Roadha Mihaaru
ލޮކްޑައުންއާ ހިލާފުވި މީހުންނަށް ދައުވާކުރަން ފޮނުވައިފި

ލޮކްޑައުންއާ ހިލާފުވި ބައެއް މީހުންނަށް ދައުވާކުރަން ފޮނުވައިފި

29 މެއި 2020

މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުންއާ ހިލާފުވެގެން ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުންއާ ހިލާފުވެގެން ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުންނާއި ސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް، ވިދާޅުވީ ލޮކްޑައުންގެ އުސޫލުތަކާ ހިލާފުވެގެން މިހާތަނަށް 328 މީހަކު ހައްޔަރުކޮށްފައި ވާއިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ވަނީ ދޫކޮށްލައިފައި ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ބައެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފައިރޫޝް ވިދާޅުވި އެވެ.

މިހާރު ހައްޔަރުކޮށްފައި ތިބި މީހުންގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް އެދި ފޮނުވަން ނިންމައިފައިވާ ކަމަށް ފައިރޫޝް ވިދާޅުވި އެވެ.

ލޮކްޑައުންގެ އަމުރާ ހިލާފު ވުމުން ފުލުހުން ފުރަތަމަ ދެނީ ނަސޭހަތެވެ. އެއަށް ފަހު ޖޫރިމަނާ ކުރާއިރު އެވަރުން ވެސް ކުށް ތަކުރާރު ކުރާ މީހުން ހައްޔަރު ކުރެ އެވެ.

މިހާތަނަށް ލޮކްޑައުންގެ އަމުރުތަކާ ހިލާފު ވެގެން 5،000 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވާއިރު އެ ޖޫރިމަނާތަކަށް ލުޔެއް ދިނުމުގެ ވިސްނުން ފުލުހުން ގެންގުޅޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ފައިރޫޝް ވިދާޅުވީ ޖޫރިމަނާކުރީ ތަކުރާރުކޮށް ނަސޭހަތް ދިނުމަށް ފަހުގައި ކުށް ތަކުރާރުކުރުމުން ކަމަށެވެ. އަދި އަމުރާ ހިލާފުވި އެތައް ބަޔަކު ހައްޔަރު ވެސް ކޮށްފައިވާއިރު ޖޫރިމަނާތަކަށް އެހެން ގޮތެއް ނިންމަން ޖެހޭ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންނަކީ ސިޔާސަތު ކަނޑައަޅާ ބައެއް ނޫން ކަމަށާއި ފުލުހުންގެ ދައުރަކީ ތަންފީޒު ކުރުން ކަމުގައި ވާތީ އެފަދަ ކަންކަމާމެދު ގޮތް ނިންމާނީ އެހެން މުއައްސަސާތަކުން ކަމަށެވެ.

ފައިރޫޝް ވިދާޅުވީ ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާ ވިޔަފާރިތައް ދެނެގަނެ އެ ވިޔަފާރިތަކާ މެދު ފިޔަވަޅު އެޅުމަށް އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އަދަދެއް ވިދާޅެއް ނުވެ އެވެ.