Roadha Mihaaru
ސެލްފީތަކެއް ވިއްކައިގެން މިލިއަނަރަކަށް

ސެލްފީތަކެއް ވިއްކައިގެން 22 އަހަރުގެ ދަރިވަރަކު މިލިއަނަރަކަށް

21 ޖެނުއަރީ 2022

އަމިއްލަ ކޮމްޕިއުޓަރުގެ ކުރިމަތީގައި އިނދެގެން ނެގި ހާހެއްހާ ސެލްފީތަކެއް ނަން-ފަންޖިބަލް ޓޯކެން (އެންއެފްޓީ) ގެ ގޮތުގައި ވިއްކައިގެން އިންޑޮނީޝިއާގެ ދަރިވަރަކު މިލިއަނަރަކަށް ވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަމިއްލަ ކޮމްޕިއުޓަރުގެ ކުރިމަތީގައި އިނދެގެން ނެގި ހާހެއްހާ ސެލްފީތަކެއް ނަން-ފަންޖިބަލް ޓޯކެން (އެންއެފްޓީ) ގެ ގޮތުގައި ވިއްކައިގެން އިންޑޮނީޝިއާގެ ދަރިވަރަކު މިލިއަނަރަކަށް ވެއްޖެ އެވެ.

ކޮމްޕިއުޓަރު ސައިންސް ކިޔަވަމުން އަންނަ ދަރިވަރު، ސިލްތާން ގަސްތާފް އަލް ގޮޒާލީ، 22، މިކަމެއް ކުރީ މަޖަލަކަށް ހަދާފައި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އޭނާ ކޮމްޕިއުޓަރު ކުރިމަތީގައި އިނދެގެން ނެގި ސެލްފީތަކެއް އެންއެފްޓީ އަށް ބަދަކުކޮށްގެންނެވެ. މިއީ ބްލޮކްޗެއިންގައި ބޮޑު އަގުގައި (ކްރިޕްޓޯކަރަންސީގެ މުއާމަލާތް) ހިންގޭ މުއާމަލާތެކެވެ.

ސުލްތާން ބުނި ގޮތުގައި އޭނާ އެންއެފްޓި އަށް ހެދި ސެލްފީތައް ވިއްކަން ހުޅުވައިލީ އެންމެ 3 ޑޮލަރަށެވެ.

އެކަމަކު އެ އެއްޗިއްސަށް ލިބެން ފެށި ތަރުހީބު ބޮޑުވެ، އެ އެއްޗެހީގެ އަގު ފަހުން 10،000 ޑޮލަރުން މައްޗަށް އެރި އެވެ. އޭނާގެ އެންއެފްޓީގެ ތެރެއިން 200 އެއްހާ އެތި މިހާރު ވަނީ އޯޕަންސީ ޕްލެޓްފޯމްގައި ވިކިފަ އެވެ. މި ވާހަކަ ސުލްތާން ޓްވިޓާގައި ވެސް ހިއްސާކޮށްފައިވެ އެވެ.

މިހާރު އޭނާގެ ހުރިހާ އެންއެފްޓީތަކުގެ ޖުމްލަ އަގު 1.2 މިލިއަނަށް އަރަ އެވެ. މި ކަލެކްޝަންގެ ނަމަކީ "ގޮޒާލީ އިވްރިޑޭ" އެވެ.

ސުލްތާން ބުނިގޮތުގައި އޭނާގެ އެންއެފްޓީ ސެލްފީތަކުގެ އަގު އަރައިގެން ގޮސް މިލިއަނަށް އެރުމަކީ ކުރިން އުންމީދު ވެސް ކުރި ކަމެއް ނޫނެވެ.

"މިކަމެއް ކުރި އިރު އުފެދުނު އެންމެ ބޮޑު ސުވާލަކީ ކާކު ހެއްޔޭ އަހަރެންގެ ސެލްފީއެއް ގަންނާނީ. އެހެންވެ ހަގީގަތުގައި އޭގެ އެއްޗެއް ތިން ޑޮލަރަށް ލިސްޓްކުރީ ވެސް. އެކަމަކު ހީކުރި ގޮތާ ހިލާފަށް މިވީ ވަރަށް ކާމިޔާބު ކަމަކަށް،" މިލިއަނަރަކަށް ވުމުން އަދިވެސް ޝޮކްގައި ހުރި ދަރިވަރު އޭއެފްޕީ އަށް ބުންޏެވެ.

އޭނާ ބުނި ލިބުނު ޝޮކްގެ ބޮޑުކަމުން އެ ވާހަކަ މައިންބަފައިންގެ ގާތު ބުނާނެ ހިތްވަރެއް ވެސް އަދިވެސް ނެތެވެ. ސަބަބަކީ އޭނާ އަށް އެހާ ގިނަ ފައިސާ ލިބުނު ގޮތަކާ ދޭތެރޭ އެ މީހުން ބޮޑެތި ސުވާލުތައް އުފައްދާނެތީ އެވެ.

ސުލްތާންގެ މިލިއަނަރަކަށް ވިކަން ޓެކްހާ ބެހޭ އިދާރާ އަށް އެނގުމުން ޓުވިޓާ މެދުވެރިކޮށް އޭނާއާ މުއާމަލާތްކޮށް ޓެކުހާ ގުޅޭ ކަންކަން ކުރިއަށް ގެންދަން އެންގުމުން ލިބުނު އާމްދަނީން މިހާރު ވަނީ ޓެކްސް ވެސް ދައްކައިފަ އެވެ.

ސުލްތާން ބުނީ އަމާޒަކަށްވެފައި އޮތީ ފަސް އަހަރުގެ ތެރޭގައި ކޮންމެ ދުވަހަކު ކޮމްޕިއުޓަރު ކުރިމަތީގައި އިނދެގެން ސެލްފީތައް ނެގުން ކަމަށެވެ.