Roadha Mihaaru
ރަޝިއާ އާއި ބެލަރޫސްގައި ތިބި ދަރިވަރުން ގެންނަން އެހީ

ރަޝިއާ އާއި ބެލަރޫސްގައި ތިބި ދަރިވަރުން ރާއްޖެ ގެންނަން އެހީ ދެނީ

01 މާޗް 2022

ރަޝިއާ އިން ޔޫކްރެއިނަށް އަރައި ހަނގުރާމަކުރަމުންދާތީ، ރަޝިއާ އާއި ބެލަރޫސްގައި އުޅޭ ދިވެހިން ރާއްޖެ ގެނައުމަށް ވެސް މާލީ އެހީތެރިކަން ދޭން ސަރުކާރުން ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރަޝިއާ އިން ޔޫކްރެއިނަށް އަރައި ހަނގުރާމަކުރަމުންދާތީ، ރަޝިއާ އާއި ބެލަރޫސްގައި އުޅޭ ދިވެހިން ރާއްޖެ ގެނައުމަށް ވެސް މާލީ އެހީތެރިކަން ދޭން ސަރުކާރުން ނިންމައިފި އެވެ.

ޔުކްރެއިންގެ ކައިރީގައި އޮންނަ ބެލަރޫސްގެ އެކި ސިޓީތަކުގައި 137 ދިވެހިން އަދި ރަޝިއާގައި ވެސް 88 ދިވެހިން އެބަ ތިއްބެވެ. އޭގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް މާލީ އެހީދޭން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ބެލަރޫސް އާއި ރަޝިއާގައި ތިބި ދަރިވަރުން ކިޔަވަމުން އަންނަ ހުރިހާ ޔުނިވާސިޓީއެއްގެ ކިޔެވުން މެދުނުކެނޑި ކުރިއަށްދާ ކަމަށާއި އެތަނުގެ ހާލާތު ވެސް ރަނގަޅު ކަމަށެވެ. އެކަމަކު ރަޝިއާގައި ތިބި ދަރިވަރުންގެ ކްލާސްތައް އޮންލައިންކުރެވޭތޯ ޔުނިވާސިޓީއާ މަޝްވަރާކޮށްގެން ދަރިވަރުން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ދަރިވަރުންނަށް މިކަމުގައި ބޭނުންވާ އެހީތެރިކަން ބާލިންގައި ހުންނަ ރާއްޖޭގެ އެމްބަސީން ދަނީ ފޯރުކޮށްދެމުން،" މިނިސްޓްރީން ބުންޏެވެ.

ޔޫކްރެއިނުގައި ތިބި ދަރިވަރުން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު މިހާތަނަށް އޭގެ ތެރެއިން ގެނެވުނީ އިވާނޯގައި ކިޔަވަން ތިބި 15 ދަރިވަރެކެވެ. އަދި ހަނގުރާމަ ފެށުމުގެ ކުުރިން 25 ދަރިވަރަކު އަމިއްލަ ހަރަދުގައި އަޔަސް ފަހުން ސަރުކާރުން ވަނީ އެ ދަރިވަރުންގެ ހަރަދު ވެސް ދޭން ނިންމައިފަ އެވެ.

ޔޫކްރެއިންގައި މިހާރު ތާށިވެފައި ތިބީ ކާކީވްގައި ކިޔަވާ 8 ދަރިވަރަކާއި ނިޕްރޯގައި ކިޔަވަން އުޅޭ ދަރިވަރެކެވެ. ޔޫކްރެއިނުގެ ބޯޑަރު ހުރަސްކުރުމަށް އެ ދަރިވަރުން ގާތްގަނޑަކަށް 15 ގަޑިއިރުގެ ދަތުރެއް ކުރަން ޖެހެ އެވެ. އެކަމަކު ހަމަލާތައް ދެމުންދާތީ އެ ދަތުރުކުރަން މިވަގުތު އެހާ ރައްކާތެރިއެއް ނޫނެވެ.

މިނިސްޓްރީން ބުނީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުވުމާ އެކު އެ ދަރިވަރުން ހަންގޭރީއަށް އެތެރެވުމުގެ ދަތުރު ފަށާނެ ކަމަށާއި އެކަމުގެ އިންތިޒާމުތައް ހަމަޖައްސަފައިވާ ކަމަށެވެ.

އެ ދަރިވަރުންގެ އިތުރުން ޔޫކްރެއިންގެ ވެރިރަށް ކިއޭވް ދިވެހި އާއިލާއެއް ވެސް އުޅެމުން ދިޔަ އެވެ. ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔޫކްރެއިން މީހަކާއި އެ ދެމަފިރިންގެ ކުޑަ ދެ ކުދިން ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް ވަނީ އަމިއްލައަށް ހުރިހާ އިންތިޒާމެއް ހަމަޖައްސައިގެންނެވެ.

މިނިސްޓްރީން ބުނީ ކާކީވްގައި ތާށިވެފައި ތިބި ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށް އިތުރު ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.