Roadha Mihaaru
މަޑިވަރު ޓިކެޓްގެ އަގު ހެޔޮކޮށްދޭނަން: ރައީސް

މަޑިވަރު ޓިކެޓުގެ އަގަށް ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް

19 ފެބުރުއަރީ 2022

ޅ. މަޑިވަރު އެއާޕޯޓަށް ކުރާ ދަތުރުތަކުގެ ޓިކެޓު އަގު ބޮޑު ކަމަށް ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން އައިލެންޑް އޭވިއޭޝަނާ މަޝްވަރާކޮށް، ރަނގަޅު ހައްލެއް ހޯއްދަވައި ދެއްވާނެ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޅ. މަޑިވަރު އެއާޕޯޓަށް ކުރާ ދަތުރުތަކުގެ ޓިކެޓު އަގު ބޮޑު ކަމަށް ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން އައިލެންޑް އޭވިއޭޝަނާ މަޝްވަރާކޮށް، ރަނގަޅު ހައްލެއް ހޯއްދަވައި ދެއްވާނެ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ޅ. ނައިފަރުގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް އެ ރަށުގެ ކައުންސިލާ ހަވާލުކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މަޑިވަރު އެއާޕޯޓް ހުޅުވުމަކީ ޅ. އަތޮޅުގެ އިގްތިސާދަށް ލިބުނު އާ ދިރިމެއް ކަމަށެވެ. އަދިި އެ އަތޮޅު ދަތުރުފަތުރަށް ވެސް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަން ފާހަގަކުރެއްވި އެވެ.

މަޑިވަރު އެއާޕޯޓް ހުޅުވިޔަސް ޓިކެޓުގެ އަގު ބޮޑު މައްސަލައިގައި ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ. އެ އެއާޕޯޓުގެ ދަތުރުތަކުގައި ކޮޅަކަށް 1،029ރ. ހޭދަކުރަން ޖެހެ އެވެ.

މި އަގު ބަލައިގަންނަން އުނދަގޫވެފައިވާ ކަން އެނގިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އަގާ މެދު ވަގުތުން އެއްޗެއް ދަންނަވަން ދަތިވިޔަސް އެކަމަށް ރަނގަޅު ހައްލެއް ގެނެސްދެއްވާނެ އެވެ.

ސަރުކާރުން ޅ. ނައިފަރުގައި އިމާރާތްކުރި 100 ހައުސިން ޔުނިޓް ނައިފަރު ކައުންސިލާ ހަވާލުކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ޅ. ނައިފަރުގައި އިމާރާތްކުރި 100 ހައުސިން ޔުނިޓް ނައިފަރު ކައުންސިލާ ހަވާލުކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"އިރާދަކުރެއްވިޔާ އަޅުގަނޑު އައިލެންޑް އޭވިއޭޝަނާ ވާހަކަދައްކާ، އެކަމަށް ރަނގަޅު ހައްލެއް ގެނައުމުގެ މަސައްކަތް ލަސްތަކެއް ނުވެ ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ހަރަދު ކޮށްގެން ކުރެއްދޫ ހޯލްޑިންގްސް އިން ހެދި މަޑިވަރު އެއާޕޯޓް ހިންގުން ހަވާލުކޮށްފައި ވަނީ އައިލެންޑް އޭވިއޭޝަނާ އެވެ. ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަނުން އިއުލާން ކޮށްފައިވާ ގޮތުގައި މާދަމާ އެ އެއާޕޯޓަށް ދަތުރުތައް ފަށާނެ އެވެ.

"100 ހައުސިން ޔުނިޓަކުން ބޯހިޔާވަހިކަން ހައްލު ނުވާނެ"

އެ ރަސްމިއްޔާތުގައި ރައީސް އިތުރަށް ވިދާޅުވީ، ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓުން އެކަނި އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުނުވާނެ ކަން ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު މި މަޝްރޫއަކީ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓުގެ އިމާރާތްތައް.-- ފޮޓޯ: ނައިފަރު ކައުންސިލް

ސަރުކާރުން ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓުގެ އިމާރާތްތައް.-- ފޮޓޯ: ނައިފަރު ކައުންސިލް

ރައީސް ވިދާޅުވި ގޮތުގައި ތޮއްޖެހިގެން މީހުން ދިރިއުޅެމުން އަންނަ އެ ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރަން އިތުރު މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހެ އެެވެ.

"މީގެ ކުރިން މި ރަށުގައި 25 ރޯހައުސް އެޅިގެން ދިޔައީ އެމްޑީޕީގެ ކުރީގެ ސަރުކާރުގައި، ރައީސް ނަޝީދުގެ ވެރިކަމުގައި. އެއަށް ފަހުގައި އަނެއްކާ ވެސް ކަންދިމާކުރި ގޮތުން، މި ރަށުގައި 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމިގެން މި ދަނީ އަނެއްކާ ވެސް އަޅުގަނޑުމެން [އެމްޑީޕީ] ތަމްސީލުވާ ސަރުކާރެއްގައި،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ނައިފަރުގައި ގެދޮރުވެރިކަން ނެތް އެތައް އާއިލާއެއްގެ ކޮންމެސް ބަޔަކަށް [މި ފްލެޓުތަކުން] ހައްލެއް ލިބިގެންދާނެ ކަމަށް."

ރައީސް ވިދާޅުވީ ނައިފަރުގައި މިހާރު ކުރިއަށްދާ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން އެ ރަށުގެ މަގުތަކުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ހަދާނެ ކަމަށެވެ. ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ މަޝްރުއޫގެ ތެރެއިން އެ ރަށަކީ އެ ނިޒާމުގެ ސަރަހައްދީ މަރުކަޒަކަށް ހަދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނައިފަރުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ވެސް ކޮށްދޭނެ ކަމަށާއި އަދި އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނުގައި ނައިފަރުގެ ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ގޮތަށް، އެ ރަށުގެ ބިން ވެސް ހިއްކައިދޭނެ ކަމަށް ވިދާޅުވި އެވެ.

ޅ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް މިއަދު ވަނީ އެމަނިކުފާނުގެ އުފަން ރަށް ޅ. ހިންނަވަރަށް އަދި ފެލިވަރަށް ވެސް ވަޑައިގެންފަ އެވެ. މި ތިން ދުވަހުގެ މި ދަތުރުފުޅުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް ވަޑައިގަންނަވާނެ އެވެ.