Roadha Mihaaru
އަރުޝަދު ހާލިދުގެ ޑްރަގް ނެޓްވޯކުގެ އޮޕަރޭޝަނެއް!

އަރުޝަދު ހާލިދުގެ ޑްރަގް ނެޓްވޯކުގެ އޮޕަރޭޝަނެއް!

21 ފެބުރުއަރީ 2022

ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް ވަރާއި ހުއްޓުވަން ކުރާ މަސައްކަތް ކިޔައިދޭން މިއަދު ބޭއްވި ހާއްސަ "މީޑިއާ އިވެންޓް" ގައި ދެއްކި އެއް މިސާލަކީ މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދުގެ ނެޓްވޯކް ހަރަކާތްތެރިވާ ގޮތެވެ. އޭނާ އިސްކޮށް ހުރެ 2020 ގައި ނުވަ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ގޮތެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް ވަރާއި ހުއްޓުވަން ކުރާ މަސައްކަތް ކިޔައިދޭން މިއަދު ބޭއްވި ހާއްސަ "މީޑިއާ އިވެންޓް" ގައި ދެއްކި އެއް މިސާލަކީ މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދުގެ ނެޓްވޯކް ހަރަކާތްތެރިވާ ގޮތެވެ. އޭނާ އިސްކޮށް ހުރެ 2020 ގައި ނުވަ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ގޮތެވެ.

އެ އޮޕަރޭޝަންގައި އަރުޝަދުގެ ނެޓްވޯކުގެ ބައިވެރިންނާ ހަވާލުކުރި ޓާސްކްތަކާއި ވިޔަފާރި ހިންގާ ގޮތާއި އަތުލައިގަނެވޭ ފައިސާގެ އަދަދު ވެސް އާއްމުކުރި އެވެ.

ފުލުހުން ބުނިގޮތުގައި ނުވަ ކިލޯގެ މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކުރީ ލަކުޑި ބޯޓެއްގަ އެވެ. ލޯންޗެއްގައި ގޮސް އެ ތަކެތި ކަނޑުމަތިން ނަގަން ހަވާލުކުރި މީހާ އަށް 300،000ރ. އަރުޝަދު ދިން ކަމށް ފުލުހުން ބުންޏެވެ. އޭނާ ބޯޓުން ގެނައި މަސްތުވާތަކެތި އަޅާފައި ހުރީ ދެ ގޯންޏަކަށެވެ.

ފުލުހުން މި ތަކެތި އަތުލައިގަނެ އަރުޝަދާ އެކު އޭނާގެ ނެޓްވޯކްގެ އަށް މީހަކު ހައްޔަރުކުރި އެވެ.

ބަލައި ފާސްކުރި އިރު އަރުޝަދުގެ ވޮލެޓުން އެކަނި ވެސް 167،000 އަށް ވުރެ ގިނަ ރުފިޔާ ފެނުނެވެ.

އަރުޝަދު ދިރިއުޅޭ ގެއިން ފެނުނު ތަޅުދަނޑިއަކުން އޭނާއާ ގުޅުން ހުރި އެހެން އެޕާޓްމެންޓެއްގައި ހުރި ތިޖޫރީއެއް ހުޅުވިއިރު، ފުލުހުން ބުނިގޮތުގައި ލައްކައިން ޑޮލަރު ހުއްޓެވެ. މި ތަހުގީގުގައި ގާތްގަނޑަކަށް 10 ވަރަކަށް ގެ ބަލައި ފާސްކޮށް ޖުމްލަ 4.6 މިލިއަން ރުފިޔާ އަތުލައިގަނެވުނު ކަމަށް ފުލުހުން ބުންޏެވެ.

އެ ގެތައް ފާސްކުރިއިރު ވަނީ މަސްތުވާތަކެތި ބަންދުކުރާ އާލާތްތަކާއި ފައިސާ ގުނާ މެޝިން ވެސް ފެނިފަ އެވެ. މެޝިނަކުން އަރުޝަދުގެ ފިންގާޕްރިންޓް ވެސް ފެނުނެވެ.

ތަހުގީގު ނިންމައި މި މައްސަލައިގައި އަރުޝަދު ހިމެނޭ ގޮތުން އަށް މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އެކަމަކު ކޯޓު މަރުހަލާގައި ދެ މީހަކު ފިޔަވައި އެންމެން ސަލާމަތްވީ އެވެ. އެ މައްސަލަ މިހާރު ޕީޖީން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އަރުޝަދު ވެސް މިނިވަންވެ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، އެ ނެޓްވޯކުގެ އެންމެން ދޫކޮށްލިތާ ތިން މަސް ނުވަނީސް ރާއްޖެ އަށް 119 ކިލޯ ޑްރަގްސް ވަނީ އެތެރެކޮށްފަ އެވެ. މި ކަމުގައި ވެސް އިސްކޮށް ހުރީ ފުލުހުން ތުހުމަތުކުރާ ގޮތުގައި އަރުޝަދު ހާލިދެވެ.

