Roadha Mihaaru
ޓޮންގާ އަލިފާން ފަރުބަދަ ގޮވުމުން ބޮޑު ގެއްލުމެއް

ޓޮންގާ އަލިފާން ފަރުބަދަ ގޮވުމުން ބޮޑު ގެއްލުމެއް ލިބުނު

16 ޖެނުއަރީ 2022

ޓޮންގާގެ ކަނޑު އަޑިން އިއްޔެ އަލިފާން ފަރުބަދައެއް ގޮވި ހާދިސާއާ ގުޅިގެން ޓޮންގާގެ ވެރިރަށް ނުކުއަލޯފާ އަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް، ނިއު ޒީލޭންޑްގެ ބޮޑުވަޒީރު ޖަސިންދުރާ އާޑެން މިއަދު ވިދާޅުވެއްޖެ އެވެ.

ޓޮންގާގެ ކަނޑު އަޑިން އިއްޔެ އަލިފާން ފަރުބަދައެއް ގޮވި ހާދިސާއާ ގުޅިގެން ޓޮންގާގެ ވެރިރަށް ނުކުއަލޯފާ އަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް، ނިއު ޒީލޭންޑްގެ ބޮޑުވަޒީރު ޖަސިންދުރާ އާޑެން މިއަދު ވިދާޅުވެއްޖެ އެވެ.

ކަނޑު އަޑީގައި ހުރި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑަށް އެރި ކުއްލި ލޮޅުމުގައި ސުނާމީއެއް އުފެދި ބައެއް ގައުމުތަކަށް ވަނީ ސުނާމީ އަރައިފަ އެވެ. ނަމަވެސް މީހެއްގެ ފުރާނަ ގެއްލި ނުވަތަ ޒަހަމެއް ލިބިފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަކަށް ނުލިބެ އެވެ.

އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އުފެދުނު ސުނާމީ އެންމެ ފުރަތަމަ އެރީ ޓޮންގޯއަށެވެ. ނަމަވެސް އަލިފާން ފަރުބަދަ ގޮވި ހާދިސާއާ ގުޅިގެން ޓޮންގޯގެ ފޯނުގެ ހިދުމަތްތަކާއި އިންޓަނެޓްގެ ހިދުމަތް މެދުކެނޑިފައިވާތީ، އެ ގައުމަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަން، އަދި އެ ގައުމުގައި ދިރިއުޅޭ 105،000 ރައްޔިތުންގެ ހާލަކީ ކޮބައިކަމެއް އަދި ޔަގީނެއް ނުވެ އެވެ.

ނިއު ޒީލޭންޑްގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ޓޮންގާގެ ވެރިރަށް ނުކުއަލޯފާގައި ހުންނަ ނިއު ޒީލޭންޑްގެ އެމްބަސީއާ މިހާރު ގުޅޭ ގޮތް ވެއްޖެ އެވެ. އެމަބްސީން ލިބުނު މައުލޫމާތަށް ބަލާއިރު، ނުކުއަލޯފާ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަން އެނގޭ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

"ސުނާމީގެ ސަބަބުން ނުކުއަލޯފާގެ އުތުރު ފަރާތު ގޮނޑުދޮށަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިއްޖެ. އެ ސަރަހައްދުގައި ހުރި އޮޑިދޯނިފަހަރާއި ބޮޑެތި ގާތައް ވެސް އެހުރީ އެއްގަމަށް އަރާފައި. މުޅި ނުކުއަލޯފާގެ ޖައްވު އެ އޮތީ އަލިފާން ފަރުބަދައިން ވައިގެ ތެރެއަށް އެރި އަޅިތަކުން ފޮރުވިފައި،" ބޮޑުވަޒީރު ވިދާޅުވި އެވެ.

ޓޮންގާގެ އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން އުފެދުނު ސުނާމީގެ ރާޅު އެރިކަމަށް މިހާތަނަށް ރިޕޯޓްކޮށްފައިވަނީ، ޓޮންގާގެ އިތުރުން އެމެރިކާ، ޖަޕާން، ނިއު ޒީލޭންޑް، ޗިލީ އާއި ޕެރޫ އަށެވެ. މީގެ ތެރެއިން ޕެރޫ އިން ވަނީ ދެ މީހަކު ގެނބިފަ އެވެ.

ހުންގާ-ޓޮންގާ-ހުންގާ-ހާޕައި ނަމަކަށް ކިޔާ މި އަލިފާން ފަރުބަދައަކީ ދޭތެރެ ދޭތެރެއިން ގޮވާ ފަރުބަދަ އެކެވެ. އެހެން ނަމަވެސް އިއްޔެގެ ގޮވުމަކީ އާދަޔާ ހިލާފަށް ބާރުގަދަ ގޮވުމެއް ކަމަށް، ބިންހެލުމާއި އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާތައް ދިރާސާކުރާ އިދާރާތަކުން ބުނެ އެވެ.

މި އަލިފާން ފަރުބަދަ ގޮވި އަޑު، އެ ސަރަހައްދާ 2،439 ކިލޯމީޓަރު ދުރުގައި އޮތް ނިއު ޒީލޭންޑަށާއި، އެ ފަރުބަދައާ 758 ކިލޯމީޓަރު ދުރުގައި އޮތް ފިޖީ އަދި 520 މޭލު ދުރުގައި އޮތް ސެމޯއާ އަށް އިވުނު ކަމަށް އެ ތިން ގައުމުން ބުނެ އެވެ. ފިޖީގެ ބައެއް މީހުން ބުނި ގޮތުގައި އެ އަޑު އިވުނީ ބާރު ހޮނު ގުގުރިއެއްގެ އަޑު ފަދަ ގޮތަކަށެވެ.

ސެޓެލައިޓުން ނަގާފައި ހުރި ފޮޓޯތަކަށް ބަލާއިރު، އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ވައިގެ ތެރޭގައި އުފެދުނު އަޅި އާއި ދުމުގެ ބޯ ވިލާގަނޑެއް ކަނޑުގެ ސަތަހައިން ފެށިގެން 20 ކިލޯމީޓަރަށް އަރައިގެން ގޮސްފައިވެ އެވެ. އޭގެ ސަބަބުން ޓޮންގާގެ ބޮޑު ސަރަހައްދެއްގެ އުޑުމަތި އިއްޔެ އޮތީ މުޅިން ބަނަވެފަ އެވެ.