23 ޖެނުއަރީ 2022
ކޮވިޑް ޖައްސާ ވައިރަސްގެ އެންމެ އާންމު ދެ ވެރިއަންޓް ކަމަށްވާ ޑެލްޓާ އާއި އޮމިކްރޮން ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރިގަނެ އެތައް މިލިއަން ބަޔަކު ބަލިކޮށްފި އެވެ. ކޮންމެ ވެރިއަންޓަކުން ކޮވިޑް ޖެހުނަސް އެކި ގައުމުތަކުން އެއްކޮށްފައިވާ މައުލޫމާތުން ދައްކަނީ އަލާމާތްތައް ދާދި އެއްގޮތް ކަމަށެވެ.
ކޮވިޑް ޖައްސާ ވައިރަސްގެ އެންމެ އާންމު ދެ ވެރިއަންޓް ކަމަށްވާ ޑެލްޓާ އާއި އޮމިކްރޮން ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރިގަނެ އެތައް މިލިއަން ބަޔަކު ބަލިކޮށްފި އެވެ. ކޮންމެ ވެރިއަންޓަކުން ކޮވިޑް ޖެހުނަސް އެކި ގައުމުތަކުން އެއްކޮށްފައިވާ މައުލޫމާތުން ދައްކަނީ އަލާމާތްތައް ދާދި އެއްގޮތް ކަމަށެވެ.
އެކަމަކު އެކި ވެރިއަންޓްތަކާ އެކު ބަލީގެ އަލާމާތްތަކުން ވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ފެންނަ ކަމަށް ވަނީ ބެލެވިފަ އެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އާދަޔާ ހިލާފް ބާރުމިނެއްގައި ފެތުރޭ އޮމިކްރޮން އިން ކޮވިޑް ޖެހުމުން ފެންނަ އަލާމާތްތައް ޑެލްޓާ ވެރިއަންޓުން ކޮވިޑް ޖެހުމުން ފެންނަ އަލާމާތްތަކަށް ވުރެ ކުޑަ އެވެ. އާދައިގެ ވަރަކަށް ހުން އައުމާއި އަރުތެރެ ކެހުމާއި ގަދަޔަށް ގައިގައި ރިއްސުމާއި ރޭގަނޑު ދާހިއްލުމާއި ހޮޑުލެވުމާއި ކާހިތްނުވުން މިއީ އޮމިކްރޮން ވެރިއަންޓްގެ އަލާމާތް ކަމަށް ވަނީ ބެލެވިފަ އެވެ.
ރާއްޖޭގައި މިދިޔަ ހަފުތާއެއްގެ ތެރޭގައި 10،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުނެވެ. ޓެސްޓް ހެދޭ ވަރާ އަޅާ ބަލާއިރު، މިއީ ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހަފުތާއެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް އެއްފަހަރާ ކޮވިޑް ކޭސްތައް ރިޕޯޓް ކުރި ހަފުތާ އެވެ. އެހެންވެ، އާންމުން ގަބޫލު ކުރަނީ ރާއްޖޭގައި ކޮންމެ ތިން މީހަކުން އެކަކު، ނުވަތަ އެއަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވުން އެކަށީގެންވާ ކަމަށެވެ.
އެކަމަކު، ކޮވިޑްގައި މީގެ ކުރިން ތަޖުރިބާކޮށްފައިވާ ކަންތައްތަކާ އަޅާ ބަލާއިރު މިފަހަރު ވަރަށް ބޮޑަށް ތަފާތެވެ. ވަރަށް ގިނަ މީހުން މިފަހަރު ހުމެއް ނާދެ އެވެ. މީގެ އިތުރުން ކުރިން ތަޖުރިބާކޮށްފައިވާ ވަރަށް ގިނަ ކަންކަން، މިސާލަކަށް، ވަސް ދުވުމާއި ރަހައަށް ބަދަލު އައުން މިފަހަރު އެއްގޮތަކަށް ވެސް ކުރިމަތިނުވާ މީހުން ވަރަށް ގިނަ އެވެ. ބައެއް މީހުންނަށް ކޮވިޑް ޖެހިފައިވާ ކަން އެނގެނީ ވެސް ޖެހި ފަސޭހަވެ، އެހެން ކަމެއްގައި ޓެސްޓް ހެދުމުންނެވެ.
