27 ފެބުރުއަރީ 2022
ޔޫކްރެއިންގެ އިވާނޯ ސިޓީގައި މެޑިސިން ކިޔަވަމުން އަންނަ ދިވެހި ދަރިވަރު، ހަމްނާ އަހުމަދުގެ ފިކުރު ބޮޑުވެ، ހަނގުރާމައިގެ ބިރުވެރި މަންޒަރުތަކުން މުޅި ސިކުނޑި ވަށާލީ ރަޝިއާ އިން ޔޫކްރޭނުގައި ހަނގުރާމަ ފަށާނެ ކަމުގެ އިންޒާރާ އެކު އެވެ. ކުއްލި ނުރައްކަލުގެ ހާލަތު ވެސް އެ ގައުމުގައި އޮތުމުން ނުނިދި މުޅި ރޭ ހޭލާ އިންދާ މީހާ ގަނޑުކޮށްލީ މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު، އިވާނޯއަށް ދިން ރޮކެޓް ހަމަލާގެ ބާރުގަދަ އަޑުފައްގަނޑުންނެވެ.
ޔޫކްރެއިންގެ އިވާނޯ ސިޓީގައި މެޑިސިން ކިޔަވަމުން އަންނަ ދިވެހި ދަރިވަރު، ހަމްނާ އަހުމަދުގެ ފިކުރު ބޮޑުވެ، ހަނގުރާމައިގެ ބިރުވެރި މަންޒަރުތަކުން މުޅި ސިކުނޑި ވަށާލީ ރަޝިއާ އިން ޔޫކްރޭނުގައި ހަނގުރާމަ ފަށާނެ ކަމުގެ އިންޒާރާ އެކު އެވެ. ކުއްލި ނުރައްކަލުގެ ހާލަތު ވެސް އެ ގައުމުގައި އޮތުމުން ނުނިދި މުޅި ރޭ ހޭލާ އިންދާ މީހާ ގަނޑުކޮށްލީ މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު، އިވާނޯއަށް ދިން ރޮކެޓް ހަމަލާގެ ބާރުގަދަ އަޑުފައްގަނޑުންނެވެ.
"އެޕާޓްމަންޓްގެ ކުޑަދޮރުން ވަރަށް ބޮޑަށް ދުންތައް ފެނޭ އޭރު. ވަރަށް ގާތް ގާތުގައި ފަސް ފަހަރު އެ ބާރު އަޑު އިވުނު. ވަރަށް ކުޑަ ވަގުތުކޮޅެއް ވާނީ ކޮންމެ ހަމަލާއެއްގެ ދޭތެރޭގައި. ހީވީ ހަމަ ވަރަށް ކައިރިން ހަމަލާދިންހެން. މީހާ އެކީ ހަނދާނެ ގޮތް ހުސްވެފައި ހުރީ ޝޮކެއްގައި،" އިވާނޯ އެއާޕޯޓަށް ދިން އެ ހަމަލާގެ ވަގުތުކޮޅު ސިފަކޮށްދީ, ހަންގޭރީގައި ހުރި ހަމްނާ ފޯނުން ކިޔައިދިނެވެ.
އިވާނޯގައި ރާއްޖޭގެ 15 ދަރިވަރަކު އައީ މެޑިސިން ކިޔަވަމުންނެވެ. ހަމަލާ އެއާޕޯޓަށް އަމާޒުވިއިރު އެކި ދަރިވަރުން ތިބީ އެކި ތަންތަނުގަ އެވެ. އެ ހަލަބޮލި ވަގުތު އެންމެންނަށް ވެސް ވިސްނުނީ އެ މީހަކު ތިބި ތަނެއްގައި ތިބުން އެއީ އެންމެ ރައްކާތެރި ގޮތް ކަމަށެވެ.
"އެ ދުވަހު ހަމަލާ ހުއްޓި ހަމައަކަށް އެޅުނީމަ އަޅުގަނޑުމެން އެންމެން އެއް ތަނަކަށް ޖަމާވީ. އެއް ތަނެއްގައި އުޅުނީމަ އެންމެނަށް ވެސް ފަސޭހަވާނެތީ،" ދިވެހި ދަރިވަރުންގެ ލީޑަރު ހަމްނާ ބުންޏެވެ.
