15 ފެބުރުއަރީ 2022
ރިސޯޓެއްގައި މަސައްކަތްކުރި ސައުތު ކޮރެއާ އަންހެނަކު ގްރޫޕަކުން ރޭޕްކުރި މައްސަލާގައި 15 އަހަރަށް ޖަލަށްލި މީހާގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައި، ރޭޕްގެ ކުށްތައް ސާބިތު ކުރުމާ ބެހޭ ވަރުގަދަ އުސޫލުތަކެއް އެ ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ރިސޯޓެއްގައި މަސައްކަތްކުރި ސައުތު ކޮރެއާ އަންހެނަކު ގްރޫޕަކުން ރޭޕްކުރި މައްސަލާގައި 15 އަހަރަށް ޖަލަށްލި މީހާގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައި، ރޭޕްގެ ކުށްތައް ސާބިތު ކުރުމާ ބެހޭ ވަރުގަދަ އުސޫލުތަކެއް އެ ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ފެބްރުއަރީ، 2015 ގައި ރިސޯޓެއްގެ ކޮޓަރިއެއްގައި ނިދާފައި އޮއްވާ އެ އަންހެން މީހާ ރޭޕްކުރީ ތިން މީހަކު ވެގެން އޭނާ އަށް ބިރު ދައްކައި، އޭނާ ބަނުމަށް ފަހު އެވެ. އެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރިއަސް، ހައި ކޯޓުގައި މިދިޔަ އަހަރު ކުށް ސާބިތުވީ އެންމެ މީހެއްގެ މައްޗަށެވެ.
ކުށް ސާބިތުވި މީހާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އަންހެން މީހާގެ ކުރިމަތި ފަރާތުން ނެގުނު ޑީއެންއޭ އާއި ކުށް ސާބިތުވި މީހާގެ ސްޕާމް ހެޑް ޑީއެންއޭ ދިމާވާ ކަމަށެވެ. އަދި އެތަނުން އޭނާގެ ޑީއެންއޭ ފެންނަން ޖެހުނު ސަބަބެއް އޭނާ ބުނެދެވިފައި ނުވާއިރު އަންހެން މީހާ ކިޔައިދޭ ކިޔައިދިނުމާއި ހާދިސާ ހިނގި ކޮޓަރިން ފެނުނު އެހެން ހެކިތައް ދިމާވާ ކަމަށް ހުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި އެވެ.
އެގޮތުން ކޮޓަރިން ފެނުނު ބާލީސް އުރަތަކުން އެ މައްސަލާގައި ތުހުމަތު ކުރެވުނު އެހެން މީހުންގެ ޑީއެންއޭ ފެނިފައިވެ އެވެ. އަދި އެ މީހުން އެ އަމަލު ހިންގުމަށް ފަހު ތަޅުންގަނޑު މައްޗަށް ފެން އެޅި ކަމަށް އަންހެން މީހާ ބުނާއިރު ތުހުމަތު ކުރެވުނު އެހެން މީހެއްގެ ފިންގަޕްރިންޓް އެ ކޮޓަރިން ފެނުނު ފެންތަށްޓަކުން ފެނިފައިވާތީ އެއީ ތަޅުންގަނޑު މައްޗަށް ފެން އަޅަން އެ މީހުން ގެންގުޅުނު ތަށި ކަމަށް ބެލެވޭ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ސުއޫދު ވިދާޅުވީ ރޭޕްގެ ކުށްތައް ހިންގަނީ ސިއްރުން ކަމަށް ވާތީ އެފަދަ މައްސަލަތައް ސާބިތު ކުރުމުގައި ލުއި މިންގަނޑެއް، ޖިންސީ ކުށުގެ ގާނޫނުގައި އެބައޮތް ކަމަށެވެ. އެހެންވެ، ރޭޕްގެ ޝިކާރައަކަށްވާ މީހާގެ ބަހަކީ އެންމެ މައިގަނޑު އަސާސް ކަމަށް ބަލަންޖެހޭ ކަމަށާއި އަދި އޭނާގެ ބަހަށް ބާރުދޭ ހެކި ހުރި ނަމަ ކުށް ސާބިތު ކުރެވޭނެ ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ. އަދި އެކަމަށް ބާރު ދިނުމުގެ ގޮތުން، ކީރިތި ރަސޫލާގެ ޒަމާނުގައި ހިނގި ހާދިސާއެއްގައި އަމަލު ކުރެއްވި ގޮތް ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.