ރާއްޖޭގައި ވެސް މި ފެންނަނީ އޮމިކްރޯންގެ ވެރިއަންޓެވެ. މިއީ އޮމިކްރޯންގެ ރާޅު ކަމަށް އެޗްޕީއޭ އިން ވެސް ބުނެ އެވެ. އެކަމަކު ޕީސީއާރު ނަތީޖާތަކުގައި އެއީ ކޮން ވެރިއަންޓެއް ކަން އެނގެން ނޯންނާތީ، ރާއްޖެ އިން މި ފެންނަނީ ކޮން ވެރިއަންޓެއް ކަމެއް ނޭނގެ އެވެ. ބެލެވޭ ގޮތުގައި، އަދި ފެންނަ އަލާމާތްތަކާ އެންމެ ބޮޑަށް ވައްތަރީ އޮމިކްރޯން އާ އެވެ.
ދިވެހި ޑޮކްޓަރަކު ވިދާޅުވީ އޮމިކްރޯން ވެރިއަންޓް ފެތުރިގެން ދިޔަ ސައުތު އެފްރިކާ އިން ފެނުނު އަލާމާތްތައް ރާއްޖެ އިން ވެސް ފެންނަ ކަމަށެވެ.
"ހުން އައުމާއި ގައިގައި ރިއްސުން، ބޮލުގައި ރިއްސުން ރާއްޖޭގައި ވެސް ފެނޭ. މި އަލާމާތްތައް އެކި ހިސާބުތަކުގައި ތަފާތު ވެދާނެ. އެއީ ކުރިން ވެކްސިން ޖެހި ނޫނީ ބަލި ޖެހުނު މީހަކަށް އަލާމާތްތައް ނުފެނިދާނެ ނޫނީ ވަރަށް މަދު އަލާމާތްތަކެއް ފެނިދާނެ،" އޭނާ ވިދާޅުވި އެވެ.
"ސަބަބަކީ ބަލީގެ އަދަދުތައް ލިބިފައިވާ ސައުތު އެފްރިކާ ނުވަތަ އެމެރިކާގައި ވެސް އޮމިކްރޯން ޖެހުނު މީހުންނަކީ ކުރިން ވެސް ކޮވިޑް ޖެހިފައިވާ މީހުން ގިނަ އަދަދަކަށް ހިމެނޭ އަދަދުތަކެއް. އެހެންވެ މިހާރު އެނގިފައިވާ ތަފާތަކީ ވެކްސިންގެ ދެ ޑޯޒް ނުވަތަ ތިން ޑޯޒް ޖަހާފައިވާ މީހުންނާ ވެކްސިން ފުރިހަމަ ނުކުރާ މީހުންގެ ތަފާތު."
މިދިޔަ އަހަރު ކޮވިޑް ޖެހި، އަދި މީގެ ދެ ހަފުތާ ކުރިން ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހަކު ބުނި ގޮތުގައި، އޭނާ އަށް ވޭތުވެދިޔަ ދެ ފަހަރު ކުރެވުނީ މުޅިން ދެ ތަޖުރިބާއެކެވެ. އޭނާ ބުނި ގޮތުގައި، ކުރީ ފަހަރު ހަތަރު ދުވަހު ގަދަ ހުމާ އޮންނަން ޖެހުނެވެ.
"މިފަހަރު ވެސް ހުން އައި. އެކަމަކު ކަރުތެރެ ސަކަރާތްވެ ގައިގައި ވަރުދެރަވުން ކަހަލަ ކަމެއް ނުވޭ. އެންމެ ބޮޑު ތަފާތަކަށް ފެނުނީ މީހާ ގަދަކޮށް ހުރުން،" ދެ ވެކްސިން ފުރިހަމަކޮށްފައިވާ ޒުވާނާ ބުންޏެވެ.
