Roadha Mihaaru
ޑޮކްޓަރަށް ނުދައްކާތީ ގާޒީ ވިދާޅުވީ ރޭވުމެއް ކަމަށް

ޑޮކްޓަރަށް ނުދައްކާ ކަމަށް ބުނުމުން ގާޒީ ވިދާޅުވީ ރޭވުމެއް ކަމަށް

23 ޖެނުއަރީ 2022

ކުށުގެ ތުހުމަތުގައި ބަންދުގައި ތިބޭ މީހުންގެ ޝަރީއަތް އޮންނަ ދުވަސްތަކާ ދިމާކޮށް ޑޮކްޓަރަށް ދައްކާކަން ފާހަގަވާ ކަމަށާއި މިއީ ރޭވިގެން ހިނގާ ކަންތައްތައް ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު މިއަދު ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވައިފި އެވެ.

ކުށުގެ ތުހުމަތުގައި ބަންދުގައި ތިބޭ މީހުންގެ ޝަރީއަތް އޮންނަ ދުވަސްތަކާ ދިމާކޮށް ޑޮކްޓަރަށް ދައްކާކަން ފާހަގަވާ ކަމަށާއި މިއީ ރޭވިގެން ހިނގާ ކަންތައްތައް ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު މިއަދު ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވައިފި އެވެ.

ހުޅުމާލޭން ހަ ކިލޯ ޑްރަގްސް ހޯދައި އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ތެރެއިން މިހާރު ޖަލު ބަންދުގައި ހުރި އަފްސަލް ރަޝީދުގެ ބަންދު ދަމަހައްޓައިދޭން ދައުލަތުން މިއަދު އެދުމުން އޭނާގެ ފަރާތުން ވަނީ ބޭސް ފަރުވާގެ ކަންކަމުގައި ކަރެކްޝަނަލް ސާވިސް އިން އިހުމާލުވާ ކަމަށް ބުނެފަ އެވެ.

ޖޫން 2020 ގައި ފުލުހުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 6.8 ކިލޯގެ ކެނަބިސްއާ އެކު ހައްޔަރު ކުރީ ގއ. ކޮލަމާފުށި، ކަރަންކާވިލާގެ އަފްސަލް ރަޝީދުގެ އިތުރުން ގދ. ވާދޫ، އަސްރަފީގެ، މުހައްމަދު ޝަރީފެވެ. ޑްރަގް ޓްރެފިކް ކުރުމުގެ ދައުވާ ޝަރީފްގެ މައްޗަށް ކުރާއިރު އަފްސަލަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ނޭވާލާ ނިޒާމުގެ މައްސަލައަކާއި ކަށީގެ މައްސަލައަކާއި ހަމުގެ މައްސަލައަކާއި ކުޑަކަމުދާ ނިޒާމުގެ މައްސަލައެއް އެބަހުރި ކަމަށާއި ކަރެކްޝަނަލް ސާވިސް އިން ޑޮކްޓަރަށް ދެއްކި ނަމަވެސް ހަދަންޖެހޭ ޓެސްޓްތައް ނުހެދުމާއި ޑޮކްޓަރަށް ދައްކަންޖެހޭ ދުވަހު ނުދައްކައި މާ ފަހުން ދައްކާ ކަމަށް ބުނެ އަފްސަލް މިއަދި ޝަކުވާކުރި އެވެ. އަފްސަލް ބުނި ގޮތުގައި އޭނާ އަކީ ނޭވާއަށް ހިއްލާތީ އިންހޭލާ ބޭނުންކުރަންޖެހޭ މީހަކަށް ވިޔަސް، ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުުގައި އެ ތަކެތި ހުރެ އެ ލިބުން ލަސްވެގެން ދެ ފަހަރަކު ހާލު ބޮޑުވި އެވެ.

މި ވާހަކަތަށް ފަހު ގާޒީ އިސްމާއިލް ވިދާޅުވީ އޭނާގެ ވެސް ނޭވާހިއްލުމުގެ މައްސަލަ ހުންނަ ކަމަށާއި އެއީ ކިހާ ވަރެއްގެ ކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ވާހަކަތައް އަޑުއައްސަވަން ފަސޭހަ ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ މައްސަލަ ތާވަލްކުރުމާ އެކު ޑޮކްޓަރަށް ދެއްކޭ ކަމަށާއި މި ހުންނަނީ ރޭވިގެން ހިންގާ ކަންތައްތައް ކަމަށެވެ.

