Roadha Mihaaru
ވިލިމާލެ ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދެނީ

ވިލިމާލެ ސިނާއީ ސަރަހައްދުގައި ހުސްކޮށް ހުރި ބިންތައް ކުއްޔަށް ދެނީ

17 ފެބުރުއަރީ 2022

ވިލިމާލޭގެ ސިނާއީ ސަރަހައްދުގައި ހުސްކޮށް ހުރި ބިންތައް އިގްތިސާދީ މަސައްކަތްކުރުމަށް ކުއްޔަށް ދޫކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވިލިމާލޭގެ ސިނާއީ ސަރަހައްދުގައި ހުސްކޮށް ހުރި ބިންތައް އިގްތިސާދީ މަސައްކަތްކުރުމަށް ކުއްޔަށް ދޫކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލްގެ އާންމު ޖަލްސާގައި ނިންމީ ވިލިމާލޭގެ ދެކުނު ފަރާތުގައި އޮންނަ ސިނާއީ ސަރަހައްދުގައި މި ވަގުތު ހުސްކޮށް ހުރި 13 ސްލޮޓް ސިނާއީ އެކި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދިނުމަށް ފުރުސަތު ހުޅުވާލާށެވެ. އަދި ހުށަހެޅުން ފާސްކުރީ އެ ސްލޮޓްތަކުގެ ދެބައިކުޅަ އެއްބައި ވިލިމާލޭގެ ރައްޔިތުންނަށް ލިބޭ ގޮތަށް ދިނުމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ވިލިމާލޭގައި ސިނާއީ މަސައްކަތް ކުރާ ފަރާތްތަކުން މިހާރު ވެސް ކުއްޔަށް ހިފާފައިވާ ސްލޮޓްތަކަށް ދައްކަން ޖެހޭ ފައިސާ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ކުރިން ދައްކަން އަންގާފައިވާ އިރު، އެ މުއްދަތު ހަމަވި އިރު ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ އެގްރިމެންޓް ބާތިލްކުރަން ނިންމާފައިވާ ކަމަށެވެ.

އެ އެގްރީމެންޓްތައް ބާތިލުކޮށް، ބިން ވަކިކޮށް ނުލިބިވާ ފައިސާ ހޯދުމަށް ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ކުރަން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އެދި ހުށަހެޅުނު ހުށަހެޅުމަށް، އެ ޖަލްސާގެ ރިޔާސަތުން ވޯޓަށް އެހުމުން ޖަލްސާގައި ބައިވެރިވެވަޑައިގަތް ހުރިހާ މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ފާސްކޮށްފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި އާންމުން ޖަލްސާގައި ވިލިމާލެ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ (މ): ވިލިމާލެ ސިނައީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރަން ހުށަހެޅުއްވީ ނަހުލާ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލުން

މާލޭ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި އާންމުން ޖަލްސާގައި ވިލިމާލެ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ (މ): ވިލިމާލެ ސިނައީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރަން ހުށަހެޅުއްވީ ނަހުލާ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލުން

ވިލިމާލޭގެ ސިނައީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމަށް ހުށަހެޅުއްވި ވިލިމާލެ ދާއިރާއިގެ ކައުންސިލް މެމްބަރު ނަހުލާ އަލީ ވަނީ އެ އަވަށުގެ ސިނާއީ ސަރަޙައްދުގެ ބިން މިހާރު ބޭނުންކުރަމުން އަންނަ ބައެއް ފަރާތްތަކުން ފައިސާ ނުދައްކާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"މިދިޔަ އަހަރުގެ ނިޔަލަށް އެ ފައިސާ ދެއްކުމަށް ވާނީ މުއްދަތެއް ދެވިފައި. އެހެން ނަމަވެސް އެއް ބަޔަކު ފައިސާ ދައްކާފައި ވާއިރު، އޭގެ ތެރޭގައި ފައިސާ ނުދައްކާ ފަރާތްތަކެއް ވެސް ހުރުމާއި އެކީގައި އަޅުގަނޑު ހުށަހަޅާލަން ބޭނުންވޭ އެންމެ ފަހުގެ ނޯޓިސް މިބޭފުޅުންނަށް ދެއްވުމަށް،" ނަހުލާ ވިދާޅުވި އެވެ.

އިއްޔެގެ ޖަލްސާގައި ވަނީ ވިލިމާލޭގައި ފައިބާ ދޯނީގެ މަސައްކަތް ކުރާ މީހުންނާއި ހުއިފި ލަނޑާގެ މަސައްކަތް ކުރާ މީހުން އަދި އެ މަސައްކަތް އާންމު ރައްޔިތުންނަށް އުނދަގޫނުވާ ގޮތަށް އެހެން ސަރަހައްދެއްގައި ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ވެސް ފާސްކޮށްފަ އެވެ.