Roadha Mihaaru
މި އަހަރުގެ އޮސްކާ ސެލީނާ ހޯސްޓްކޮށްފާނެ

މި އަހަރުގެ އޮސްކާ އެވޯޑްސް ސެލީނާ ހޯސްޓްކޮށްފާނެ

17 ޖެނުއަރީ 2022

މި އަހަރު ބާއްވާ 94 ވަނަ އޮސްކާ އެވޯޑްސް މަޝްހޫރު ލަވަކިޔުންތެރިޔާ/ބަތަލާ ސެލީގާ ގޮމޭޒް ހޯސްޓްކޮށްފާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު ބާއްވާ 94 ވަނަ އޮސްކާ އެވޯޑްސް މަޝްހޫރު ލަވަކިޔުންތެރިޔާ/ބަތަލާ ސެލީގާ ގޮމޭޒް ހޯސްޓްކޮށްފާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ފާއިތުވި ތިން އަހަރު ހޯސްޓަކާ ނުލައި ފިލްމީ ދާއިރާއިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ބޭއްވި ނަމަވެސް މި އަހަރު ހޯސްޓުންތަކެއް ފެންނާނެ ކަމުގެ އިޝާރާތެއް އޮސްކާ ހަފުލާ ގެނެސްދޭނެ އޭބީސީ އާއި ހުލޫގެ ޕްރެޒިޑެންޓް ކްރެއިގް އާވިޗް ވަނީ ދެއްވައިފަ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަހަރުގެ އޮސްކާގެ ހޯސްޓުންގެ ގޮތުގައި ތިން މީހަކު ފެނުމުގެ ފުރުސަތު ބޮޑެވެ. އެއީ ސެލީނާ، 29، ގެ އިތުރުން ދުވަސްވީ ދެ އެކްޓަރުން ކަމަށްވާ މާޓިން ޝޯޓް، 71، އާއި ސްޓީވް މާޓިން، 76، އެވެ.

މި ތިން މީހުންގެ އިތުރުން އޮސްކާ ހޯސްޓެއްގެ ގޮތުގައި ފެނިދާނެ ކަމަށް ބުނާ ފަންނާނުންގެ ތެރޭގައި ކިމް ކަޑޭޝިއަންގެ މިހާރުގެ ލޯބިވެރިޔާ ކޮމީޑިއަން ޕީޓް ޑޭވިޑްސަން ވެސް ހިމެނެ އެވެ.

ނަމަވެސް ސެލީނާ އާއި މާޓިންގެ އިތުރުން ސްޓީވްއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން ކްރެއިގް ވިދާޅުވީ އެ ތިން މީހުންނަކީ އޮސްކާ ހޯސްޓްކުރަން ވަރަށް ވެސް ފައްކާ ތިން ތަރިން ކަމަށެވެ.

"އަނެއްކާ ގިނަ ބަޔަކު އެހާ ގަޔާވާ މަގުބޫލު ތިން ފަންނާނުން އެއީ. އެ ތިން މީހުން އޮސްކާގެ ހޯސްޓުންގެ ގޮތުގައި ފެނުމަކީ ހަމަ ޔަގީނުން ވެސް ހުވަފެނެއް. މިކަމާ ބެހޭ މަޝްވަރާތައް އެބަ ކުރިއަށްދޭ މިހާރު ވިލް ޕެކާ [އެކެޑެމީގެ ޕްރޮޑިއުސަރު] އާ އެކު،" ކްރެއިގް ވިދާޅުވި އެވެ.

"އެހެންވެ އެންމެ ފަހުގެ ނިންމުން ނިންމާނީ އޭނާ."

މި އަހަރުގެ އޮސްކާ އެވޯޑް ހަފުލާ ތާވަލުކޮށްފައި އޮތީ އަންނަ މާޗް 27 އަށެވެ.

އޮސްކާ އެވޯޑްސް، 2018 އިން ފެށިގެން ރަސްމީ ހޯސްޓަކާ ނުލައި ބާއްވަމުން އައީ އެ އަހަރުގެ ހޯސްޓަކަށް ހަމަޖެއްސި އެކްޓަރު/ކޮމީޑިއަން ކެވިން ހާޓް ބަޔަކަށް ކުޑައިމީސްކޮށް ކުރިން ކޮށްފައި ހުރި ޓްވީޓްތަކެއް އަލުން ފެންމަތިވެ، ކުރިމަތިވި ޕްރެޝަރުތަކާ ހެދި އޭނާ ހޯސްޓްކުރަން ލިބުނު ފުރުސަތު ދޫކޮށްލުމުންނެވެ.