Roadha Mihaaru
އާސެނަލްގައި ވަރަށް ބައިވަރު މައްސަލަތައް އެބަހުރި

އާސެނަލްގައި ވަރަށް ބައިވަރު މައްސަލަތައް އެބަހުރި: އާޓެޓާ

24 ފެބުރުއަރީ 2022

ލަންޑަން (ފެބްރުއަރީ 24) - އާސެނަލްގައި އޮތް ހަމައެކަނި މައްސަލައަކީ ކެޕްޓަނެއް އިހްތިޔާރު ކުރުން ނޫން ކަމަށާއި އެއަށްވުރެ ގިނަ މައްސަލަތައް އެ ކްލަބްގައި އެބަހުރި ކަމަށް ކޯޗު މިކަލް އާޓެޓާ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (ފެބްރުއަރީ 24) - އާސެނަލްގައި އޮތް ހަމައެކަނި މައްސަލައަކީ ކެޕްޓަނެއް އިހްތިޔާރު ކުރުން ނޫން ކަމަށާއި އެއަށްވުރެ ގިނަ މައްސަލަތައް އެ ކްލަބްގައި އެބަހުރި ކަމަށް ކޯޗު މިކަލް އާޓެޓާ ބުނެފި އެވެ.

ޖެނުއަރީ ޓްރާންސްފާގައި ބާސެލޯނާ އަށް ބަދަލުވުމުގެ ކުރިން ވެސް ޕިއޭ އެމެރިކް އޮބާމަޔަން އަތުން އާސެނަލްގެ ކެޕްޓަން ބޭންޑް ނެގި އެވެ. އޭގެ ފަހުން ކެޕްޓަން ބޭންޑް އަޅަމުން ގެންދިޔައީ އެލްގެޒެންޑާ ލަކެޒެޓް އެވެ. އޭނާގެ ކޮންޓްރެކްޓް ޖޫން މަހު ހަމަވާނެ އެވެ. އަދި މިހާތަނަށް އާ އެއްބަސްވުމަކާ ހަމައަށް ދެވިފައެއް ނުވެ އެވެ.

ދެވަނަ ކެޕްޓަނެއްގެ ގޮތުގައި ހުރީ ރޮބް ހޯލްޑިންގްސް އެވެ. ނަމަވެސް އެކަން އާންމުކޮށް ކުރިއަކަށް ނުދެ އެވެ. ބްރެންޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗްގައި ލަކެޒެޓް ބޭލުމުން ކެޕްޓަން ބޭންޑް އެޅީ ކީރަން ޓީނީ އެވެ.

އާޓެޓާ ބުނީ ކެޕްޓަނެއް އިހްތިޔާރު ކުރުމުގެ މައްސަލަ އަށް ހައްލު ލިބޭނީ ސީޒަން ނިމުމަށް ފަހު ކަމަށެވެ. އޭނާ ބުނީ ކީރަން ޓީނީ އަތުގައި ކެޕްޓަން ބޭންޑް އެޅުވުމުން ސުވާލު އުފެދޭނެކަން އެނގޭ ކަމަށެވެ.

"އެކަމަކު އެނގެންޖެހޭނެ އަހަރެމެން ތެރޭގައި ވަރަށް ގިނަ މައްސަލަތައް އެބަހުރި. އަދި ކެޕްޓަނެއް އިހްތިޔާރު ކުރުމުގެ މައްސަލަ ވެސް އެބައޮތް. އަހަރެން ގެރެންޓީ ދެން މިގޮތަށް ކެޕްޓަން ބޭންޑް ބަދަލުވަމުން ދިއުމަކީ އަހަރެމެން ބޭނުންވާ ގޮތް ނޫންކަން،" އާޓެޓާ ބުންޏެވެ.

"ކޮންމެވެސް މަރުހަލާއެއްގެ ތެރެއިން ދާއިމީ ކެޕްޓަނެއް އިހްތިޔާރު ކުރާނަން. މުބާރާތެއް ނެތި އަހަރެމެންނަށް ވަގުތު ލިބޫނީމަ އެކަން ކުރާނީ."