އެ ދުވަހު ހީވީ ދެން މި ފެށުނީއޭ. ސަލާމަތް ނުވެދާނެއޭ. ހަޔާތުގައި ފުރަތަމަ ފަހަރަށް ހަނގުރާމައެއް މި ފެނުނީ. އަދި އެހާ ބާރު އަޑެެއް އިވުނީ. މުޅިން ގޮތް ހުސްވި -- ހަމްނާ
އެ ދުވަހު ކިރިޔާ ވެސް އޭނާއަށް އުއްމީދެއް ލިބި، ހަނގުރާމައިގެ ތެރެއިން ސަލާމަތްވާނެ ކަމުގެ އުއްމީދު ލިބުނީ ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީގެ ފަރާތުން ކަމަށް އޭނާ ބުންޏެވެ.
ކާކީވްގެ މިލިޓަރީ އެއާޕޯޓަށް ރަޝިއާ އިން ހަމަލާދީފައި-- ފޮޓޯ: އޭއެފްޕީ
ރަޝިއާ އިން ހަމަލާދޭނެ ކަމުގެ އިންޒާރު ޔޫކްރެއިނަށް ދިން ހިސާބުން މި ދަރިވަރުން ދިޔައީ އަނބުރާ ރާއްޖެއަށް އައުމުގެ މަސައްކަތް ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން ކުރަމުންނެވެ. އެކަމަކު ހަނގުރާމަ ފެށިއިރު ވެސް އެ ދަރިވަރުންނަށް ނާދެވުނީ ކިޔަވަމުން އައި އިވާނޯ ޔުނިވާސިޓީން ކްލާސްތައް އޮންލައިން ނުކޮށްގެންނެވެ.
ހަމްނާ ބުނީ ހަނގުރާމަ ކުރާނެކަމުގެ އިންޒާރާ އެކު އެކި ގައުމުތަކުގެ އެމްބަސީން އެ ގައުމުގެ ދަރިވަރުން އަނބުރާ ގެންދަން ވެގެން ޔުނިވާސިޓީގައި އެދެމުންދިޔަ ކަމަށެވެ. އެގޮތަށް ދިވެހި އެމްބަސީން ވެސް ރިކޮމެންޑްކުރި އެވެ.
"ޔުނިވާސިޓީން ބުނަމުންދިޔައީ ދިއަޔަސް މައްސަލައެއް ނެތޭ. އެކަމަކު ޕެނަލްޓީއެއް ފޭސްކުރަން ޖެހޭނެއޭ. އެއްވެސް މީހަކު ބޭނުމެއް ނުވާނެ ދޯ ހަތަރު ފަސް އަހަރު ކިޔަަވާފައި ކިޔެވުން ބޭކާރުވާކަށް. އެހެންވެ އަޅުގަނޑުމެން އެކޮޅުގައި މަޑުކުރީ ކިޔެވުން އޮންލައިންކުރޭތޯ،" ހަމްނާ ބުންޏެވެ.
ހަމްނާ ބުނީ އެ މީހުންނަށް އެމްބަސީގެ ލެޓާއެއް ލައިފި ނަމަ، އެ ގައުމެއްގެ ދަރިވަރުންތަކަކަށް ކިޔެވުން އޮންލައިންކޮށްދޭނެ ކަމަށް ޔުނިވާސިޓީން އެންގީ މި މަހު 23 ވަނަ ދުވަހު ކަމަށެވެ.
"އޮންލައިން ކްލާސް ހަމަޖެއްސުމާ އެކު އަޅުގަނޑުމެން ޓިކެޓް ނެގީ އެންމެ އަވަހަށް ރާއްޖެއަށް ދެވެން އޮތީ ކޮން ދުވަހެއްތޯ ބަލާފައި. އެންމެ އަވަހަށް ވެސް ޓިކެޓު ލިބުނީ 25 ގައި ރާއްޖެ ދާން. އެކަމަކު 24 ގައި އެއާޕޯޓް ހަމަލާއާ އެކު އެއާ ސްޕޭސް ބަންދުކުރީ،" ޔޫކްރެއިންގައި ތާށިވި ގޮތް އޭނާ ކިޔައިދިނެވެ.
"ހަމަލާގެ ކުރިން ޔުނިވާސިޓީން ބޭއްވި މީޓިންގައި އަޅުގަނޑު ވެސް ބައިވެރިވިން. އެމީހުން ބުނީ ހަނގުރާމައެއް ކުރާކަށް ނޫޅެއޭ. އެހިސާބަކަށް ނުދާނެއޭ އެމީހުން ވިސްނައިގެން ތިބީ -- ހަމްނާ
ހަމްނާ ބުނީ ޔުނިވާސިޓީން އެގޮތަށް ގަބޫލުކުރިޔަސް އެއީ ހަނގުރާމައަކަށް ވާތީ އޭނާ ހުރީ ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެ ކަމަށް ގަބޫލުކޮށްގެން ކަމަށެވެ.
