29 މެއި 2020
މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް މާދަމާއިން ފެށިގެން ލުއިތަކެއް ދޭއިރު ވިޔަފާރި ކުރުމުގެ ހުއްދަ އޮންނާނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް މާދަމާއިން ފެށިގެން ލުއިތަކެއް ދޭއިރު ވިޔަފާރި ކުރުމުގެ ހުއްދަ އޮންނާނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލޭން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި އިއުލާން ކޮށްފައިވާ ލޮކްޑައުން އަށް ލުއި ދޭއިރު، ކޮންމެ ހަފުތާއަކު ވެސް ގެއަކުން ތިން މީހަކަށް ހަފުތާއަކު ދެ ދުވަހު، ކޮންމެ ދުވަހަކު ދެ ގަޑިއިރަށް ބޭރަށް ދާން ހުއްދަ ދޭނެ އެވެ. މިހާތަނަށް ހުއްދަ ދެމުން އައީ ގެއަކުން އެކަކަށް ހަފްތާއަކު އެއް ފަހަރު އެއް ގަޑިއިރަށެވެ.
މިހާރު ފިހާރަތައް ރޭގަނޑު 11:00 އަށް ހުޅުވާފައި ބެހެއްޓެވެ. ކުރިއަށް އޮތް ދެ ހަފުތާގައި އިތުރު ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދޭން އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ.
ފުލުހުންނާއި ސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހެނދު 9:00 އިން ރޭގަނޑު 9:00 އަށް ކަމަށާއި ފިހާރަތަކަށް ގޮސްގެން ހިދުމަތް ހޯދުމަށާއި ޑެލިވަރީ ކުރުމަށް ހުއްދަ ދޭ ތަންތަން ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ހުއްދަ ދޭ ގޮތާ ހިލާފުވާ ވިޔަފާރިތަކަށް ހުއްދަ ބާތިލް ކުރާނެ ކަމަށް ފައިރޫޝް ވިދާޅުވި އެވެ.
ހުއްދަ ހޯދުމަށް ގެނެސްފައިވާ ބަދަލުތަކުގެ ތަފްސީލް މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ގެއިން ބޭރަށް ނުކުތުމަށް ހުއްދަތައް ނެގުން ދެން ވެސް ކުރިއަށް ގެންދާނީ މިހާރެކޭ އެއްގޮތަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. ނަމަވެސް ވިޔަފާރިތަކާ ގުޅިގެން ނަގާ ހުއްދަތަކަށް ދެން އެދެން ޖެހޭނީ ސިޓީ ކައުންސިލްގެ ޕޯޓަލް އިން ކަމަށް ޝަމާއު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޮފީސްތައް ހުޅުވުމުގެ ހުއްދަ ނަގަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރި ޝަމާއު ޝަރީފް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި: ވިޔަފާރިތަކަށް ދެން ހުއްދަ ދޭނީ ސިޓީ ކައުންސިލުން-- ފޮޓޯ: ޕޮލިސް
ސިޓީ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީގައި އެދޭ ހުއްދަތައް ވެސް ސައްހަތޯ ބެލުމަށް ފަހު ހުއްދަ ދޭނީ ފުލުހުން ކަމަށް ޝަމާއު ވިދާޅުވި އެވެ.
"ސިޓީ ކައުންސިލަށް ހުށަހެޅުމުން ވެރިފިކޭޝަން ޕްރޮސެސްއެއް ދިއުމަށް ފަހު ފުލުހުން ހުއްދަތައް ދޫކުރަމުން އަންނާނީ،" ޝަމާއު ވިދާޅުވި އެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވި ގޮތުގައި، ގެއިން ބޭރަށް ނުކުތުމަށް ފަރުދުންނަށް ދޭ ހުއްދައިގެ އިތުރުން ދަތުރު ކުރުމަށް ދޭ ހުއްދަ ވެސް ދޫކުރާނީ ފުލުހުން ކަމަށެވެ.
