20 ފެބުރުއަރީ 2022
ވާދަވެރި އީރާނާ އެކުގައި މީގެ ކުރިން ހަތަރު ބުރެއްގެ މަތިން ބޭއްވި ވާހަކަތަކުން މާ އެދެވޭ ނަތީޖާއެއް ހާސިލް ނުކުރެވުނަސް، އީރާނާ އެކުގައި ފަސް ވަނަ ބުރެއްގެ ވާހަކަތައް ވަރަށް އަވަހަށް ބާއްވަން ބޭނުންވާ ކަމަށް، ސައޫދީ އަރަބިއްޔާ އިން ބުނެފި އެވެ.
ވާދަވެރި އީރާނާ އެކުގައި މީގެ ކުރިން ހަތަރު ބުރެއްގެ މަތިން ބޭއްވި ވާހަކަތަކުން މާ އެދެވޭ ނަތީޖާއެއް ހާސިލް ނުކުރެވުނަސް، އީރާނާ އެކުގައި ފަސް ވަނަ ބުރެއްގެ ވާހަކަތައް ވަރަށް އަވަހަށް ބާއްވަން ބޭނުންވާ ކަމަށް، ސައޫދީ އަރަބިއްޔާ އިން ބުނެފި އެވެ.
ޖަރުމަން ވިލާތުގެ މިޔުނިކްގައި ބޭއްވި ސަލާމަތީ ކަންކަމާ ބެހޭ މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާ، ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން ވިދާޅުވީ މެދުއިރުމަތީގެ ސުލްހަ ދެމެހެއްޓުމަށްޓަކައި އީރާނާ އެކުގައި ވާހަކަތައް ދެއްކުމަކީ މުހިންމު ކަމެކެވެ.
އީރާނާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން، ސައޫދީން މެދުކަނޑައިލީ އީރާންގެ ވެރިރަށް ތެހެރާންގައި ހުރި ސައޫދީ އަރަބިއްޔާގެ އެމްބަސީ އަށް، 2016 ވަނަ އަހަރުގެ ތެރޭގައި އީރާންގެ އާންމުންގެ ބަޔަކު ވަދެގަނެ ހަމަލާ ދިނުމާ ގުޅިގެންނެވެ. ސައޫދީ އެމްބަސީ އަށް ބަޔަކު ވަދެގަތީ، ސައޫދީ އަރަބިއްޔާގެ ޝީއީ ދީނީ ލީޑަރުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެންނެވެ.
އޭގެ ފަހުން ދެ ގައުމުގެ މެދުގައި ސީދާ ވާހަކަތައް ދެކެވެން ފެށީ، 2021 ވަނަ އަހަރުގެ ތެރޭގައި އިރާގު މެދުވެރިގެން ބަގުދާދުގައި ބޭއްވި މަޝްވަރާ ބައްދަލުވުންތަކާ އެކުގަ އެވެ.
ސައޫދީ ހާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ވިލާތުގެ ގައުމުތަކާއި އީރާނާ ދެމެދު މިހާރު ވިއެނާގައި ކުރަމުންދާ މަޝްވަރާތަކަށް ފަހު، އީރާންގެ ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމަކީ، މެދުއިރުމަތީގެ ކަންބޮޑުވުންތަކަށް ލިބޭނެ ވަރަށް ބޮޑު ހައްލަކަށް ވާނެ އެވެ. ނަމަވެސް މިހާރު ވިއެނާގައި ކުރަމުންދާ މަޝްވަރާތަކުގައި އީރާންގެ މިސައިލް ޕްރޮގްރާމް ހިމަނާފައި ނުވާތީ، ސައޫދީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސައޫދީ އަރަބިއްޔާ އިން ދެކޭ ގޮތުގައި އީރާނުން އުފައްދައި ތައްޔާރުކުރަމުންދާ އެކި ރާސްތާތަކުގެ މިސައިލްތަކަކީ މުޅި މެދުއިރުމައްޗަށް ކުރިމަތިވާ ވަރަށް ބޮޑު ނުރައްކަލެކެވެ. ސައޫދީ އަރަބިއްޔާ އިން މިހާތަނަށް ވެސް އަމިއްލަ ހަތިޔާރެއް ނުއުފައްދައި، މުޅިން ވެސް ބަރޯސާވަމުން އަންނަނީ އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގެ އަސްކަރީ އުފެއްދުންތަކަށެވެ.