ޖިންސީ ގޯނާ އާއި ރޭޕްއާ ދެކޮޅަށް ބޭއްވި މުޒާހަރާއެއް --- ފޮޓޯ/މިހާރު
ކީރިތި ރަސޫލާގެ ޒަމާނުގައި އަނދިރި ތަނެއްގައި އަންހެނަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގި ފިރިހެން މީހަކު އަތުލައިގަނެ، ރަސޫލާ އަރިހަށް ގެންދެވުމުން އަންހެން މީހާގެ ބަހާއި ދެން ހުރި ހެކިތަކަށް ކީރިތި ރަސޫލާ ބުރަވެ ވަޑައިގެން އެ ފިރިހެން މީހާ ރަޖަމް ކުރަން އަމުރު ކުރެއްވި ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި
ކީރިތި ރަސޫލާގެ ޒަމާނުގައި އަނދިރި ތަނެއްގައި އަންހެނަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގި ފިރިހެން މީހަކު އަތުލައިގަނެ، ރަސޫލާ އަރިހަށް ގެންދެވުމުން އަންހެން މީހާގެ ބަހާއި ދެން ހުރި ހެކިތަކަށް ކީރިތި ރަސޫލާ ބުރަވެ ވަޑައިގެން އެ ފިރިހެން މީހާ ރަޖަމް ކުރަން އަމުރު ކުރެއްވި ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ. އަދި އެ ހާދިސާއިން އިލްމުވެރިން ނަންގަވާ ދަލީލަކީ ރޭޕްގެ މައްސަލަތަކުގައި އަންހެން މީހާގެ ބަހަށް ބުރަދަން ދިނުމުގެ އުސޫލު ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
"މި ހާދިސާގައި ހަތަރު ހެކިން ދެއްކުމަށް ކީރިތި ރަސޫލާ އެ އަންހެން މީހާގެ މައްޗަށް އަންގަވައިފައެއް ނުވޭ. އަދި އަންހެން މީހާގެ މައްޗަށް ގަޒްފު އަދަބު ވެސް ދެއްވާފައެއް ނުވޭ،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
މީގެ އިތުރުން އިސްލާމީ އުއްމަތުގެ ދެވަނަ ޚަލީފާ އުމަރުގެފާނުގެ ޒަމާނުގައި ހިނގި ހާދިސާއަކުން ވެސް ފަނޑިޔާރު ސުއޫދު މިސާލު ނެންގެވި އެވެ. އެއީ ވަރަށް ނިދި ގަދަ ކަމަށް ބުނާ އަންހެނަކު ނިދާފައި އޮއްވާ ފިރިހެނަކު އޭނާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގީ ކަމަށާއި އެއީ ކާކުކަން ނޭނގޭ ކަމަށް ބުނުމުން އުމަރުގެފާނު އެ އަންހެެން މީހާގެ ބަސް ގަބޫލު ކުރެއްވި ހާދިސާ އެކެވެ. އެކަމުން ވެސް އެނގެނީ ރޭޕްގެ ޝިކާރައަކަށްވާ މީހާގެ ބަހަށް ދޭ ބުރަދަން ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
"މިއިން އެނގެނީ ރޭޕްގެ ކުށުގެ އަނިޔާ ލިބޭ މީހުންގެ ހެކިބަހަށް އިސްލާމީ ޝަރީއަތުގައި ދެވިފައިވާ ބުރަދަން،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް އިއްވަވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ ޑީއެންއޭއަކީ އޭގެ މައްޗަށް އެކަނި ބިނާކޮށް ރޭޕްގެ ކުށް ސާބިތު ކުރެވޭނެ ހެއްކަކަށް ނުވިޔަސް، އެއަށް ބާރުދޭނެ އިތުރު ހެކި ހުރި ނަމަ ކުށް ސާބިތު ކުރެވޭނެ ކަމަށެވެ. އެގޮތުން ރޭޕް ކުރުމުގެ ނިޔަތް އޮތްކަމުގެ ގަރީނާ އާއި ކުށް ކުރަން ފުރުސަތު ލިބުނު ކަމުގެ ގަރީނާ އާއި އެ އަމަލު ހިންގީ ރުހުމެއް ނެތިކަމުގެ ގަރީނާ ހުރި ނަމަ ރޭޕްގެ ކުށް ސާބިތު ކުރެވޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ރިސޯޓުގެ ކޮޓަރި ސާފުކުރަން މަސައްކަތް ކުރި އެ ފިރިހެން މީހާގެ މަސައްކަތްތަކާ ބެހޭގޮތުން އެ އަންހެން މީހާ ރިސޯޓުގެ ވެރިންނަށް ކުރިން ޝަކުވާ ހުށަހަޅާފައިވެ އެވެ. އެހެންވެ، ފަނޑިޔާރު ސުއޫދު ވިދާޅުވީ އެއީ އޭނާގެ ކުށުގެ ނިޔަތް އޮތްކަމަށް ބާރު ލިބޭ ގަރީނާއެއް ކަމަށެވެ. އަދި އޭނާ ރިސޯޓުގައި ނިދާ ސަރަހައްދުގެ ބަދަލުގައި ރިސޯޓުގައި އެ ހާދިސާ ހިނގި ސަރަހައްދުގައި އޭނާ އެރޭ އުޅެފައިވުމަކީ ކުށްކުރަން ފުރުސަތު ލިބުނު ގަރީނާއެއް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ސުއޫދުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
ފަސޭހަ އިއުތިރާފުން ކުށް ސާބިތުކުރުން ނިމުމަކަށް؟!
މޫސަގެ މަރު: ދައުވާ ލިބޭ މީހާ ބަންދުނުކުރީ ރަނގަޅަށް
"ބިމުގައި ހުރެ،ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް"
ކޯޓުތަކުން ޕާސްޕޯޓް ދޫކުރުން ދެން ކުޅިވަރަކަށް ނުވާނެ!
މައްސަލަ ލަސްވުމަކީ ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫން
ޑީއޭއެންއޭއަކީ ހަރުދަނާ ގަރީނާއެއް: ސުޕްރީމް ކޯޓު
އެއް ކުށެއް، އެކަމަކު އެކި މީހުންނަށް އެކި ގޮތް؟!
ޓްރަމްޕު ޖިންސީ ގޯނާކުރި، ބަދަލަށް 5 މިލިއަން ޑޮލަރު
ޓްރަމްޕުގެ ރޭޕް މައްސަލައިގެ ޝަރީއަތް ފަށައިފި
ހެކިބަސް ދޭން ދެކޮޅު ހަދާނަމަ ވަގުތުން ޖަލަށްލަނީ