Roadha Mihaaru
ހޫނު މޫސުމުގައި ކަރަންޓް ބިލު ބޮޑުވާތީ ކެމްޕޭނެއް

ހޫނު މޫސުމުގައި ކަރަންޓް ބިލު ބޮޑުވާތީ ސްޓެލްކޯއިން މިއަހަރު ވެސް ކެމްޕޭނެއް

13 ފެބުރުއަރީ 2022

ހޫނު މޫސުމުގައި ގިނަ ގެތަކުން ކަރަންޓް ބިލް ބޮޑުވާތީ، އާއްމުން ހޭލުންތެރި ކުރުމަށް ހާއްސަ ކެމްޕޭނެއް ސްޓެލްކޯއިން މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހޫނު މޫސުމުގައި ގިނަ ގެތަކުން ކަރަންޓް ބިލް ބޮޑުވާތީ، އާއްމުން ހޭލުންތެރި ކުރުމަށް ހާއްސަ ކެމްޕޭނެއް ސްޓެލްކޯއިން މިއަދު ފަށައިފި އެވެ.

"ސޭވް އެނާޖީ" ގެ ނަމުގައި ފެށި މި ކެމްޕޭނަކީ 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ހޫނު މޫސުމާ ދިމާކޮށް ސްޓެލްކޯއިން ކުރިއަށްގެންދާ ކެމްޕޭނެކެވެ. މިއީ ހޫނު މޫސުމުގައި ކަރަންޓް ބިލް ކުޑަ ކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހިންގާ ކެމްޕޭނެކެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ފާއިތުވި 15 އަހަރުގެ ހިސާބުތައް ދައްކާ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް ކުރީކޮޅު ކަރަންޓް ބިލުތައް ބޮޑުކަމުގެ ޝަކުވާތައް ލިބޭ ކަމަށެވެ. މިއީ ހޫނު ވުމުގެ ސަބަބުން އަންނަ ބަދަލެއް ކަމަށާއި އެ ކުންފުނީގެ ކެމްޕޭނާ އެކު ޝަކުވާތައް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޣުނީ ވިދާޅުވި ގޮތުގައި ހޫނު މޫސުމުގައި ވެސް ރަނގަޅު ގޮތުގައި ކަރަންޓް ބޭނުން ކުރެވިއްޖެ ނަމަ ބިލު 15 ޕަސެންޓަށް ދަށްވާނެ އެވެ. އަދި މިކަން ކުރުމަށް ސްޓެލްކޯ އިން ބޭނުންވާ އެހީތެރިކަން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހޫނު މޫސުމާ ދިމާކޮށް ކަރަންޓް ހޭދަކުރާ ގޮތް ވަރަށް ބޮޑަށް ބަލަން ޖެހޭ. ރަނގަޅަށް ކަރަންޓް އިގްތިސާދު ނުކުރެވިއްޖެ ނަމަ އިސްރާފަކަށް މިވަނީ. އަޅުގަނޑުމެން ބޭނުން ނުވޭ އެއްވެސް ކަސްޓަމަރެއްގެ އަތުން އިތުރަށް ބޭކާރު ގޮތުގައި ފައިސާ ހަރަދުވާން. މި ކެމްޕޭނުގެ ދަށުން ކަސްޓަމަރުންނަށް ކަރަންޓް އިގްތިސާދު ކުރުމާ ގުޅޭ ގިނަ މައުލޫމާތު ލިބޭނެ،" މުޣުނީ ވިދާޅުވި އެވެ.

ސޭވް އެނާޖީ ކެމްޕޭނާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުޣުނީ ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ސޭވް އެނާޖީ ކެމްޕޭނާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުޣުނީ ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ސްޓެލްކޯއިން ވަނީ މި ކެމްޕޭނުގެ ދަށުން ތަފާތު ހަރަކާތްތައް ކުރިއަށްގެންދަން ނިންމައިފަ އެވެ. މި ހުރިހާ ހަރަކާތެއްގައި ވެސް ކަރަންޓް ހޭދަކުރުމާ ގުޅޭ މައުލޫމާތު ލިބޭނެ އެވެ.

ސްޓެލްކޯގެ ކެމްޕޭނުގެ ދަށުން ރާވާފައިވާ ކަންކަން

- އެންމެ ބޮޑަށް އެނާޖީ ސޭވްކުރާ ކަސްޓަމަރުންގެ މެދުގައި ފައިސާގެ އިނާމް ލިބޭ ޕްރޮމޯޝަން ހިންގުން.

- ސްކޫލް ކުދިންނާއި ބެލެނިވެރިންނާއި މިނިސްޓްރީތަކާއި ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މައުލޫމާތު ސެޝަންތައް ބޭއްވުން.

- މާލޭގެ އެކި ސަރަހައްދުތަކުގައި ބިލް ބޯޑުތައް ހަރުކުރުން.

- ސޯޝަލް މީޑިއާ ކެމްޕޭން.

- ސްޓެލްކޯގެ "މާޓީވީ" މެދުވެރިކޮށް މައުލޫމާތު ދިނުން.

- ކުޑަކުދިންގެ ހަވީރު.