ޑެލްޓާ އާއި އޮމިކްރޮންގެ އެންމެ ބޮޑު ތަފާތަކަށް ފާހަގަވެފައި ވަނީ އޮމިކްރޮންގައި ކޮވިޑް ޖެހުމުން ވަސް ނުދުވުމާއި ރަހަ ނުލުން ފަދަ ކަންކަން ދިމާވުމުގެ ފުރުސަތު ކުޑަވުމެވެ. އެކަމަކު މިއީ ޑެލްޓާގައި ވަރަށް އާންމު އަލާމާތެކެވެ. ސައުތު އެފްރިކާ އިން އެންމެ ފުރަތަމަ އޮމިކްރޮން ދެނެގަތް ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސައުތު އެފްރިކަން މެޑިކަލް އެސޯސިއޭޝަންގެ ޗެއާޕާސަން ޑރ. އެންޖެލީކް ކޫޒީ ވެސް މިކަން ފާހަގަކުރައްވާފައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސައުތު އެފްރިކާގައި އޮމިކްރޮން އިން ބަލިވި މީހުންގެ ތެރޭގައި، ވަހާއި ރަހަ ގެއްލުމުގެ މައްސަލައެއް ނެތެވެ. އަދި މި މީހުންގެ ކިބައިން ފެނުނު ތަފާތު އަނެއް ކަމަކީ ނޭފަތް ބެދުމާއި ހުން ގަދަވުން ވެސް ނާދިރުކަމެވެ.
އޮމިކްރޮން ވެރިއަންޓާ އެކު މުޅި ދުނިޔޭގައި ވަނީ ކޮވިޑްގެ ކޭސްތައް ރެކޯޑް މިންވަރަކަށް އިތުރުވެފައި
މި ކަންކަމަކީ ޑެލްޓާ އާއި އޮމިކްރޮންގެ ބޮޑު ތަފާތެއް ކަމަށް ބެލެވިދާނެ އެވެ.
އޮމިކްރޮން ދުނިޔެއަށް އާންމުވި ފަހުން، ނޭފަތުން އައުމާއި ބޮލުގައި ރިއްސުން ވެސް އެއީ އޮމިކްރޮންގެ ހާއްސަ ސިފައެއް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.
ޔުނިވަސިޓީ ކޮލެޖް ލަންޑަންގެ ޕްރޮފެސަ އޮފް އެޕިޑެމިއޮލޮޖީ އެންޑް ހެލްތު އިންފޮމެޓިކްސް އައިރީން ޕީޓަސަން ވިދާޅުވެފައިވާ ގޮތުގައި އޮމިކްރޮންގެ ވިއްސަކަށް އަލާމާތުގެ ތެރެއިން އެންމެ އާންމީ ނޭފަތުން އައުމާއި ބޮލުގައި ރިއްސުމެވެ. އޭނާ ވަނީ މި ދެ އަލާމާތް ފެންނަ ނަމަ އެއީ އާންމު ރޯގާއެއްގެ ގޮތުގައި ނުބަލައި ޓެސްޓްކުރަން އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން، ވަރުބަލިވުމާއި ކިނބިހިއެޅުމާއި ކަރުގައި ރިއްސުން ވެސް މިއީ އަލާމާތްތަކެވެ. ރޭގަނޑު ދާހިއްލުމާއި ކާހިތްނުވުމާއި ހޮޑުލެވުން މިއީ އޮމިކްރޮންގެ ސަބަބުން، މަދުން ނަމަވެސް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ލިސްޓްކޮށްފައިވެ އެވެ.
