Roadha Mihaaru
ހުސައިން މުނައްވަރު: މިއީ އާދައިގެ ފަންނާނެއް ނޫން

ހުސައިން މުނައްވަރު (ކުޑަފޫޅު): މިއީ އާދައިގެ ފަންނާނެއް ނޫން

19 ޑިސެމްބަރ 2016

ގިނަ ބަޔަކަށް އޭނާ މަޝްހޫރުވެގެން ދިޔައީ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރި "ވަސްވާސް" ސީރީޒްގައި ދައްކުވައި ދިން ކުޑަފޫޅު ކެރެކްޓާއިން، އެކްޓަރެއްގެ ގޮތުގަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގިނަ ބަޔަކަށް އޭނާ މަޝްހޫރުވެގެން ދިޔައީ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރި "ވަސްވާސް" ސީރީޒްގައި ދައްކުވައި ދިން ކުޑަފޫޅު ކެރެކްޓާއިން، އެކްޓަރެއްގެ ގޮތުގަ އެވެ.

އެކަމަކު ހުސައިން މުނައްވަރު (ކުޑަފޫޅު) އަކީ މިއަދު އެކްޓަރަކަށް ވުރެ ބޮޑަށް، ޑައިރެކްޓަރެކެވެ. ސިނަމަޓޮގްރަފާއެކެވެ.

ހަތް ވަނަ ގައުމީ ފިލްމު އެވޯޑްސްގެ ނޮމިނޭޝަންތަކަށް ބަލާއިރު، އޭނާއަކީ އެއް ފަންނާނަކު އެންމެ ގިނަ ކެޓަގަރީތަކުން އެވޯޑަށް ވާދަކުރާ ފަންނާނެވެ. ޖުމްލަ 10 ކެޓަގަރީއަކުން އޭނާ އެވޯޑަށް ވާދަކުރެ އެވެ.

ބެލެވޭ ގޮތުން މިއީ ގައުމީ ފިލްމު އެވޯޑްގެ ތާރީހުގައި ވެސް އެއް ފަންނާނަކަށް އެންމެ ގިނަ ނޮމިނޭޝަންސް ލިބުނު ފުރަތަމަ ފަހަރެވެ. އެހެންވެ މިއީ ރެކޯޑަކަށް ވެދާނެ އެވެ.

ހުސައިންގެ އަލަތު ޑައިރެކްޝަން "ސަޒާ" އިން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑަށް އޭނާ ވާދަކުރާ އިރު، އެ ފިލްމު އެންމެ މޮޅު ފިލްމުގެ އެވޯޑަށް ވެސް ވާދަކުރެ އެވެ.

މީގެ އިތުރުން ސިނަމޮޓޮގްރީ އަށް ބަލާއިރު، ތިން ފިލްމަކުން އޭނާ ނޮމިނޭޓްވި އެވެ. އެއީ ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނެގި "އިނގިލި" އާއި "ލޫދިފާ" ގެ އިތުރުން "ސަޒާ" އެވެ.

ހުސައިން ނޮމިނޭޓްވެފައިވާ އިތުރު ކެޓަގަރީތަކަށް ބަލާ އިރު "އިނގިލި" އާއި "ލޫދިފާ" އަދި "ސަޒާ" އިން އާޓް ޑައިރެކްޝަން، "އިނގިލި" އިން އެންމެ މޮޅު މޭކަޕް އަދި "ސަޒާ" އިން އެންމެ މޮޅު ކޮސްޓިއުމް ހިމެނެ އެވެ.

އޭނާ ބުނީ ގައުމީ ފިލްމު އެވޯޑްސްގެ ގިނަ ދާއިރާތަކަކުން ނޮމިނޭޓްވުމަކީ ވެސް އެވޯޑް އުފުލައިލުން ކަހަލަ އިހުސާސެއް ކުރެވޭ ކަމެއް ކަމަށެވެ. އެހެންވެ ވަކި މިވެނި ހާއްސަ ކެޓަގަރީއަކުން އެވޯޑް ލިބުން އޭނާ އަށް މުހިއްމެއް ނޫނެވެ.

