Roadha Mihaaru
އެތުލެޓިކޯ އަތުން ފަހުވަގުތު ޔުނައިޓެޑް ސަލާމަތް ވެއްޖެ

ފަހު ވަގުތު އެލަންގާ ޖެހި ލަނޑުން އެތުލެޓިކޯ ކައިރިން ޔުނައިޓެޑް ސަލާމަތް ވެއްޖެ

24 ފެބުރުއަރީ 2022

މެޑްރިޑް (ފެބްރުއަރީ 24) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގައި ފަހު ވަގުތު އެންތޮނީ އެލެންގާ ޖެހި ލަނޑުން ޔުނައިޓެޑް ބަލިނުވެ ސަލާމަތް ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (ފެބްރުއަރީ 24) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގައި ފަހު ވަގުތު އެންތޮނީ އެލެންގާ ޖެހި ލަނޑުން ޔުނައިޓެޑް ބަލިނުވެ ސަލާމަތް ވެއްޖެ އެވެ.

ގަދަ 16 ޓީމު ވާދަކުރާ ބުރުގެ ފުރަތަމަ ލެގުގައި އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. އެތުލެޓިކޯ އިން ވަނީ މެޗުގެ ހަތްވަނަ މިނިޓުގައި ރެނަން ލޯޑީގެ ހުރަހަކުން ޔާއޯ ފީލިކްސް ބޮލުން ޖެހި ލަނޑުން ލީޑު ނަގައިފަ އެވެ. އަދި ފުރަތަމަ ހާފު ނިމެނިކޮށް ޑިފެންޑަރު ޝީމޭ ވިސަލްކޯ ބޮލުން ފޮނުވާލި ހަމަލާއެއް ވެސް ވަނީ ޔުނައިޓެޑްގެ ގޯލު ދަނޑިއަށް އަމާޒުވެފަ އެވެ.

ޔުނައިޓެޑުން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް އެޓީމަށް މާ ރަނގަޅު ކުޅުމެއް މެޗުގައި ނުދެއްކުނެވެ. ޔުނައިޓެޑުގެ ޑިފެންސުން ގިނަ ގޯސްތަކެއް ފެނުނު މި މެޗުގައި އެޓީމުގެ ކުޅުން ރަނގަޅުވީ ދެވަނަ ހާފުގައި އެލެކްސް ޓެލެސް އާއި އާރޮން ވަން-ބިސާކާ އަދި އެލެންގާ އެރި ފަހުންނެވެ.

އެލެންގާ ޔުނައިޓެޑަށް އެއްވަރު ކޮށްދިން ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

އެލެންގާ ޔުނައިޓެޑަށް އެއްވަރު ކޮށްދިން ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ފަހު 15 މިނިޓަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެލަންގާ ޔުނައިޓެޑަށް އެއްވަރު ކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށްވެފައި ވަނިކޮށެވެ. މާކަސް ރަޝްފޯޑުގެ ބަދަލުގައި ކުޅެން އެރި އެލަންގާ ވަނީ ބްރޫނޯ ފެނާންޑޭޒް ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައި ޔުނައިޓެޑް ސަލާމަތް ކޮށްދީފަ އެވެ.

ސްވިޑެންގެ ވިންގާ އެލެންގާ، 19، މި ލަނޑު ޖެހީ މެޗުގައި އޭނާއަށް ލިބުނު ފުރަތަމަ ފުރުސަތުގަ އެވެ. މި ލަނޑާ އެކު އޭނާ ވެފައި ވަނީ ޗެމްޕިއަންސް ލީގު ނޮކައުޓް ބުރުގައި ޔުނައިޓެޑަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

މި މަހު ކުޅުނު އެފްއޭ ކަޕް ހަތަރުވަނަ ބުރުގައި މިޑްލްސްބަރާ އަތުން ބަލިވެގެން ޔުނައިޓެޑް ކެޓީ، މެޗު އެއްވަރުވެގެން ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި އެލަންގާ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ. ނަމަވެސް އޭނާ ވަނީ އެންމެ ފަހުން ލީގުގައި ލީޑްސް ޔުނައިޓެޑް އަތުން މޮޅުވި މެޗުގައި ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ލަނޑު ޖަހައިދީފަ އެވެ.

މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް އެތުލެޓިކޯ އިން އަލުން ލީޑު ނެގުމާ ގާތަށް ދިޔަ އެވެ. މާކޮސް ލޮރެންޓޭ ނެގި ކޯނަރަކުން ލިބުނު ބޯޅައެއް އެންޓޮއިން ގްރީޒްމަން ފޮނުވާލި ނަމަވެސް އެ ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އަޔެކްސް އާއި ބެންފީކާ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

އަޔެކްސް އާއި ބެންފީކާ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

މި ބުރުގައި ރޭ ކުޅުނު ނެދަލެންޑްސްގެ އަޔެކްސް އާއި ޕޯޗުގަލްގެ ބެންފީކާ ބައްދަލުކުރި މެޗު އެއްވަރުވީ 2-2ގެ ނަތީޖާއަކުންނެވެ. ބެންފީކާގެ ދަނޑުގައި ކުޅުނު މެޗުގެ 18 ވަނަ މިނިޓުގައި އަޔެކްސް އަށް ލީޑު ނަގައިދިނީ ޑޫސާން ޓަޑިޗް އެވެ.

ބެންފީކާއިން ފުރަތަމަ ފަހަރަށް ނަތީޖާ އެއްވަރުކުރީ 26 ވަނަ މިނިޓުގައި އަޔެކްސްގެ ސަބެސްޓިއަން ހޯލާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ނަމަވެސް އޭގެ ދެ މިނިޓު ފަހުން ހޯލާ ވަނީ ލަނޑެއް ޖަހައި އަޔެކްސް އަށް އަލުން ލީޑު ހޯދައިދީފަ އެވެ. މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ޖެހި 11 ވަނަ ލަނޑެވެ.

ބެންފީކާ އިން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރު ކުރީ ބަދަލެއްގެ ގޮތުގައި ކުޅެން އެރި ޔޫކްރެއިންގެ ފޯވާޑް ރޯމަން ޔަރެމްޗުކް، މެޗުގެ 72 ވަނަ މިނިޓުގައި ޖަހައިދިން ލަނޑުންނެވެ. މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އަޔެކްސް އަށް މޮޅު ނުވެވުނު ފުރަތަމަ މެޗެވެ. އެޓީމުން ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.

ރޭ ކުޅުނު ދެ މެޗުގެ ވެސް ދެވަނަ ލެގު ކުޅޭނީ މާޗު 15 ވަނަ ދުވަހުގެ ރެއެވެ. އަދި ރޭގެ ދެ މެޗާ އެކު ގަދަ 16 ޓީމު ވާދަކުރާ ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް ވަނީ ނިމިފަ އެވެ.