މިއާ ހިލާފަށް އެމެރިކާގެ ހަތިޔާރުތައް ހޯދުމުގެ ބަދަލުގައި އީރާނުން އަންނަނީ އަމިއްލަ އަށް ހަތިޔާރު އުފައްދައި އަސްކަރީ ގާބިލުކަން އިތުރު ކުރަމުންނެވެ. ސައޫދީން ތުހުމަތުކުރާ ގޮތުގައި އީރާނުން މަސައްކަތް ކުރަނީ މެދުއިރުމަތީގައި ޝީއީންގެ ނުފޫޒު ފަތުރައި، މުޅި ސަރަހައްދުގެ ސުލްހަ ނަގައިލުމަށެވެ.
ސުންނީ މުސްލިމުންގެ ސައޫދީ އަރަބިއްޔާ އައި ޝީއީ މުސްލިމުންގެ އީރާނާ ދެމެދު ވަރަށް މަދު ކަމެއްގައި މެނުވީ ވަނީ ދެބަސްވުން އުފެދިފަ އެވެ. މިހާރު ދެ ގައުމުގެ މެދުގައި އެންމެ ބޮޑު އަރާރުމެއް އުފެދިފައިވަނީ ޔަމަންގައި ހިނގާ ދާހިލީ ހަނގުރާމައިގެ މައްސަލައިގަ އެވެ.
ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރަން މަސައްކަތް ކުރާ ހޫތީ ހަނގުރާމަވެރިންނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެނީ އީރާން ސަރުކާރުންނެވެ. ޔަމަންގެ ސަރުކާރު ސިފައިންނަށް އަސްކަރީ މަދަދު ފޯރުކޮށްދެނީ ސައޫދީ އަރަބިއްޔާ އިސްވެ އެކުލަވާލާފައިވާ ގުޅިފައިވާ އަރަބި ލަޝްކަރުންނެވެ.
ސައޫދީން ތުހުމަތުކުރާ ގޮތުގައި ހޫތީ ހަނގުރާމަވެރިންނަށް ބެލިސްޓިކް މިސައިލާއި، ޑްރޯން މަތިންދާބޯޓުގެ ބައިތައް ފޯރުކޮށްދެނީ އީރާނުންނެވެ. ހޫތީ ހަނގުރާމަވެރިން ގެންދަނީ ޑްރޯން މަތިންދާބޯޓާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން ސައޫދީ އަރަބިއްޔާ އަށާއި އެމިރޭޓްސް އަށް ހަމަލާ ދެމުންނެވެ.
ސައޫދީ-އީރާން ގުޅުން، އެމެރިކާ އަށް ލަދެއް
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ
ސައޫދީ ރަސްގެފާނު އީރާންގެ ރައީސަށް ދައުވަތު އަރުވައިފި
ސައޫދީގައި އީރާންގެ އެމްބަސީ ހުޅުވައިފި
ސުލްހައިގެ ވާހަކަތަކަށް ސައޫދީގެ ވަފުދެއް ޔަމަންގައި
ސައޫދީގެ ޑިޕްލޮމެޓިކް ވަފްދެއް އީރާނަށް
ސައޫދީ އާއި އީރާނާ ދެމެދު ވައިގެ ދަތުރުތައް ފަށަނީ
ޗައިނާ އިއްތިހާދުގައި ސައޫދީ ބައިވެރިވާނެ
އީރާން-ސައޫދީ ޚާރިޖީ ވަޒީރުން މިމަހު ބައްދަލުކުރައްވަނީ
ސަލްމާން ރަސްގެފާނުގެ ދައުވަތެއް އީރާންގެ ރައީސަށް