބުނެފަ އެވެ.

"އަހަރެންނަށް ގަބޫލެއް ވެސް ނުކުރެވުނު. ދެން އަހަރެން ސުޕަމާކެޓާ ދިމާލަށް ދިޔަ އިރު އެތަނުގައި ނެތް އެއްޗެއް ގޮވައިފައެއް،" ސްރީކާންތު ބުންޏެވެ.

ނަވީން އަށް ހަމަލާ އެރީ ސީދާ ކޮން ސަރަހައްދަކުން ކަމެއް ނޭނގެ އެވެ.

ސްރީކާންތު ބުނީ ނަވީންއާ އޭނާގެ ރަހުމަތްތެރިން ދިޔައީ، ޚަރްކީވްގައި ހަމަލާތައް ވަރުގަދަވުމުން ބިންގަރާހުން ނުކުމެގެން އެހެން ތަނަކަށް ދިއުމަށް ރާވަމުން ކަމަށެވެ.

ސްރީކާންތު ބުނީ ނަވީން އަކީ ވަރަށް ހިތްހެޔޮ އަދި ކިޔެވުމަށް މޮޅު ދަރިވަރެއް ކަމަށެވެ. އަދި ތިން ވަނަ އަހަރު ވެސް ނަވީން ވަނީ 95 ޕަސެންޓް ހޯދާފައި ކަމަށް ވެސް ސްރީކާންތު ބުންޏެވެ.

ނަވީން އަކީ އިންޑިއާގެ ދެކުނުގެ ކަރްނާޓަކާ ސްޓޭޓުގެ ހަވޭރީ ޑިސްޓްރިކުގެ ކުއްޖެކެވެ. އެ ސްޓޭޓުގެ ޗީފް މިނިސްޓަރު ބަސަވަރާޖް އެސް ބޮމާއީ ވަނީ ނަވީންގެ މަރާ އެކު ބޮޑު ޝޮކެއް ލިބުނު ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.

"އިންޑިއާގެ ފޮރިން މިނިސްޓްރީއާ ގުޅިގެން، އެ ދަރިވަރުގެ ހަށިގަނޑުގެ ބައިތައް އަނބުރާ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން،" ޗީފް މިނިސްޓަރު ވިދާޅުވި އެވެ.

ޚަރްކީވް އަކީ ޑޮކްޓަރަކުކަން ކިޔަވައި ދިވެހި ވަރަށް ގިނަ ދަރިވަރުން ވެސް ދިރިއުޅުނު ސިޓީއެކެވެ. ޚަރްކީވްގައި ތިބި ދިވެހި ދަރިވަރުން މިހާރު ވަނީ ރައްކާތެރިކަމާ އެކު އެ ސިޓީން ނެރެފަ އެވެ.