މީހަކު ބަންދުގައި ބަހައްޓަން އެދެނީ މުޖުތަމައުގެ މަސްލަހަތުގައި ކަމަށް ވާއިރު ބަންދުގައި ހުންނަ މީހާގެ މަސްލަހަތާއި ހައްގު ވެސް ހިމާޔަތްވާން ޖެހޭ ކަމަށް ވިދާޅުގެ ގާޒީ ވަނީ އަފްސަލް ކުރި ޝަކުވާތަކާ ގުޅޭ ގޮތުން ދައުލަތާ ސުވާލުކުރައްވައިފަ އެވެ. އެ ކަންކަން ކަރެކްޝަނަލް ސާވިސްގެ ފަރާތުން ސާފުކުރުމަށް ފަހު ޖަވާބު ދެއްވާނެ ކަމަށް ދައުލަތުން ބުނުމުން ގާޒީ ވަނީ ބަންދު ދެމެހެއްޓުމަށް އެދޭއިރު އެ ކަންކަން ސާފުކޮށްފައި އޮންނަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ގާޒީ އިސްމާއިލް ވިދާޅުވި ގޮތުގައި މިއަދުގެ ޝަރީއަތަށް ހުށަހެޅިފައި ހުރި ކަންކަމަށް އެކަނި ބެއްޔަސް ދައުލަތުން ބޭސްފަރުވާގެ ކަންކަމުގައި އިހުމާލުވެފައިވާކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެ އެވެ.

އަފްސަލް ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ބުނެ ދައުލަތުން ބުނީ އޭނާ ދޫކޮށްލައިފި ނަމަ ކުށް ތަކުރާރުކޮށް މުޖުތަމައުއަށް ނުރައްކަލަަކަށް ވެދާނެ ކަމަށެވެ. އެކަމަކު ގާޒީ ވަނީ ކުށެއް ތަކުރާރު ކުރުމުގެ ފުރުސަތު އޮތުމަކީ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ކަމަށް އޮތް ގާނޫނީ ނުކުތާ އަކީ ކޮބައިކަން ބުނެދިނުމަށް އެދިވަޑައިގެންފަ އެވެ. އަނެއްކޮޅުން ދައުލަތުން ބުނީ ބަންދުގައި ބަހައްޓަންޖެހޭ މައިގަނޑު ސަބަބަކީ ހެއްކެއް ނުފޫޒު ފޯރުވިޔަ ނުދިނުން ކަމަށެވެ.

އެކަމަކު ދިފާއުން ބުނީ ނުފޫޒު ފޯރުވަފާނެ ކަމަށް ދައުލަތުން ކުރިން ބުނީ އަފްސަލްގެ ދަށުން މަސައްކަތްކުރާ ބަންގްލާދޭޝްގެ ދެ މީހަކަށް ކަމަށާއި އެ ދެ މީހުން ޑީޕޯޓްކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އަފްސަލް ބަންދުން ދޫކޮށްލާފައި ހުރި އިރު ވެސް ނުފޫޒެއް ފޯރުވަން އެއްވެސް ކަމެއް ނުކުރާ ކަމަށް ދައުލަތުން މީގެ ކުރިން ޝަރީއަތުގައި ބުނެފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ ބަންދުގައި ބަހައްޓަން އެދުނު ސަބަބު ނެތި ގޮސްފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

ދައުލަތުން ބުނީ އެ ދެ މީހުން ޑީޕޯޓްކޮށްލީ ނޫން ކަމަށާއި ޗުއްޓީއަށް ގޮސް މި މަހު އަންނާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންވެ ގާޒީ އެންގެވީ އިމިގްރޭޝަނުން އެ ދެ މީހުންގެ މައުލޫމާތު ސާފުކޮށްފައި ހުށަހެޅުމަށެވެ.

އަފްސަލްގެ ދިފާއުން ވަނީ މިއަދު ބަންދަށް ލުޔެއް ދިނުމަށް ވަރަށް އާދޭހާ އެކު އެދިފަ އެވެ. އެކަމަކު ގާޒީ ވިދާޅުވީ އަފްސަލް މީގެ ކުރިން ބަންދުން ދޫކޮށްލާފައި ހުއްޓާ އަލުން ބަންދުކޮށްފައިވަނީ ހައި ކޯޓުން އެގޮތަށް އަމުރުކޮށްގެން ކަމަށް ވާތީ އެ އަމުރަށް ބަލަންޖެހޭ ކަމަށާއި މައްސަލަ އިތުރަށް ދިރާސާކޮށް އަދި އިމިގްރޭޝަނުން ސާފުކުރަންޖެހޭ ކަންކަން ސާފުކުރެއްވުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށެވެ. އެހެންވެ މާދަމާ ނޫން އަނެއް ދުވަހުގެ ހެނދުނު 11:30 އަށް ވަނީ އަނެއްކާވެސް އަޑުއެހުމެއް ތާވަލް ކުރައްވައިފަ އެވެ.

އަފްސަލްގެ ބަންދާ މެދު ގޮތެއް ނިންމުން މިއަދު ކުރިއަށް ގެންދިޔަ ނަމަވެސް މިއަދަށް ތާވަލްކޮށްފައި އޮތީ ހެކިން ހާޒިރުކުރުމެވެ. އެކަމަކު މި މައްސަލާގައި ދެން ހިމެނޭ، ޑްރަގް ޓްރެފިކިންގެ ދައުވާ ލިބޭ މުހައްމަދު ޝަރީފް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭސް ފަރުވާއަށ ރާއްޖޭން ބޭރަށް ދާން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އެދުމަށް ބަންދުން ދޫކޮށްލާފައި ވާތީ މިއަދު އޭނާ ހާޒިރު ނުކުރެވޭތީ ހެކިބަހެއް ނުނަގަ އެވެ.