އެ ދުވަހު ފަތިހު ރަޝިޔާ ސިފައިން އެއްފަހަރާ ހަމަލާ ދޭން ފެށީ، ޔޫކްރޭންގެ އިރުމަތިން ރަޝިޔާއާ ގުޅޭ ސަރަހައްދުންނާއި ޔޫކްރޭންގެ އުތުރުން އޮންނަ ބެލާރޫސްގެ ތެރެއިންނާއި، ޔޫކްރޭންގެ ދެކުނުން ކްރީމިއާގެ ތެރެއިންނެވެ.
ރަޝިޔާ އިން ދިން ވައިގެ ހަމަލާތަކުގައި ޔުކްރޭނުގެ އިރުމަތީ ޓައުނެއްގެ އެޕާޓްމަންޓެއްގައި ރޯވެފައި. --ފޮޓޯ:އޭއެފްޕީ
ކްރީމިއާ އަކީ، ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ރަޝިޔާ އިން އެހީތެރިވެގެން، 2014 ވަނަ އަހަރު ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ސަރަހައްދެކެވެ. ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން ހަމަލާތައް ދިނީ، މިދިޔަ ހޯމަ ދުވަހު ރަޝިޔާ އިން މިނިވަންކަން ގަބޫލުކުރި، ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާގެ ތެރެއިންނެވެ.
އެހެންވެ މީހުންނަށް ގަބޫލުކުރެވިފައި އޮތީ ބިރުވެރިކަން އޮންނާނީ ޔުކްރެއިންގެ އިރުމަތީ ސަރަހައްދަށް ކަމަށެވެ.
"އެބަ ބުނޭ ބައެއް މީހުން އަޅުގަނޑުމެންނަށް ސަރުކާރުން އަޅައެއް ނުލިޔޭ. އެހެނެއް ނޫން ކަންތައްވީ. އަޅުގަނޑުމެންނަށް ސަލާމަތުން ނިކުމެވުނީ ސަރުކާރުން ދިން އެހީގައި. އެހެން ނޫނީ އެއީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން އެތަނުގެ ހާލަތު އޮތް ގޮތުން،" ހަމްނާ ބުންޏެވެ.
ހަމްނާ ބުނީ ހަނގުރާމަ އިއުލާންކުރުމާ އެކު ރާއްޖެއަށް ގެނައުމަށް ދިވެހި އެމްބަސީން ކުރީ ބުރަ މަސައްކަތްތަކެއް ކަމަށެވެ. ކްލާސްތައް އޮންލައިންކުރެވުނީ ވެސް އެމްބަސީގެ އެހީގައި ކަމަށާއި ބޮން އެޅުމާ އެކު ވެސް އެތަނުގެ ހާލަތު އެމްބަސީ އަށް ސީދާ އޭނާ ދިޔައީ އަންގަމުން ކަމަށް ބުންޏެވެ.
"އަޅުގަނޑު ދިޔައީ އެމްބެސެޑާ ހަސަން ލަތީފަށް އަޅުގަނޑުމެންގެ ހާލަތު އަންގަމުން. ހަމަލާދިން ކަމަށް އެންގީމަ އަޅުގަނޑުމެން ހަމައަކަށް އަޅުވައިދޭން މަސައްކަތްކުރި. ހަމަޖެހުމަށާއި އެ މީހުން ގޮތެއް ހޯދައިދޭނެ ކަމަށް ދިޔައީ ބުނަމުން."
ޔުކްރޭނުގެ ވެރިރަށް ކިއޭވްގެ މެޓްރޯ ސްޓޭޝަނެއްގައި ބަޔަކު ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ
ހަމްނާ ބުނީ އެ ތަނުގައި ތިބި ދަރިވަރުންނަށް އެެއްވެސް ދަތިކަމެއް ނުވޭތޯ ސަރުކާރުން ބަލަމުން އަންނަ ކަމަށާއި ހަޔާ އެޑިއުކޭޝަނުން ވަނީ ގަޑިއިރެއްގެ ތެރޭގައި ބޭންކާ ވާހަކަ ދައްކައިގެން އެ ތަނުގައި ތިބި ދަރިވަރުންގެ އެކައުންޓް ލިމިޓް އިތުރުކޮށްދީފައި ކަމަށެވެ. އަދި ދަރިވަރުން ރޭ ހަންގޭރީއަށް ގެންދިޔައީ ވެސް ޔޫކްރެއިނުން ނިކުމެވެން އޮތް އެންމެ ރައްކާތެރި ގޮތްތައް ބަލައިގެން ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން ބުނިން ރޮމޭނިއާ އާ ދިމާލުން ނިކުންނަން. އެކަމަކު ސަފީރަށް ފެނިވަޑައިގަތީ އެންމެ ރައްކާތެރިވާނީ ހަންގޭރީއޭ. އެހެންވެ ޑިޕްލޮމެޓިކް އުޅަނދުތަކުގައި އަޅުގަނޑުމެން ޔޫކްރެއިން ބޯޑަރު ހުރަސްކުރީ ސުވާލުކޮށް އިތުރު ހުރަސްތައް ކުރިމަތިވެދާނެތީ. ހަންގޭރީ އަށް ވަދެވުނުއިރު އެތަނުގައި ބަސް އޮތް މަޑުކޮށްފައި. ހޮޓަލް ބުކްކޮށް އަދި ޕޭވެސް ކޮށްފައި ހުރީ،" މިއަދު ރާއްޖެ އަށް އަންނަ ގޮތަށް ހަމަޖެހިފައިވާ ހަމްނާ ބުންޏެވެ.
