Roadha Mihaaru
ނަންޓްސް އިން ބަދަލު ހިފައި ޕީއެސްޖީ ބަލިކޮށްފި

ނަންޓްސް އިން ބަދަލު ހިފައި ޕީއެސްޖީ ބަލިކޮށްފި

20 ފެބުރުއަރީ 2022

ނަންޓްސް (ފެބްރުއަރީ 20) - ފްރާންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ނަންޓްސް ކާމިޔާބު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ނަންޓްސް (ފެބްރުއަރީ 20) - ފްރާންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ނަންޓްސް ކާމިޔާބު ކޮށްފި އެވެ.

ޕީއެސްޖީގެ ދަނޑުގައި ނަންޓްސްއާ ދެކޮޅަށް ކުޅުނު މެޗު ވަނީ ހަމަ މި ނަތީޖާއިން ޕީއެސްޖީ ވަނީ ކާމިޔާބު ކޮށްފަ އެވެ. މިދިޔަ ނޮވެމްބަރު މަހު ކުޅުނު އެ މެޗަކީ މި ސީޒަނުގައި ޕީއެސްޖީއަށް ބަދަލުވި ލިއޮނެލް މެސީ ފްރާންސް ލީގުގައި މިހާތަނަށް ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކުރި މެޗު ވެސް މެ އެވެ.

ނަންޓްސް ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހައިފަ އެވެ. ކައުންޓާ އެޓޭކެއްގައި ނަންޓްސްގެ ފޯވާޑް ރަންޑަލް ކޯލޯ މުއާނީ، 23، މެޗުގެ ހަތަރު ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖެހިއިރު، 14 ވަނަ މިނިޓުގައި ކުއެންޓިން މާލިން، 19، ވަނީ ލީޑު ފުޅާކޮށްދީފަ އެވެ. ކުރިން ލިވަޕޫލަށް ކުޅުނު ޖޯޖީނީ ވައިނާލްޑަމް އަތުގައި ބޯޅަ ޖެހިގެން ލިބުނު ޕެނަލްޓީއަކުން ތިން ވަނަ ލަނޑު ޖަހައިދިނީ ލޫޑޮވިކް ބްލާސް އެވެ.

މެސީގެ އިތުރުން ކިލިއަން އެމްބާޕޭ އާއި ނޭމާ ވެސް ކުޅުނު ޕީއެސްޖީން ވަނީ ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ގޯލު ޖަހައި އުންމީދެއް ހޯދައިފަ އެވެ. މެސީގެ އެހީތެރިކަމާ އެކު މި ލަނޑު ޖަހައިދިނީ ނޭމާ އެވެ. މެޗުގެ 59 ވަނަ މިނިޓުގައި ޕީއެސްޖީއަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފަ އެވެ. އެމްބާޕޭ އަށް ކުރި ފައުލަކަށް ލިބުނު މި ޕެނަލްޓީން ނޭމާ ފޮނުވާލި ބޯޅަ ނަންޓްސްގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.

މިއީ، މިދިޔަ ހަފްތާގެ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑު ބަލިކުރި ޕީއެސްޖީން ފްރާންސް ލީގުގައި މި ސީޒަނުގައި ބަލިވި ދެވަނަ މެޗެވެ. މީގެ ކުރިން ރަށުން ބޭރުގައި ރެންސް އަތުން ވަނީ ބަލިވެފަ އެވެ. މި ނަތީޖާއާ އެކު ޕީއެސްޖީ އެއްވަނައިގައި އޮތީ 25 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް މާސޭ ކުޅުނު 24 މެޗުން ލިބިފައި ވަނީ 46 ޕޮއިންޓެވެ.

ރޭގެ މޮޅާ އެކު ނަންޓްސް ވަނީ ފައިދާ ގޯލުގެ ތަފާތުން ޓޭބަލްގެ ފަސްވަނައަށް ޖެހިލައިފަ އެވެ. ހަވަނައިގައި އޮތް ލިޔޯން އަށް ވެސް ކުޅުނު 25 މެޗުން ލިބިފައި ވަނީ 38 ޕޮއިންޓެވެ.

މިދިޔަ ސީޒަނުގައި އެންމެ ފުރަތަމަ ނަންޓްސްގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ވަނީ ފަސޭހަކަމާ އެކު ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ޕީއެސްޖީގެ ދަނޑުގައި ނަންޓްސް ވަނީ ޕީއެސްޖީއަށް ލަނޑު ދީފަ އެވެ.