ސައިންޓިފިކް ދިރާސާތަކާއި ސިއްހީ މާހިރުންނާއި ސިއްހީ އިދާރާތަކުން މިހާތަނަށް އާންމުކޮށްފައިވާ މިފަދަ އެކި މައުލޫމާތު އެއްކޮށްގެން އެމެރިކާގެ ފޯޗުން މަޖައްލާއިން ވަނީ ކޮވިޑްގެ އެކި ވެރިއަންޓްތަކާއި ފްލޫ އަދި އާންމު ރޯގާގެ އަލާމާތްތަކުގައި ހުރެދާނެ ފަރަގުތަކުގެ ލިސްޓެއް ހަދައިފަ އެވެ. ތިރީގައި މި ވަނީ އޭގެ ނަކަލެކެވެ.
އެކި ދިރާސާތަކާއި ޑޮކްޓަރުންގެ ތަޖުރިބާއާ ހަވާލާދީ "ފޯޗުން" މަޖައްލާއިން އެކުލަވާލި، ކޮވިޑްގެ ޑެލްޓާ އަދި އަދި އޮމިކްރޮން އިން ފެންނާނެ ކަމަށް ބެލެވިފައިވާ ތަފާތުތަކުގެ ލިސްޓް.
އޮމިކްރޮން ވެރިއަންޓް ނުވަތަ ޑެލްޓާ ވެރިއަންޓުން ވިޔަސް ކޮވިޑް ޖެހިއްޖެ ނަމަ ފެންނަ އަލާމާތްތައް މިހާރު ތަފާތުވެދާނެ އެންމެ ބޮޑު ސަބަބަކީ ވެކްސިން ޖަހާފައި ހުރުމެވެ. ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށާއި ކުރިން ކޮވިޑް ޖެހިފައިވާ މީހުންނަށް މިހާރު ބަލި ޖެހުމުން ކުރީގެ އަލާމާތްތަކާ ތަފާތުވެދާނެ އެވެ. އެއީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް ކޮވިޑްގެ ވައިރަސް މިހާރު އާ އެއްޗަކަށް ނުވާނެތީ އެވެ.
ސިއްހީ މާހިރުންގެ ލަފަޔަކީ އޮމިކްރޮން ވެރިއަންޓަކީ ނުރައްކާތެރިކަން ކުޑަ ވެރިއަންޓެއްގެ ގޮތުގައި ނުބެލުމެވެ. ތަފާތު މި ފެންނަނީ ވެކްސިނާއި ކުރިން ބަލި ޖެހިފައި ހުރުމުގެ ސަބަބުންނެވެ. ކޮވިޑުން ރައްކާތެރިވާން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ޖެހެ އެވެ. ފަރުވާ ކުޑަކޮށްގެން ނުވާނެ އެވެ.
އިންޑިއާގައި ކޮވިޑުގެ އަދަދުތައް 50 ހާހުން ދަށަށް
އޮމިކްރޯން ފެތުރެން ފެށި ފަހުން ބައި މިލިއަން މަރު
ދެން އުފެދޭ ކޮވިޑް ވައިރަސް ފެތުރުން މާ ހަލުވި ވެދާނެ
އޮމިކްރޮންއާ ދެކޮޅަށް ބޫސްޓަ ޝޮޓުގެ ބާރު ގަދަ: ސީޑީސީ
އިންޑިއާ: 3 ވަނަ ކޮވިޑް ރާޅުގެ ކުންނު ޖެނުއަރީގައި
އިންޑިއާގެ ބޮޑެތި ސަހަރުތަކުގެ ކޮވިޑް އަދަދުތައް ދަށަށް
އިޓަލީގެ ބަޔަކު ޕޮޒިޓިވްވެ، ލެބޯޓެރީގެ މައްސަލަ
ޑެލްޓާ އާއި އޮމިކްރޯން އެކުވެ ޑެލްޓާކްރޯން އުފެދިއްޖެ
ކޮވިޑްގެ ބޮޑެތި އަލާމާތްތައް ފެންނަ މިންވަރު ދަށް
އޮމިކްރޯން އާއި ޑެލްޓާއިން ކޮވިޑްގެ ސުނާމީއެއް އުފެދެނީ