16 ޖެނުއަރީ 2022
ކްލަބް ގްރީން ސްޓްރީޓްސް އިން މިހާރު ފެންނަ ތަފާތުގެ އެންމެ ބޮޑު ސަބަބަކީ، މިދިޔަ އަހަރުން ފެށިގެން އެއް ޓީމެއް އޮވެ ކުޅުންތެރިން ގުޅުން ބަދަހިކޮށް، އާއިލާއެއްގެ ގޮތުގައި އުޅުން ކަމަށް ކެޕްޓަން ރިލްވާން ވަހީދު ބުނެފި އެވެ.
ކްލަބް ގްރީން ސްޓްރީޓްސް އިން މިހާރު ފެންނަ ތަފާތުގެ އެންމެ ބޮޑު ސަބަބަކީ، މިދިޔަ އަހަރުން ފެށިގެން އެއް ޓީމެއް އޮވެ ކުޅުންތެރިން ގުޅުން ބަދަހިކޮށް، އާއިލާއެއްގެ ގޮތުގައި އުޅުން ކަމަށް ކެޕްޓަން ރިލްވާން ވަހީދު ބުނެފި އެވެ.
އެ ޓީމުގެ ކޯޗު އަލީ ނިސްތާރު މި ސީޒަނުގެ ފުރަތަމަ މެޗުގެ ޕްރީ މެޗު ޕްރެސް އަށް ހާޒިރުވެ ބުނެފައި ވަނީ، ސީޒަނަށް ތައްޔާރުވާން ޕްރެކްޓިސް ކުރެވުނީ އެންމެ ފަސް ދުވަހު ކަމަށެވެ. މި އަހަރުގެ ސީޒަނަށް އެންމެ ލަހުން ތައްޔާރުވާން ފެށި ޓީމަކީ އެއީ އެވެ. މާލީ ދަތިތަކާއި ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށް ކުޅުންތެރިންނާއި ކޯޗުގެ ވާހަކައިން އެނގެ އެވެ.
އެކަމަކު މިހާރު ކުރިއަށްދާ، ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ އެންމެ ފަހު ހަތަރު މެޗަށް އެޅުނު އިރު އެންމެ ފޯމްގައި ވެސް އޮތީ ގްރީން ކަމަށް، އެ ޓީމުން ނެރެމުންދާ ނަތީޖާތަކުން ބުނެވިދާނެ އެވެ. ފިޓްނަސް ދަށްވުމުގެ އަސަރެއް އެ ޓީމަށް ދިމާ ނުވާކަމަށް ކޯޗު ނިސްތާރު ވެސް ބުންޏެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ވަރުގަދަ މާޒިޔާ ބަލިކޮށް ގްރީން ވަނީ އެޓީމުގެ ފެންވަރު ސާބިތުކޮށް ދީފަ އެވެ. އެއްވަނައިގައި އޮތް ކްލަބް ވެލެންސިިއާއާ އެއް ޕޮއިންޓުގެ ފަރަގަކާ އެކު ގްރީން ދެވަނައިގައި އޮތީ މާޒިޔާ އާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްގެންނެވެ.
ފިޓްނަސް މައްސަލަތަކެއް ދިމާ ނުވެ ގްރީން ކުރިއަށްދިއުމުގައި، ކުޅުންތެރިން ކުރި މަސައްކަތް، ކޯޗު ނިސްތާރު ފާހަގަކުރެ އެވެ. ގިނަ ދުވަސްތަކަކަށް ފުޓްބޯޅައިގެ ބޮޑެތި ހަރަކާތްތައް ހުއްޓިފައި އޮތް ދުވަސްވަރު ވެސް ކުޅުންތެރިން އަމިއްލަ އަށް ވަނީ، ފިޓްނަސް ދެމެހެއްޓުމަށްޓަކައި މަސައްކަތްތަކެއް ކޮށްފަ އެވެ.
ގްރީންގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ޕްރެކްޓިހުގައި ބޯޅަ ކުޅޭކަށް ވަގުތެއް ހޭދައެއް ނުކުރަން. ރިކަވަރީ އަށް މަސައްކަތްކޮށްފައި ހުންނާނީ. އެއީ ސީޒަނަށް ތައްޔާރުވާން ޖެހުނު ގޮތުން. ޕްރީ ސީޒަނެއް ނުހެދޭތީ އެގޮތަށް މަސައްކަތް ކުރަން ޖެހުނީ. މިކަހަލަ ދަނޑިވަޅެއްގައި އެގޮތަށް މަސައްކަތް ކުރީމަހެން ހީވަނީ ފިޓްނަސް މައްސަލައެއް ނުނިކުމެ ކުރިއަށް މިދެވުނީ،" ނިސްތާރު ބުންޏެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ޕޮއިންޓް ތާވަލު
މާލީ މައްސަލަތައް ކުރިމަތިވެފައިވާ ޓީމުން މިދިޔަ ސީޒަންގައި ދޭން ޖެހިފައި ހުރި މުސާރަތައް އަދިވެސް ނުދެވި ހުރި ކަމަށް ބައެއް ކުޅުންތެރިން ބުންޏެވެ. އެކަމަކު އެއިން އެއްވެސް ކަމެއް އުނިވި ކަމުގެ އިހްސާސެއް ދަނޑުގައި ނެރޭ ނަތީޖާތަކަކަކުން ނުދައްކަ އެވެ. ނިސްތާރު ބުނިގޮތުގައި އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުޅޭ ހިތުން، ކުޅެން ބޭނުން ވެގެން ތިބި ކުޅުންތެރިންތަކެއް ގްރީންގައި ތިބުމެވެ.
