Roadha Mihaaru
ސީރިޔާ ޖަލުގެ ހަމަނުޖެހުމުގައި 100 އަށްވުރެގިނަ މަރު

ސީރިޔާގެ އައިއެސް ޖަލުގެ ހަމަނުޖެހުމުގައި 100 އަށް ވުރެ ގިނަ މަރު

24 ޖެނުއަރީ 2022

ސީރިޔާގެ އުތުރު ސިޓީއެއް ކަމަށްވާ އަލްހަސަކާގައި، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން ހައްޔަރުކޮށްފައި ތިބި ޖަލެއް ފަޅައިލުމުގެ ސަބަބުން އުފެދިފައިވާ ހަމަނުޖެހުމުގެ ތެރޭގައި، 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ސީރިޔާގެ އުތުރު ސިޓީއެއް ކަމަށްވާ އަލްހަސަކާގައި، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން ހައްޔަރުކޮށްފައި ތިބި ޖަލެއް ފަޅައިލުމުގެ ސަބަބުން އުފެދިފައިވާ ހަމަނުޖެހުމުގެ ތެރޭގައި، 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ތިބި ޖަލު، އެންމެ ފުރަތަމަ ފަޅައިލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޖަލުގައި ތިބި ހަނގުރާމަވެރިން އެ ތަނުން ސަލާމަތްކުރުމުގެ ބޭނުމުގައި، އެ ޖަމާއަތުގެ ހަނގުރާމަވެރިންތަކެއް ޖަލުގެ ބޭރުން ހަމަލާ ދޭން ފެށުމާ ގުޅިގެން، އެ ޖަލު ބަލަހައްޓަން ތިބި، ކުރުދީ ހަނގުރާމަވެރިން ވަނީ ރައްދުގައި ހަމަލާ ދޭން ފަށައިފަ އެވެ.

މި ހަމަލާތައް މެދުނުކެނޑި ފަސް ވަނަ ދުވަހަށް ކުރިއަށް ދާއިރު، ޖަލުގެ ބޭރުން އައި ހަނގުރާމަވެރިންތަކެއް އިއްޔެ ވެސް ޖަލު ބަލަހައްޓާ ކުރުދީންނަށް ހަމަލާތަކެއް ދިނެވެ. ނަމަވެސް ކުރުދީ ހަނގުރާމަވެރިންގެ ހަމަލާތަކުގައި އައިއެސްގެ ހަނގުރާމަވެރިން ވަނީ ފަހަތަށް ޖައްސައިފަ އެވެ. އޭގެ އިތުރުން އެ ސިޓީއަށް ވަނުމަށްޓަކައި ދުރު ހިސާބަކުން އައި އައިއެސްގެ ހަނގުރާމަވެރިންތަކެއް ވެސް ހުއްޓުވާފައިވާ ކަމަށް ކުރުދީ ހަނގުރާމަވެރިން ބުނެ އެވެ.

މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާތަނަށް ވަނީ 119 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އައިއެސް ޖަމާއަތުގެ 80 ހަނގުރާމަވެރިއަކާއި ކުރުދީ ހަނގުރާމަވެރިންގެ 39 މީހެކެވެ.

ޖަލުގެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި، ކުރުދީ ހަނގުރާމަވެރިންނަށް މަދަދު ފޯރުވުމުގެ ގޮތުން، އެމެރިކާގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތަކުން އިއްޔެ ވަނީ، ޖަލު ބޭރުގައި ކުރުދީ ހަނގުރާމަވެރިން ތިބި ސަރަހައްދުތަކަށް ހަމަލާދީފަ އެވެ. އޭގެ އިތުރުން، ޖަލުގެ ބޭރުގައި ވެސް އެމެރިކާ ސިފައިން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ބުރާސްފަތި ދުވަހު ޖަލު ފަޅައިލީ، ޖަލުގެ ބޭރުން އައި ހަނގުރާމަވެރިންގެ ބަޔަކު ޖަލުގެ ދޮރޯށި ކައިރީގައި ކާރު ބޮމެއް ގޮއްވާލައިގެންނެވެ. ދޮރާށި ގޮއްވާލުމާ އެކު، ޖަލުގައި ތިބި އައިއެސްގެ ހަނގުރާމަވެރިންގެ ތެރެއިން 30 އަށް ވުރެ ގިނަ މީހުން ވަނީ ފިލައިފަ އެވެ.

ނަމަވެސް ކުރުދީ ހަނގުރާމަވެރިން ބުނާ ގޮތުގައި، ޖަލު ފަޅާލައިގެން ނުކުތް ބައެއް ގައިދީން ވަނީ ހައްޔަރުކޮށް ޖަލަށް ވައްދައިފަ އެވެ. ފިލައިގެން ދާން އުޅެނިކޮށް ހައްޔަރުކުރި ގައިދީންގެ އަދަދު 100 އަށް ވުރެ މަތި އިރު، ކުރުދީ ހަނގުރާމަވެރިންގެ އަތު ނުޖެހި ފިލައިގެން ދިޔަ މީހުންގެ އަދަދު ކަށަވަރެއް ނުވެ އެވެ.