Roadha Mihaaru
ކޮންސްޓެބިއުލަރީ ހިދުމަތް ދިނުމަށް އެއްބަސްވުން ހަދައިފި

ކޮންސްޓެބިއުލަރީގެ ހިދުމަތް ދިނުމަށް އެއްބަސްވުމެއް ހަދައިފި

15 ފެބުރުއަރީ 2022

މާލޭގައި ސްޕެޝަލް ކޮންސްޓެބިއުލަރީގެ ހިދުމަތް ދިނުމަށް މާލެ ސިޓީ ކައުންސިލުން ފުލުހުންނާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ސްޕެޝަލް ކޮންސްޓެބިއުލަރީގެ ހިދުމަތް ދިނުމަށް މާލެ ސިޓީ ކައުންސިލުން ފުލުހުންނާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެ އެއްބަސްވުމާ އެކު، ފުލުހުންނާއި ސިޓީ ކައުންސިލް ގުޅިގެން މާލޭގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގެ އުސޫލުތައް ހަރުދަނާ ކުރެވޭނެ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން މާލެ އާއި ވިލިމާލޭގެ މަގުތަކާއި ޕާކުތަކާއި މައިދާންތަކުގެ އިތުރުން ޕޭވްމަންޓްމަތީގައި ނުވަތަ އާންމު ތަންތަނުގައި ގަވާއިދާ ހިލާފަށް ތަކެތި ބަހައްޓާ ފަރާތްތައް ހޯދައި، އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި އަދި އެފަދަ ފަރާތްތަކުގެ މައުލޫމާތު ދެނެގަތުމުގައި ކައުންސިލަށް ފަސޭހަވާނެ ކަމަށް ބުންޏެވެ.

އެއްބަސްވުމުގައި ހިމެނޭ އިތުރު ބައެއް ކަންކަން

- މާލޭގެ މަގުތަކާއި ހުސްބިންތަކާއި ޕާކުތަކާއި މައިދާންތަކާއި އަދި ވިޔަފާރިކުރާ ސަރަހައްދުތަކުގައި ހުއްދަ ނުނަގައި ހިންގާ ކަންކަން ބަލައި އެފަދަ ކަންކަން ހުއްޓުވައި، އެ ފަރާތްތަކުގެ މައުލޫމާތު ފުލުހުން ކައުންސިލާ ހިއްސާކުރުމާއި އަދި އެ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން.

- މާލޭގެ މަގުތަކާއި އެ ނޫން ވެސް ތަންތަނަށް ކުނިއެޅުން ހުއްޓުވާއި ކުނިއަޅާ ފަރާތްތައް ދެނެގަނެ އެ ފަރާތްތައް ޖޫރިމަނާކުރުމުގެ ގޮތުން ދޭން ޖެހޭ ލިޔުންތައް ދިނުމާ އެކު އެ ފަރާތްތަކުގެ މައުލޫމާތު ފުލުހުން ކައުންސިލާ ހިއްސާކުރުން.

- މާލޭގެ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނުގައި އެކަން ކުރާނަމަ، ހުއްޓުވާއި ފިޔަވަޅު އެޅުން.

- ސިޓީ ކައުންސިލުން ފެޓްރޯލްކޮށް ބަލަހައްޓާ ތަނެއްގައި ދިމާވާކަމެއްގެ ސަބަބުން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހިއްޖެ ނަމަ، އެކަންތައް ކުރުން.

- ސިޓީ ކައުންސިލުން ފެޓްރޯލްކޮށް ބަލަހައްޓާ ތަނެއްގައި އެއްވެސް ކަހަލަ ކުށެއް ހިނގާ ނަމަ ފުލުހުންގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަން ކުރުން.

ސްޕެޝަލް ކޮންސްޓެބިއުލަރީގެ ހިދުމަތް ދިނުމަށް ވެވުނު އެއްބަސްވުމުގައި މިއަދު ސޮއިކުރިޔަސް، އެ ހިދުމަތް ފެށުމަށް ފުލުހުން ތަމްރީނުކުރުމަށް ގާތްގަނޑަކަށް ތިން މަސް ހޭދަވާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އެ ތަމްރީނުތައް ނިމުނުހާ އަވަހަކަށް އެ ހިދުމަތް ފަށާނެ އެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން ފުލުހުން މި ހިދުމަތް ދޭނީ މެއި 14، 2022 އިން ފެށިގެން މެއި 13، 2024 ގެ ނިޔަލަށެވެ.

ފުލުހުންގެ ފަރާތުން ހޯދާ ސްޕެޝަލް ކޮންސްޓެބްލަރީ ހިދުމަތަށް ބޭނުންވާ ބަޖެޓް ހަމަޖައްސާނީ ސިޓީ ކައުންސިލުންނެވެ.