މި ސީޒަންގައި ތަފާތު ފޯމެއްގައި ހުރި، ކެޕްޓަން ރިލްވާން ވަހީދު ބުނިގޮތުގައި، މުސާރައިގެ ވާހަކަ ދައްކައިގެން ކުޅުމުގެ ފޯކަސް ގެއްލުވާލަން ބޭނުން ނުވެ އެވެ. ވިކްޓަރީ ސްޕޯޓްސް ކަލްބް އަދި ވެލެންސިއާގެ ކެޕްޓަންކަން ވެސް ކުރިން ކުރި، ރިލޭ އެ ކްލަބްތަކުގައި ކުރި ތަޖުރިބާތަކަށް ރިއާޔަތްކޮށް ބުނީީ މުސާރައިގެ ވާހަކަ ދައްކައިގެން ކުރިއަށްދާން އުނދަގޫ ކަމަކަށް ވެފައިވާކަން އޭނާ އަށް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.
"ކޮންމެ ކުޅުންތެރިޔަކަށް ވެސް އެނގޭނެ އަނެއް ކުޅުންތެރިޔާގެ ހާލަތު. އެކަމަކު އެއިން އެއްވެސް ކަމެއް ނުދައްކާ ދަނޑު މަތީގައި ރަނގަޅު ބޯޅައެއް ކުޅެވޭތޯ މި މަސައްކަތް ކުރަނީ. ކުޅުންތެރިން މިކުޅެނީ ކުޅޭ ހިތުން،" ރިލޭ ބުންޏެވެ.
ގްރީންގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކުޅުންތެރިން އެއްކޮށް ތަންތަނަށް ކާން ދިއުމާއި ކޮފީ އަށް ދިއުމާ، އެކަންކަން ވަރަށް ބަރާބަރަށް ކުރިއަށްދޭ. މިތާންގައި އެންމެ ސީނިއާކޮށް މިހުރީ އަހަރެން. އެކަމަކު އަހަރެން ނޫޅެން މާ ސީނިއާ މީހަކަށް ވެގެން އެހެން އުޅޭކަށް. ސަކަރާތް ޖަހާ ގަޑީގައި އެންމެ ސަކަރާތް ޖަހާ މީހަކަށް ވެސް ވާނީ އަހަރެން. އެކަމަކު ކުޅުމުގެ ތެރެއިން ކަމެއް ރަނގަޅު ކޮށްލަން ބުންޏަސް ކުޅުންތެރިން މަސައްކަތް ކުރާނެ."
މާޒިޔާއާ ދެކޮޅަށް ގްރީން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު
ގްރީންގެ ފޯވާޑް، އަންސަރު އިބްރާހިމް ބުނީ، ގްރީންގައި އޮތީ ކޮންމެ ކުޅުންތެރިޔަކަށް ވެސް މަސައްކަތް ކުރަން ފަސޭހަ މާހައުލެއް ކަމަށެވެ. ގްރީން މިހާރު ނެރެމުންދާ ނަތީޖާތަކާ އެކު އެ ޓީމުގެ މެނޭޖުމެންޓަށް ވެސް އާ ހިތްވަރެއް ލިބިއްޖެ ކަމަށް ކޯޗު ނިސްތާރު ބުންޏެވެ.
އަންނަ ބުދަ ދުވަހު ގްރީން އަށް އޮތީ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން މޮޅުވެގެން އެ ޓީމަށް ފައިނަލްގެ ޖާގަ ކަށަވަރު ކުރެވޭނެ އެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު އޮންނާނީ މިމަހު 23 ގައި ރ. އަލިފށީގަ އެވެ.
އީގަލްސްއިން ގްރީން ބަލިކުރުމުން ވެލެންސިއާ ފައިނަލަށް
ޗޯޓްގެ ހެޓްރިކުން ގްރީން އިން ޓީސީ ބަލިކޮށްފި
ކީޕަރުގެ އަންގި ލައްވައިގެން ރިލޭ ގޯލަށް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މާލީ ތަފުސީލު ހޯދަން ކޮމިޝަނަރު އެނގުމުން ނުރުހުން
ލީގުން ވަކިވިކަން ގްރީންއިން ރަސްމީކޮށް އަންގައިފި
އިނާމު ފައިސާ ދިނީ މާޒިޔާ އަށް އެކަނި: ވެލެންސިއާ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ފީފާގެ އެންގުމާ ގްރީންއިން ހިލާފްވިކަމުގެ ތުހުމަތު
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި