Roadha Mihaaru
ނަރުހުންގެ މައްސަލަ ހައްލުކުރަން ކޮމިޓީއެއް އުފައްދަނީ

ނަރުހުންގެ މައްސަލަ ހައްލުކުރަން ކަމާ ގުޅޭ އިދާރާތަކުން ކޮމިޓީއެއް އުފައްދަނީ

07 ފެބުރުއަރީ 2022

ނަރުހުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކޮމިޓީއެއް އުފައްދަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނަރުހުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކޮމިޓީއެއް އުފައްދަން ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ވަނީ ނަރުހުންގެ ޖަމިއްޔާއާ ބައްދަލުކޮށް ކަމާގުޅޭ ދާއިރާގެ ކަންބޮޑުވުންތައް އަޑުއަހައިފަ އެވެ.

އެ ބައްދަލުވުމާ ގުޅިގެން ނަރުހުންގެ ޖަމިއްޔާގެ ރައީސް އާމިނަތު ނަޝްފާ މިއަދު ވިދާޅުވީ މާލެއެކޭ އެއްގޮތަށް ރަށްރަށުގައި ވެސް ނަރުހުންނަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެކަމަކު އެންމެން ގުޅިގެން މަސައްކަތް ކޮށްގެން އެ ގޮންޖެހުންތައް ކުޑަކުރެވޭނެކަން ނަޝްފާ ފާހަގަކުރެއްވި އެވެ.

އެހެންވެ، ނާސިން އެންޑް މިޑްވައިފްރީ ކައުންސިލާއި ހެލްތު މިނިސްޓްރީ އަދި ނާސިން އެސޯސިއޭޝަން ގުޅިގެން މަސައްކަތްކުރާނެ ކޮމިޓީއެއް އުފައްދައި މި ހަފްތާގައި މަސައްކަތް ފެށުމަށް ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނާސިންނާއި ހެލްތު ކެއާ ޕްރޮފެޝަނަލް ފަސޭހައިން ހައްލުކުރުމަށް މަސައްކަތްކުރާނީ،" ނަޝްފާ ވިދާޅުވި އެވެ.

އެ ޖަމިއްޔާއިން ވަނީ މިދިޔަ މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ފާޅުކުރެއްވި ކަންބޮޑުވުމަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރިކޮމެންޑޭޝަންގެ ތެރޭގައި ހިމެނޭ ޗީފް ނާސިން އޮފިސަރުގެ މަގާމު އުފެއްދުމާ ގުޅޭގޮތުންނެވެ.

އެކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން ބުނީ މާލެ ސަރަހައްދަށް ޗީފް ނާސިން އޮފިސަރަކާއި އިތުރު ތިން ސަރަހައްދަކަށް ޗީފް ނާސިން އޮފިސަރެއް އައްޔަންކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

ނަރުހުންގެ މުސާރައަށް ކުރިއަށް އޮތް 4-3 މަސް ދުވަހުގެ ތެރޭގައި ބޮޑު ބަދަލެއް ގެންނާނެ ކަމަށް ރައީސް ވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.