ފުލުހުން ބުނެފައިވާ ގޮތުން ނަމަ މާލެ އަށް މަސްތުވާތަކެތި އެތެރެކުރި ދުވަހު އޭނާ ރާއްޖެ އިން ބޭރަށް ފުރައިގެން ހިނގައްޖެ އެވެ.

ފުލުހުން އާއްމުކުރި އަރުޝަދުގެ ނެޓްވޯކުގެ މައުލޫމާތު:

- މުހައްމަދު ސިދުރަތު، ސުރައްޔާ މަންޒިލް، ގއ. ގެމަނަފުށި.

- އަހުމަދު ސުނައިނު، އިރުމަތީގެ، ގދ. ހޯނޑެއްދޫ.

- އަހުމަދު ގިޔާސް، މެޑްރިޓްހައުސް، ގދ. ހޯނޑެއްދޫ.

- އަލީ ޒުބައިރު، ގުލޭނޫރަންމާގެ، ގދ. ހޯނޑެއްދޫ.

- ހުސައިން ޒަހީން، މަތަރަސްމާގެ، ލ. ކަލައިދޫ.

- އިސްމާއިލް ވިޝާލް، މ. ދާރުލްގަރާރު.

- އަސްލަމް ނާޒިމް، މއ. ވައިލެޓްމާގެ.

- އަހުމަދު އިމްސާހް، މިސްކިތްދޮށުގެ، ޅ. ނައިފަރު.

ފުލުހުން ބުނި ގޮތުގައި އަރުޝަދުގެ ނެޓްވޯކުގައި މަސްތުވާތަކެތިން ލިބޭ ފައިސާ ބެލެހެއްޓުމުގައި އޭނާއެކު އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކީ ސިދުރަތެވެ. ސުނައިނާއި ގިޔާސްއާ ހަވާލުވެފައި އޮތް ދައުރަކީ ވެސް ފައިސާ ބެލެހެއްޓުމެވެ. ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި މާލެތެރެ އަށް ވިއްކުމުގެ ޓާސްކް ހަވާލުކޮށްފައި އޮންނަނީ ޒަހީންއާ އެވެ.

މި ނެޓްވޯކުގެ މީހުންގެ ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ބަލައި ފާސްކުރިއިރު ހަށިގަނޑުން މަސްތުވާތަކެތި ފެނިފައިވެ އެވެ. މި މީހުންނާ ގުޅުން ހުރި މަސްތުވާތަކެތި މަގުމަތިން އަތުލައިގަނެވުނު ކަމަށް ފުލުހުން ބުންޏެވެ. އެ ޕެކެޓްތަކުގެ ޕެކިން ހުރީ އަރުޝަދުގެ އެޕާޓްމަންޓްތަކުން ފެނުނު މަސްތުވާތަކެއްޗާ އެއް ޕެކިންއެއްގަ އެވެ.

"މި ނެޓްވޯކުގެ ހިމެނޭ ފަރާތްތަކުގެ މެދުގައި މިކަން ކުރަމުން ދިޔައީ ވަރަށް ބޮޑަށް ރޭވިގެން، އިންތިޒާމު ވެގެން، ޝެޑިއުލްތައް ހެދިގެން، ބަހާލެވިގެން ކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ. މާލެތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ޑިއުޓީ ބަހައިގެން ކަންކަން ކުރަމުން ދިޔަ ކަން ތަހުގީގަށް ވަނީ އެނގިފައި،" ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު އާތިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 119 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރީ އެ ނެޓްވޯކުގެ މީހުން ދޫކޮށްލިތާ ތިން މަސް ނުވަނީހެވެ.

"ޓެކްސީއެއްގައި ދަނިކޮށް ފުލުހުން ހުއްޓުވައި ފެނުނު މަސްތުވާތަކެއްޗަކީ ވެސް އަރުޝަދު ހާލިދު އިސްވެ މަސައްކަތްކުރާ އަރުޝަދު ހާލިދު ހިމެނޭ ނެޓްވޯކުން ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތިކަން މިހާތަނަށް ލިބިފައިވާ ހެއްކާއި ގަރީނާކަން ފާހަގަކުރަން،" އާތިފް ވިދާޅުވި އެވެ.

މި މައްސަލައިގައި ވަނީ ދައުވާ އުފުލައިފަ އެވެ.

އެހެން ވިޔަސް ފުލުހުން އާއްމުކުރި މައުލޫމާތުން ފެންނަން އޮތީ މަސްތުވާތަކެތީގެ ބޮޑުންގެ ގައިގައި ގިނަ ފަަހަރަށް އަތެއް ނުލެވޭ ތަނެވެ. މި ތުހުމަތުގެ ހެއްކަކަށް އަރުޝަދު ހާލިދާއި އޭނާގެ ޑްރަގު ނެޓްވޯކު ފުދެ އެވެ.