Roadha Mihaaru
ޖޮކޮވިޗް ފްރެންޗް އޯޕަން ކާމިޔާބުކޮށްފި

ޖޮކޮވިޗް ފުރަތަމަ ފަހަަރަށް ފްރެންޗް އޯޕަން ކާމިޔާބުކޮށްފި

06 ޖޫން 2016

ޕެރިސް (ޖޫން 6) - ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ފުރަތަމަ ފަހަރަށް ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (ޖޫން 6) - ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ފުރަތަމަ ފަހަރަށް ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފި އެވެ.

ފައިނަލުގައި އެންޑީ މަރޭއާ ވާދަކޮށް އުމުރުން 29 އަހަރުގެ ޖޮކޮވިޗް ސެޓުތައް ގެންދިޔައީ 3-6 6-1 6-2 6-4 އިންނެވެ. މި ކާމިޔާބީއާ އެކު ޖޮކޮވިޗް ވެގެން ގޮސްފައިވަނީ 1969 ވަނަ އަހަރަށް ފަހު އަހަރުގެ ހަތަރު ގްރޭންޑް ސްލޭމް ތަށި ހޯދި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ޖޮކޮވިޗް މީގެ ކުރިން ފްރެންޗް އޯޕަން ފައިނަލުގައި ކުޅުނު ތިން ފަހަރު ވެސް ވަނީ ބަލިވެފަ އެވެ. ފައިނަލުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މަރޭގެ މައްޗަށް ޖޮކޮވިޗަށް ކުރިހޯދުނީ ތިން ގަޑިއިރު ކުޅުނު ފަހުންނެވެ.

"މިއީ ކެރިއަރުގައި އެންމެ އުފާވި ދުވަސް،"

ފްރެންޗް އޯޕަން އަކީ ޖޮކޮވިޗަށް މީގެ ކުރިން ކާމިޔާބު ކުރެވިފައިނުވާ މުބާރާތަކަށް ވުމުން އޭނާ އަބަދުވެސް މި މުބާރާތަށް ހާއްސަ ސަމާލުކަމެއްދެ އެވެ. މި ފަހަރު މުބާރާތް ކާމިޔާބު ކުރެވުމުން އޭނާ ބުނީ މިއީ ކެރިއަރުގައި އެންމެ ހާއްސަ ވަގުތު ކަމަށެވެ.

ފްރެންޗް އޯޕަން ފައިނަލް މެޗުގެ ތެރެއިން އެންޑީ މަރޭ އާއި ނޮވަކް  ޖޮކޮވިޗް.-- ފޮޓޯ: އޭއެފްޕީ

ފްރެންޗް އޯޕަން ފައިނަލް މެޗުގެ ތެރެއިން އެންޑީ މަރޭ އާއި ނޮވަކް ޖޮކޮވިޗް.-- ފޮޓޯ: އޭއެފްޕީ

"އަހަރެންގެ ކެރިއަރުގައި އެންމެ އުފާވި ދުވަސް މިއީ. އެއީ ބޮޑު ކާމިޔާބެއް ހޯދުނުއިރު ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯތްބާއި ސަޕޯޓް އަހަރެން ވަރަށް ބޮޑަށް ފާހަގަކުރަން،" ޖޮކޮވިޗް ބުންޏެވެ.

މަރޭ މި މުބާރާތުގެ ފައިނަލުން ބަލިވިިއިރު، އޭނާ ކެރިއަރުގައި މިހާތަނަށް ކުޅުނު ގްރޭންޑް ސްލޭމް 10 ފައިނަލުގެ ތެރެއިން އަށް ފައިނަލުން ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. އޭގެ ތެރެއިން ފަސް ފައިނަލުން ބަލިވީ ޖޮކޮވިޗާ ވާދަކޮށެވެ.

މަރޭ ވަނީ ޖޮކޮވިޗްގެ ކާމިޔާބީ އަށް މަރުހަބާ ކިޔައިފަ އެވެ.

"މިއީ ޖޮކޮވިޗްގެ ދުވަހެއް. އެއީ މިދިޔަ 12 މަސް ދުވަހުގައި އޭނާ ދައްކަމުން އައީ ތަފާތު މޮޅު ކުޅުމެއް. އަހަރުގެ ހަތަރު ގްރޭންޑް ސްލޭމް ކާމިޔާބުކުރުމަކީ ވަރަށް ފުރިހަމަ ކާމިޔާބެއް،" މަރޭ ބުންޏެވެ.