Roadha Mihaaru
"އޯކިޑް: އޭނާގެ މާ" އަލުން އުފައްދަނީ

ދަރާ ރަޝީދު "އޯކިޑް: އޭނާގެ މާ" އަލުން އުފައްދަނީ

30 ނޮވެމްބަރ 2019

ދިވެހި ސިނަމާ އަށް ކޮށްދިން ހިދުމަތަށް މި އަހަރު ދިވެހި ފިލްމު އެވޯޑްސްގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބުނު މުހައްމަދު ރަޝީދު (ދަރާ) ގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމު ކަމަށްވާ "އޯކިޑް: އޭނާގެ މާ" ގެ ރިމޭކެއް ހަދަން އޭނާ ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދިވެހި ސިނަމާ އަށް ކޮށްދިން ހިދުމަތަށް މި އަހަރު ދިވެހި ފިލްމު އެވޯޑްސްގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބުނު މުހައްމަދު ރަޝީދު (ދަރާ) ގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމު ކަމަށްވާ "އޯކިޑް: އޭނާގެ މާ" ގެ ރިމޭކެއް ހަދަން އޭނާ ނިންމައިފި އެވެ.

ރާއްޖެ އަށް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ދަރާ ބުނީ "އޯކިޑް: އޭނާގެ މާ" އަކީ އަމިއްލަ ސްޓޫޑިއޯ އިން އަންނަ އަހަރަށް ޕްލޭންކޮށްފައިވާ ތިން ފީޗާ ފިލްމުގެ ތެރެއިން އެންމެ ބޮޑު ފިލްމު ކަމަށެވެ. އަދި އެ ފިލްމު ހަދާނީ ބޮޑު ބަޖެޓަކުން ކަމަށް ވެސް ދަރާ ބުންޏެވެ.

އޭނާ ބުނީ ހުސައިން ޝިހާބް 1982 ގައި ގެނެސްދިން ފިލްމުގެ ރިމޭކެއް ހަދާ އިރު، ފިލްމުގެ މައިގަނޑު ޕްލޮޓާ ނުކުޅެ، އޭގެ ތެރެއަށް އިތުރު ހާދިސާތަކެއް ލައިގެން މި ޒަމާނަށް ފެތޭ ގޮތަށް ފިލްމު ހަދާނީ ސެމީ މިއުޒިކަލްއެއްގެ ގޮތުގައި ކަމަށެވެ. "އޯކިޑް: އޭނާގެ މާ" އަކީ ދިވެހިންގެ ތެރޭގައި އަދިވެސް ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ "އަންގައިދޭށޭ އަދުވީ ރުހިގެންނޭ" ލަވަ ވެސް ހިމެނުނު ފިލްމެވެ.

"އެ ފިލްމުގެ ލީޑް ކެރެކްޓާ އަކީ ވެސް މިއުޒިކް ޕަފޯމާއެއް. އެކަމަކު ކުރީގެ ފިލްމުގައި އެންމެ ދެ ލަވަ އިންނާނީ. އަހަރެން މީގެ ރިމެކެއް ހަދާ އިރު ފިލްމަށް ހަތަރު ފަސް ލަވައެއް ވަރު ލައިގެން ސެމީ މިއުޒިކަލްއެއްގެ ގޮތުގައި އޯކިޑް އޭނާގެ މާ ގެނެސްދޭނީ،" ދަރާ ބުންޏެވެ. "ކުރީގެ ފިލްމަށް ވުރެ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ފިލްމަކަށް ރިމެކް ހެދޭތޯ މަސައްކަތްކުރާނަން."

ނަމަވެސް "އޯކިޑް: އޭނާގެ މާ" ގެ ކާސްޓާއި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ އިރެއް ދަރާ ނުބުނެ އެވެ.

ފިލްމު "ނަތީޖާ" އިން 1981 ގައި އެކްޓިން އަށް ނުކުތް ދަރާގެ 38 އަހަރުވީ ފިލްމީ ކެރިއަރުގައި މިހާތަނަށް 32 ފީޗާ ފިލްމު ކުޅެފައިވެ އެވެ. އޭނާގެ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި "ލޭކަރުނަ"، "އުދާސް"، "އިތުބާރު" އަދި "ސަޒާ" ފަދަ ފިލްމުތައް ހިމެނެ އެވެ.

ދަރާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ "އަނދިރިކަން" އެވެ.