މިހާރު ޔޫކްރެއިނުގައި ތާށިވެފައި ތިބީ ނުވަ ދަރިވަރުންނެވެ. ވަަރަށް ބޮޑަށް ހަމަލާތައް ދެމުން އަންނަ ކާކީވްގައި އެ ދަރިވަރުން ތިބިއިރު މި ދަރިވަރުން އެތަނުން ނެރެވޭނެ ގޮތެއް ސަރުކާރުން ހޯދަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑު ވެސް އެ ދަރިވަރުން [ޔޫކްރެއިންގައި ތިބި] ގެ ހާލު ބަލަމުން މިދަނީ. ކާކީވްއަށް ވަރަށް އިންޓެންސިވްކޮށް އެޓޭކް ކުރަމުން އެބަދޭ. އެންމެ ރައްކާތެރި ގޮތަކަށް އެ ދަރިވަރުން ނެރެވޭތޯ އެ ބަލަނީ،" ހަމްނާ ބުންޏެވެ.
އޭނާ ބުނީ އެއްވެސް ނުރައްކަލެއް ނެތް ގޮތަކަށް ދަރިވަރުން ނެރެން މަސައްކަތްކުރާއިރު އެތަނުގެ ކައިރީގައި ޕޮލެންޑް ބޯޑަރު ވެސް އެބަ އޮތް ކަމަށެވެ. އެކަމަކު އެ ތަނުން ދިޔަޔަސް ގައުމަށް އެތެރެވޭނެ ކަމުގެ ޔަގީންކަން ނެތުމުން އެންމެ ޔަގީން ދިމާތަކުން ބަލަމުންދާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.
"ރައްކާތެރިކަމާ އެކު އެ ދަރިވަރުން ވެސް އެތަނުން ނެރެވޭނެ ކަމަށް އުއްމީދުކުރެވެނީ."
ޔޫކްރެއިންގައި 50 އެއްހާ ދަރިވަރުން ކިޔަވަމުން ދެ އެވެ. އޭގެ ތެރެއިން ބައެއް ދަރިވަރުން ހަނގުރާމަ ފެށުމުގެ ކުރިން އަމިއްލަ ހަރަދުގައި ވަނީ ރާއްޖެ އައިސްފަ އެވެ.
ރަޝިޔާގެ ކުރުކްސްގައި އުޅޭ ދިވެހިން ސަމާލުވާން އެދިއްޖެ
ޔުކްރެއިންއާ ކައިރި ގައުމުތަކުގެ ދިވެހިންގެ ހާލު ބަލަނީ
ޔޫކްރޭންގައި ބިންގަރާސް ސްކޫލްތަކެއް ހަދަނީ
ރާއްޖެ ރަޝިއާއާ ދެކޮޅު، އިންޑިއާ، ޗައިނާ ވޯޓު ނުދިން
ރަޝިއާ އާއި ބެލަރޫސްގައި ތިބި ދަރިވަރުން ގެންނަން އެހީ
ޔުކްރޭންގެ ޓޫރިސްޓުންނަށް ރާއްޖެއިން އެހީވާން އެދިއްޖެ
ޔުކްރެއިންގައި ތާށިވި ދަރިވަރުންނަށް މާލީ އެހީ ދީފި
ޔޫކްރެއިންގެ ހަނގުރާމަ: ޓޫރިޒަމަށް ބިރުބޮޑު!
ރާއްޖެ ނާދެވި ޔޫކްރެއިންގައި ދިވެހި 20 ދަރިވަރެއް!
ރަޝިއާ ބޯޑަރު ކައިރީ އުޅޭ ދިވެހިން އަންނަން ފަށައިފި