Roadha Mihaaru
އޮމިކްރޮންއާ ދެކޮޅަށް ބޫސްޓަ ޝޮޓުގެ ބާރު ގަދަ: ސީޑީސީ

އޮމިކްރޮންއާ ދެކޮޅަށް ކޮވިޑް ބޫސްޓަ ޝޮޓުގެ ބާރު ގަދަ: ސީޑީސީ

22 ޖެނުއަރީ 2022

ކޮވިޑް-19 އިން ދިފާއުވާން ޖަހާ ވެކްސިނުން، އެ ބަލީގައި ހާލު ބޮޑުވުމުގެ ނުރައްކާ ކުޑަކޮށްދޭ މިންވަރު ވެކްސިންގެ ބޫސްޓަ ޝޮޓަކުން ދެ ގުނަ އިތުރުކޮށްދޭ ކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ކޮވިޑް-19 އިން ދިފާއުވާން ޖަހާ ވެކްސިނުން، އެ ބަލީގައި ހާލު ބޮޑުވުމުގެ ނުރައްކާ ކުޑަކޮށްދޭ މިންވަރު ވެކްސިންގެ ބޫސްޓަ ޝޮޓަކުން ދެ ގުނަ އިތުރުކޮށްދޭ ކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

"މިއީ ސީދާ އެމެރިކާގައި ކުރި ދިރާސާއަކުން، ކޮވިޑްގެ އޮމިކްރޮން ވެރިއަންޓާ ދެކޮޅަށް ބޫސްޓާ ޑޯޒަކުން ބޮޑު ރައްކާތެރިކަމެއް ލިބޭ ކަމަށް ލިބުނު ފުރަތަމަ ހެކި،" އިންޓަމައުންޓަން ހެލްތުކެއާގެ، އިންފެކްޝަސް ޑިޒީޒް ފިޒިޝަނެއް ކަމަށްވާ ޑރ. އެޑީ ސްޓެންހެމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

އެމެރިކާގެ 10 ސްޓޭޓަކުން މައުލޫމާތު އެއްކޮށްގެން ހެދި މި ދިރާސާއާ ބެހޭ ގޮތުން ޑރ. އެޑީ ވިދާޅުވި ގޮތުގައި އެމެރިކާގައި ދިން ވެކްސިންތަކުގެ ތެރެއިން ފައިޒާ އާއި މޮޑާނާ ވެކްސިން ޖެހި މީހުންގެ ހަށިގަނޑުގައި، ބަލީގައި ބޮޑުވަރުވިޔަ ނުދިނުމުގެ ގާބިލްކަން ހަ މަސް ދުވަހަށް ފަހު ހުރީ 38 ޕަސެންޓުގައި ކަމަށެވެ. މި މީހުންނަށް ބޫސްޓަ ޑޯޒް ދިނުމުން ރައްކާތެރިކަން 80 ޕަސެންޓަށް ވުރެ އިތުރުވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ހާލު ކޮވިޑް ބަލީގައި ބޮޑުވެ އެޑްމިޓްކުރަން ޖެހުމުގެ ފުރުސަތު 50 ޕަސެންޓަށް ކުޑަވި ނަމަވެސް ބޫސްޓަ ޑޯޒް ޖެހުމުން މި ރައްކާތެރިކަން 90 ޕަސެންޓަށް އަރާ ކަމަށް ދިރާސާއަށް ފަހު ޑރ. އެޑީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެސް ބޫސްޓަ ޑޯޒެއްގެ ފައިދާ ބޮޑު ކަމަށެވެ.

ޑރ. އެޑީ ވިދާޅުވީ ކުރިން ވެކްސިން ޖަހާފައި ހުއްޓަސް އޮމިކްރޮން ވެރިއަންޓުން ކޮވިޑް ޖެހިދާނެ ކަމަށާއި އެކަމަކު މީގެ ތެރެއިން ގިނަ މީހުންނަކީ އިތުރު ފަރުވާއެއް ހޯދަން ވެސް ނުޖެހޭ ވަރަށް ބަލީގެ އަލާމާތް ހުންނަ މީހުން ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑް ވެކްސިންގެ ބޫސްޓަ ޑޯޒް ޖެހުމާ އެކު 5-7 ދުވަސް ތެރޭގައި ރައްކާތެރިކަން ވަރުގަވާނެ ކަމަށެވެ. މިއީ އޮމިކްރޮން ވެރިއަންޓުގެ ކޭސްތައް އާދަޔާ ހިލާފަށް މައްޗަށް ގޮސްފައިވާ މި ދަނޑިވަޅުގައި ކުރުން ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

މުޅި ދުނިޔޭގައި ވެސް ކޮވިޑްގެ އާ ވެރިއަންޓާ އެކު، ކޮވިޑް ޖެހޭ މީހުން ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ. އެކަމަކު ބައެއް ގައުމުތަކުގައި ވަރަށް އަވަހަށް ބަލީގެ ޕީކަށް ގޮސް މިހާރު ވަނީ ކޭސްތައް މަދުވާން ފަށައިފަ އެވެ.