"އެއީ އެއްރަށުން އަނެއް ރަށަށް ކަމުގައި ވިޔަސް. އަދި މާލެތެރޭގައި ކަމުގައިވިޔަސް އަދި މެޑިކަލް ކަންތައްތަކުގައި އެއްރަށުން އަނެއް ރަށަށް ދާން ޖެހުނު ކަމުގައި ވިޔަސް އަޅުގަނޑުމެން އެ ޕާމިޓް ދޫ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ،" ނަވީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ލޮކްޑައުންއާ ގުޅިގެން ފުލުހުން ފުރަތަމަ ދޫކޮށްފައިވާ އެއްވެސް ހުއްދައެއް ބާތިލް ނުވާނެ އެވެ. އެހެންވެ، އެ ހުއްދަތަކާއެކު ބޭރުގައި އުޅެވޭނެ ކަމަށް ވިދާޅުވި އެވެ. ނަވީން ވިދާޅުވީ ހުއްދައާއެކު މަގުމަތީގައި އުޅޭ މީހުން ވެސް ތިބެން ޖެހޭނީ މާސްކް އަޅައިގެން، ގައިދުރުކަން ބަހައްޓައިގެން ކަމަށެވެ.
ލުއިތަކާއެކު ގެއަކުން ތިން މީހުންނަށް ބޭރަށް ނުކުތުމުގެ ހުއްދަ ދޭއިރު އެ ހުއްދަ އަށް އެދުމުގެ ފުރުސަތު މިރެއިން ފެށިގެން ހުޅުވާލާނެ ކަމަށާއި ހުއްދައަށް އެދޭއިރު އެ ގޭބިސީއެއްގެ ކަރަންޓް މީޓަރުގެ ނަމްބަރު ފުލުހުންނަށް ފޮނުވަން ޖެހޭނެ ކަމަށް ފައިރޫޝް ވިދާޅުވި އެވެ. އެގޮތަށް ނިންމާފައިވަނީ ހުއްދައަށް އެދޭ މީހުންނަކީ އެގޭގައި އުޅޭ މީހުންކަން ޔަގީން ކުރުމަށް ކަމަށް ވެސް ފައިރޫޝް ވިދާޅުވި އެވެ.
ފައިރޫޝް ވިދާޅުވި ގޮތުގައި ވަކި ވަގުތުތަކެއްގައި ބޭރަށް ނުކުތުމަށް ގިނަ ބަޔަކު ބޭނުންވާތީ، ކުރިއެކޭ އެއްގޮތަށް ބޭރަށް ނުކުމެވޭ ގަޑި ކަނޑައަޅާނީ އޮޓޮމެޓިކް ނިޒާމެއްގެ ތެރެއިންނެވެ. އަދި އެކި ހަފުތާގައި އެކި މީހުންނަށް ހުއްދަ ދެވޭނީ އެކި ގަޑިތަކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފައިރޫޝް ވިދާޅުވީ ބޭރަށް ނުކުންނަން މިހާތަނަށް 31،000 މީހަކަށް ފުލުހުން ހުއްދަ ދީފައިވާ ކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް މާލޭގައި މަދުވެގެން 40،000 މޫވްމެންޓް ހިނގާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވި އެވެ. ވިޔަފާރި ކުރަން އެކަނިވެސް ގާތްގަނޑަކަށް 17،000 މީހުންނަށް ހުއްދަ ދީފައިވާ ކަމަށް ކަމަށާއި މިހާރު ގަޑިއަކު ހާހެއްހާ މީހުން މާލެ ތެރޭގައި އުޅޭއިރު އާ ހުއްދަތަކާއެކު އެ އަދަދު ތިން ގުނަ އިތުރުވާނެ ކަމަށް ފައިރޫޝް ލަފާކުރެއްވި އެވެ.
"ލޮކްޑައުން އީސް (ލުއި) ކުރެވުނަސް ފުލުހުންގެ މަސައްކަތައް ލުޔެއް ނާންނާނެ. ފުލުހުންގެ މަސައްކަތުގައި މިހާރުވެސް ޕްލޭން ކުރެވިފައި ހުރި ގޮތަށް ކަންތައްތައް ކުރިއަށް ގެންދެވޭނެ،"
އާ ހުއްދަތައް ދެނީ ކުރިން ދިން ގޮތަށް ވަކި ސަރަހައްދެއްގައި އެކަނި އުޅެވޭނެ ގޮތުގެ ބަދަލުގައި މުޅި މާލޭގައި އުޅެވޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހުޅުމާލޭގައި އުޅޭ މީހުންނަށް ވިޔަފާރި ކުރަން މާލެ ނާދެވޭނެ ކަމަށާއި މާލޭގައި އުޅޭ މީހުންނަށް ވިޔަފާރި ކުރަން ހުޅުމާލެއަށް ވެސް ނުދެވޭނެ ކަމަށް ފައިރޫޝް ވިދާޅުވި އެވެ. ނަމަވެސް ވިދާޅުވީ ވިލިމާލޭގައި އުޅޭ މީހުންނަށް ވިޔަފާރި ކުރަން މާލެ އާދެވޭނެ ކަމަށެވެ.
