Roadha Mihaaru
ޑެންމާކު ފޯވާޑް ނާދިއާ އަކީ މިހާރު ޑޮކްޓަރެއް

ޑެންމާކު ފޯވާޑް ނާދިއާ އަކީ މިހާރު ޑޮކްޓަރެއް

19 ޖެނުއަރީ 2022

ޑެންމާކް (ޖެނުއަރީ 19) - ޑެންމާކުގެ ގައުމީ ފުޓުބޯޅަ ޓީމަށް 99 މެޗު ކުޅެދީފައިވާ އަފްގާނިސްތާނުގެ ހިރާތު ސިޓީއަށް އުފަން ނާދިއާ ނަދީމް، ޑޮކްޓަރަކަށް ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޑެންމާކް (ޖެނުއަރީ 19) - ޑެންމާކުގެ ގައުމީ ފުޓުބޯޅަ ޓީމަށް 99 މެޗު ކުޅެދީފައިވާ އަފްގާނިސްތާނުގެ ހިރާތު ސިޓީއަށް އުފަން ނާދިއާ ނަދީމް، ޑޮކްޓަރަކަށް ވެއްޖެ އެވެ.

ތާލިބާން ހަނގުރާމަވެރިންނަށް ފިލައިގެން އުމުރުން އެންމެ 11 އަހަރުގައި އުފަން ގައުމު ދޫކޮށް ޑެންމާކަށް ބަދަލުވި ނާދިއާ ވަނީ މިދިޔަ ސީޒަނުގައި ފްރާންސްގެ ޕީއެސްޖީގެ އަންހެން ޓީމުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަން ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. މިހާރު އުމުރުން 34 އަހަރުގެ ފޯވާޑް ވަނީ އެ ޓީމަށް ކުޅުނު 27 މެޗުގައި 18 ލަނޑު ޖަހައިދީފަ އެވެ.

"އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަރެންނަށް ސަޕޯޓް ދިން އެންމެންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ޕީއެސްޖީ ދޫކޮށް މިސީޒަނުގައި އެމެރިކާގެ ރޭސިން ލޫވިލް އަށް ކުޅެމުން އަންނަ ކޮލިފައިޑް ޑޮކްޓަރު ނާދިއާ މިދިޔަ ހުކުރު ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ވެއެވެ.

ނާދިއާގެ ބައްޕައަކީ އަފްގާނިސްތާނުގެ މިލިޓަރީގެ ޖެނެރަލް ރަބާނީ ނަދީމް އެވެ. މަންމަ ހަމީދާ އަކީ ސްޕޫލު ޕްރިންސިޕަލެކެވެ. ނަމަވެސް 2000 ވަނަ އަހަރު ތާލިބާން ހަނގުރާމަވެރިން ނާދިއާގެ ބައްޕަ މަރާލުމުން ރެފިއުޖީންގެ ގޮތުގައި މަންމަ އާއި ހަތަރު ކޮއްކޮއާ އެކު ޑެންމާކަށް ހިޖުރަކުރީ ޕާކިސްތާނު މަގުންނެވެ.

ނާދިއާ އަށް ފުޓުބޯޅަ ތައާރަފް ކޮށްދިނީ އޭނާގެ ބައްޕަ އެވެ. އެހެން ނަމަވެސް ފުޓުބޯޅަ ކުޅެން ފެށީ ޑެންމާކުގަ އެވެ. ނާދިއާ ވަނީ އެ ގައުމުގެ ބީ-52 އާލްބޯގްގެ ޓްރަޔަލްއެއްގައި ބައިވެރިވެ ކާމިޔާބު ހޯދައިފަ އެވެ. ޑޮކްޓަރަކަށް ވުމުގެ ހުވަފެނުގައި ޕްރޮފެޝަނަލް ކުލަބުތަކުން ލިބުނު ގިނަ ހުށަހެޅުންތައް ދޫކޮށްލުމަށް ފަހު ފުރަތަމަ ފަހަރަށް ޕްރޮފެޝަނަލް ކޮންޓްރެކްޓެއްގައި ސޮއިކުރީ 2006 ވަނަ އަހަރު އައިކޭ ސްކޯބަކެންއަށެވެ.

2017 ވަނަ އަހަރުގެ އަންހެނުންގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި ނާދިއާ ނެދަލެންޑްސް ކޮޅަށް ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: ރޮއިޓާސް

2017 ވަނަ އަހަރުގެ އަންހެނުންގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި ނާދިއާ ނެދަލެންޑްސް ކޮޅަށް ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: ރޮއިޓާސް

ޑެންމާކުގައި ފުޓުބޯޅަ ކުޅެން ފަށައި، ނާދިއާ ވަނީ 2008 ވަނަ އަހަރު ޑެންމާކުގެ ރަށްވެހިކަން ހޯދައި، ޖެހިގެން އައި އަހަރު ޑެންމާކު ގައުމީ ޓީމަށް ކުޅެން ފަށައިފަ އެވެ. އޭގެ ފަހުން 2015 ވަނަ އަހަރުން ފެށިގެން އެމެރިކާ ލީގުގައި ކުޅުމަށް ފަހު ޕީއެސްޖީއަށް ބްދަލުވުމުގެ ކުރިން 2018 ވަނަ އަހަރު އޭނާ ވަނީ މެންޗެސްޓާ ސިޓީއަށް ވެސް ކުޅެފަ އެވެ. ގައުމީ ޓީމަށް 38 ލަނޑު ޖަހައިދީފައިވާ ނާދިއާ އޭނާގެ ކެރިއަރުގައި މިހާތަނަށް 200 އަށް ވުރެ ގިނަ ލަނޑު ވަނީ ޖަހައިފަ އެވެ.

ޕާޓް ޓައިމްކޮށް ޑެންމާކުގެ އާރުސް ޔުނިވާސިޓީގެ މެޑިކަލް ސްކޫލުގައި ސާޖަރީގެ ދާއިރާއިން ހާއްސަ ޑޮކްޓަރަކަށް ވާން ކިޔެވުމަށް ފަހު، މިހާރު ސާޖަންއެއްގެ ލައިސެންސް ވެސް ވަނީ ލިބިފަ އެވެ. ނާދިއާ ވަނީ 2018 ވަނަ އަހަރު ފޯބްސް މެގަޒިންގެ ދުނިޔޭގެ ކުޅިވަރުގައި އެންމެ ނުފޫޒުގަދަ އަންހެނުންގެ ލިސްޓުގެ 20 ވަނައިގައި ހިމެނިފަ އެވެ.

އޭގެ ކުރިން 2017 ވަނަ އަހަރު މަޝްހޫރު ނައިކީ ބްރޭންޑުން ވަނީ ނާދިއާއާ އެކު ޕާޓްނާޝިޕް ހަދައިފަ އެވެ. މިއާއެކު އޭނާ ވެގެން ދިޔައީ ނައިކީއާ އެކު ޕާޓްނާޝިޕް ހެދި ފުރަތަމަ ޑެންމާކު ކުޅުންތެރިޔާއަށެވެ. ޑެނިޝް ބަހާއި އިނގިރޭސި އާއި ފާރިސީ ބަހާއި ހިންދީ، ފްރެންޗް، ޖަރުމަން އަދި އަރަބި ބަހާ އެކު ނާދިއާ ޖުމްލަ 11 ބަހުން ފަރިތަކަމާ އެކު ވާހަކަ ދައްކަ އެވެ.