Roadha Mihaaru
"ހަނާ" ފެންނާނީ ބައިސްކޯފުން

"ހަނާ" ފެންނާނީ ބައިސްކޯފުން

18 ޖެނުއަރީ 2020

ހުސައިން މުނައްވަރު (ކުޑަފޫޅު) ގެ ކިޑް ޕްރޮޑަކްޝަނުން އުފައްދައި، އަމްޖަދު އިބްރާހީމް ޑައިރެކްޓްކޮށްފައިވާ ވެބް ސީރީޒް "ހަނާ" ބައިސްކޯފުން ސްޓްރީމްކުރަން ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހުސައިން މުނައްވަރު (ކުޑަފޫޅު) ގެ ކިޑް ޕްރޮޑަކްޝަނުން އުފައްދައި، އަމްޖަދު އިބްރާހީމް ޑައިރެކްޓްކޮށްފައިވާ ވެބް ސީރީޒް "ހަނާ" ބައިސްކޯފުން ސްޓްރީމްކުރަން ތައްޔާރުވާން ފަށައިފި އެވެ.

މިހާރު ޝޫޓިން އެއްކޮށް ނިންމާލާފައިވާ 13 އެޕިސޯޑްގެ މި ސީރީޒްގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ "ޖާދޫގައި ޖެހޭނޭ" ލަވައިން ވިދައިލުމަށް ފަހު، ބައެއް ފިލްމުތަކުގައި ސަޕޯޓިން ރޯލްތަކެއް ކުޅެފައިވާ ބަތަލާ އައިމިނަތު ނޫރާ އެވެ. "ހަނާ" ގެ އިތުރު ކާސްޓުންގެ ތެރޭގައި އަލީ އާޒިމް (ދޮންއައްޔަ)، އަލީ ޝަމީލް، ނިޝާ، އިބްރާހީމް ޖިހާދު (ޖިމީ) އަދި ގުލިސްތާން މުހައްމަދު ހިމެނެ އެވެ.

މި ސީރީޒަކީ ހެދީ އަލީ ރަޝީދު (ގޮޅާ އައްޔަ) ގެ އަންހެނުން އައިމިނަތު ރިޒާނާގެ ވާހަކައަކަށެވެ. "ހަނާ" އިން އަސަރު ގަދަ ލޯބީގެ ހާދިސާތަކެއް ފެންނާނެ އެވެ.

ގިނަ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ އަމްޖޭ ބުނީ ސީރީޒްގެ މަސައްކަތް އެއްކޮށް ނިންމާލައިފައި އޮތް ނަމަވެސް، ބައިސްކޯފުން ސްޓްރީމްކުރާނެ އިރެއް ބުނަން އަދި ނޭނގޭ ކަމަށެވެ. އެކަމަކު މި މަހުގެ ތެރޭގައި ދައްކަން ފެށޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.

ނޫރާ.

ނޫރާ.

މިދިޔަ އަހަރު ވެސް އަމްޖޭ ޑައިރެކްޓްކުރި ސީރީޒެއް ބައިސްކޯފުން ސްޓްރީމްކުރި އެވެ. އެއީ ބިރުވެރި ހާދިސާތަކެއް ދައްކުވައިދިން ޝޫސްސް (Shhh) އެވެ.

އަމްޖޭ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފީޗާ ފިލްމަކީ 2018 ގެ "ރޭވުމުން" އެވެ.