ވިޔަފާރިކުރާ ފަރާތްތަކުން ވެސް ވަކި އުސޫލުތަކަކަށް އަމަލު ކުރަން ޖެހޭ ކަމަށާއި އެގޮތުން ހިދުމަތް ހޯދަން އަންނަ މީހުން މަދުވެގެން ތިން ފޫޓް ދުރުމިނެއްގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހެ އެވެ. ފައިރޫޝް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވިޔަފާރި ހިންގާ ތަންތަނަށް ގޮސް އެތަންތަނުގައި އެއް ފަހަރާ ހިދުމަތް ދެވޭނެ މީހުންގެ އަދަދު ކަނޑައަޅާނެ ކަމަށެވެ.
ފައިރޫޝް ވިދާޅުވި ގޮތުގައި ބެންކްތަކުން ހިދުމަތް ހޯދޭނީ ކުރިއާލާ އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ފަހުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބެންކްގެ ހިދުމަތް ވެސް ދޭން ޖެހޭނީ ގިނަ ބަޔަކު ތޮއްނުޖެހޭނެ އިންތިޒާމެއްގެ ތެރެއިންނެވެ. ހިދުމަތް ހޯދަންދާ މީހުންގެ ޓެމްޕަރޭޗާ ބެލުމަށް ފަހުގައި ނޫނީ އެތެރެއަށް ނުވައްދަން ބައެއް ބެންކް ތަކުން ނިންމައިފައިވާ ކަމަށްވެސް ފައިރޫޝް ވިދާޅުވި އެވެ.
ފަހާތަންތަނަށް މީހުން ގޮސްގެން ހިދުމަތް ހޯދުމުގެ ފުރުސަތު ނުލިބޭނެ ކަމަށާއި ފަހާތަންތަން ހުޅުވަން ހުއްދަ ދޭން ނިންމި ސަބަބަކީ ރިސައިކަލް ކުރެވޭނެ މާސްކް އުފެއްދުން ކަމަށް ފައިރޫޝް ވިދާޅުވި އެވެ. ނަމަވެސް ކުރިން ހަވާލުވެފައި ހުރި ތަކެތި ފަހައި ނިންމުމުގެ ހުއްދަ ދޭނެ އެވެ. އަދި މި ދެ ހަފްތާގެ ތެރޭގައި ބޯކޮށާ ތަންތަން ހުޅުވުމަށް ހުއްދައެއް ނުދޭނެ އެވެ.
ލޮކްޑައުން ނިމުނު ފަހުން ކުރި ޖޫރިމަނާ ސައްހައެއް ނޫން
ފުލުހުން ބިޒްނަސް ޕާމިޓް ދޫކުރަން ފެށުން މައްސަލައަކަށް
ލޮކްޑައުންއާ ހިލާފުވި މީހުންނަށް ދައުވާކުރަން ފޮނުވައިފި
ކޮންސްޓެބިއުލަރީ ހިދުމަތް ދިނުމަށް އެއްބަސްވުން ހަދައިފި
މާލޭގެ ހަރުކަށި ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށްފި
ރޭގަނޑު 8 އިން ފަތިހު 5 އަށް އުޅަނދުތައް މަނާ!
ރޭގަނޑު 10 އިން ފަތިހު 5 އަށް، ކާފިއު ގަޑި
ލޮކްޑައުނާ ހިލާފުވެގެން އެކަކު 28 ފަހަރު ޖޫރިމަނާކުރި
ލޮކްޑައުންއާ ހިލާފުވި 312 މީހެއްގެ މައްސަލަ ޕީޖީއަށް
ލޮކްޑައުން އޮޅި، ޖޫރިމަނާއާ މެދު ސުވާލު އުފެދިއްޖެ