"މިސާލަކަށް ސިނަމޮޓޮގްރަފީ އަށް ބަލައިފި ނަމަ މި ފަހަރު ހަމަ ޔަގީނުން ވެސް އެވޯޑް ވަންނާނީ އަހަރެމެން ގެއަށް. އޭގައި އެއްވެސް ޝައްކެއް ނެތް،" ސިނަމޮޓޮގްރަފީން ދެ ފިލްމަކުން އޭނާއާ ވާދަކުރަނީ ބޭބެ އަދި މަޝްހޫރު ކެމެރާމަން އިބްރާހީމް ވިސާން (ކަނޑި) ކަން ފާހަގަކޮށް، ހުސައިން ބުންޏެވެ.

"ސަޒާ" އަށް ފަހު، "ދިލަކަނި" އާއި ނޭނގި ޔާރު ވަކިވީ" ބެލުންތެރިންނަށް ގެނެސްދިން ޑައިރެކްޓަރު ބުނީ އޭނާގެ ފުރަތަމަ ޑައިރެކްޝަން "ސަޒާ" އިން އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު ފިލްމަށް ވާދަކުރުމަކީ ވެސް ބޮޑު އުފަލެއް ކަމަށެވެ.

"އެކަމަކު އިނގިލި ނޮމިނޭޓްވި ގިނަ ދާއިރާތަކަކުން އެވޯޑް ލިބިއްޖެ ނަމަ މާ އުފާވާނެ. މި ފިލްމަކީ ސީދާ އެވޯޑް ހޯދަން އަހަރަމެން ހެދި ފިލްމެއް. ސާކް ފިލްމު ފެސްޓިވަލްގައި ބައިވެރިކޮށްގެން ވެސް އެކަން ސާބިތުކޮށް ދީފައި އޮންނާނީ،" ރަވީ ފާރޫގާއި މަހުދީ އަހުމަދު އަދި ހުސައިން ގުޅިގެން ޕްރޮޑިއުސްކޮށް މި ފަހަރު ގައުމީ 12 ނޮމިނޭޝަން ލިބުނު ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

ސާކް ފިލްމު ފެސްޓިވަލުން 2014 ގައި ބްރޯންޒް މެޑެލާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ދައްކުވައި ދިން އެކްޓިން އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުނެވެ.

ހުސައިން ބުނީ "އިނގިލި" އަކީ އާޓް ފިލްމަކަށް ވެފައި، އެވޯޑްގައި ދެން ވާދަކުރާ ގިނަ ފިލްމުތަކަކީ ކޮމާޝަލް ފިލްމުތަކަށް ވާތީ، ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށެވެ. އެކަމަކު މުހިއްމު ގިނަ ކެޓަގަރީތަކުން އެ ފިލްމުން އެހެން ފިލްމުތަކާ އެއް ސަފެއްގައި ވާދަކުރާތީ ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ބޮޑަށް އުންމީދުކުރެވޭ ރާއްޖޭގައި ވެސް އެވޯޑް ދޭ އިރު، ހާއްސަކޮށް ގައުމީ ފިލްމު އެވޯޑް ދޭ އިރު އާޓް ފިލްމާއި ކޮމާޝަލް ފިލްމުތަކަށް ވަކިވަކިން ނޮމިނޭޝަންސް ދީގެން އެވޯޑް ދޭނެ ދުވަހެއް އައުން. އެގޮތަށް އެކަން ކުރީމަ ހަގީގަތުގައި އިންސާފުވެރިކޮށް މިކަން ދާނީ،" ހުސެން ބުންޏެވެ.

"ކުރިއަށް އޮތް ތަނުގައި އެ ކަހަލަ ބަދަލެއް ފެންނާނެ ކަމަށް އުންމީދުކުރެވޭ."