Roadha Mihaaru
ޕޭމަންޓް ސިސްޓަމް ގާނޫނުގެ ދަށުން ލައިސަންސް ދޫކޮށްފި

ގައުމީ ޕޭމަންޓް ސިސްޓަމް ގާނޫނުގެ ދަށުން ފުރަތަމަ ލައިސަންސް ދިރާގާއި އުރީދޫއަށް

24 ޖެނުއަރީ 2022

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން ރާއްޖޭގައި ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ފުރަތަމަ ފަހަރަށް، ދިރާގާއި އުރީދޫއަށް އެމްއެމްއޭ އިން ދީފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން ރާއްޖޭގައި ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ފުރަތަމަ ފަހަރަށް، ދިރާގާއި އުރީދޫއަށް އެމްއެމްއޭ އިން ދީފި އެވެ.

މި ގާނޫނުގެ ދަށުން ދިރާގަށް ދިނީ އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ހިދުމަތަށް ބޭނުންވާ ލައިސަންސެވެ. އުރީދޫއަށް ދިނީ އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ހިދުމަތާއި ރެމިޓަންސް ހިދުމަތް ދޭން ބޭނުންވާ ލައިސަންސެވެ.

މި ލައިސަންސާ އެކު ދިރާގާއި އުރީދުއަށް ދޫކޮށްފައިވާ މޮބައިލް ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުވީ އެވެ.

އެމްއެމްއޭ އިން އުރީދޫއަށް ދޫކޮށްފައިވާ ލައިސަންސްގެ ދަށުން ފަށާ ރެމިޓެންސް ހިދުމަތުގެ ދަށުން އެ ކުންފުނީގެ އެމް ފައިސާ އެޕް ބޭނުންކޮށްގެން ރާއްޖޭން ބޭރަށް ފައިސާ ފޮނުވޭނެ އެވެ.

އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީން މަސައްކަތްކުރަމުން އަންނަނީ ކުރިއަށް އޮތްތަނުގައި ވެސް، ގައުމީ ޕޭމަންޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އެއް ވިއުގައެއް މެދުވެރިކޮށް ގިނަ ޕޭމަންޓް ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކަމަަށެވެ.

އަންނަ މަހުން ފެށިގެން އާ ޕޭމަންޓް ނިޒާމު ތައާރަފު ކުރަން ނިންމާފައިވާއިރު މި ސިސްޓަމުން ރާއްޖޭގެ ހުރިހާ މާލީ ހިދުމަތްތައް "ޔުނިފައިޑް ޕޭމަންޓް ގޭޓްވޭ" އަކުން ގުޅާލާނެ އެވެ. އޭރުން އެއް ސިސްޓަމް މެދުވެރިކޮށް މާލީ ހުރިހާ ހިދުމަތެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

އެމްއެމްއޭ އިން ނޭޝަނަލް ޕޭމަންޓް ސިސްޓަމް ތައާރަފުކުރަނީ ފިންލޭންޑްގެ ޓީޓޯއެވްރީއާ ހަވާލުކޮށްގެންނެވެ. މި ސިސްޓަމުގެ ސަބަބުން، ކޮންމެ ރަށަކުން ވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފައިސާ އެއް ތަނުން އަނެއް ތަނަށް ފޮނުވާލެވޭނެ އެވެ. އަދި ޗެކާއި ނަގުދު ފައިސާއިން ހިންގި ވިޔަފާރީގެ ބޮޑެތި މުއާމަލާތްތަކުގެ ބަދަލުގައި އާ ސިސްޓަމް މެދުވެރިކޮށް "ރިއަލް ޓައިމް"ގައި ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ.