Roadha Mihaaru
ހިތުގެ މައްސަލައަކާ ހުރެ އޮބާމެޔަން އަށް ނުކުޅެވުނު

ގެބޮން އާއި ގާނާ އެއްވަރު، އޮބާމެޔަން އަށް ނުކުޅެވުނީ ހިތުގެ މައްސަލައަކާ ހުރެ

15 ޖެނުއަރީ 2022

ކެމަރޫން (ޖެނުއަރީ 15) - މިހާރު ކުރިޔަށްދާ އެފްރިކަން ޕަކް އޮފް ނޭޝަންސްގައި ރޭ ގެބޮން އާއި ގާނާ ވާދަކޮށް 1-1 އިން އެއްވަރުވި މެޗުގައި ގެބޮންގެ ގައުމީ ޓީމުގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމެޔަން އަށް ނުކުޅެވުނީ އޭނާގެ ހިތުގެ މައްސަލައެއް އުޅޭތީ ކަމަށް އެޓީމުން ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކެމަރޫން (ޖެނުއަރީ 15) - މިހާރު ކުރިޔަށްދާ އެފްރިކަން ޕަކް އޮފް ނޭޝަންސްގައި ރޭ ގެބޮން އާއި ގާނާ ވާދަކޮށް 1-1 އިން އެއްވަރުވި މެޗުގައި ގެބޮންގެ ގައުމީ ޓީމުގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމެޔަން އަށް ނުކުޅެވުނީ އޭނާގެ ހިތުގެ މައްސަލައެއް އުޅޭތީ ކަމަށް އެޓީމުން ބުނެފި އެވެ.

ގެބޮން ފުޓުބޯޅަ އެސޯސިއޭޝަނުން ހާމަކުރާ ގޮތުގައި އޮބާމެޔަންގެ އިތުރުން އެޓީމުގައި ހިމެނޭ ފޯވާޑް އަކްސެލް މޭޔޭ އާއި ކުރިން ޔުވެންޓަސް އާއި ސައުތެމްޓަން އަށް ކުޅުނު މިޑްފީލްޑަރު މާރިއޯ ލެމީނާ ވެސް ޓީމުގައި ނުހިމެނީ ހަމަ އެ ސަބަބާ ހުރެ އެވެ.

އެ އެސޯސިއޭޝަނުން ބުނީ ކޮވިޑަށް ފަހު ނެގި ސްކޭންތަކުން ތިން ކުޅުންތެރިންގެ ވެސް "ކާޑިއެކް ލެސިއަން" ހިތުގެ މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އޮބާމެޔަންގެ މައްސަލަ އާސެނަލްގެ ޑޮކްޓަރުންނާ ވެސް ހިއްސާކޮށްފައި ވާނެ ކަމަށާއި، ނަމަވެސް މައްސަލަ ސީރިއަސް ނޫންކަން ޔަގީން ވުމުން އޭނާ ޓީމާއެކު ކެމަރޫންގައި ބަހައްޓަން އާސެނަލް އިން ނިންމީ އެވެ.

ގާނާގެ ކެޕްޓަން އަޔޫ ގެބޮން ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެން ދަނީ.-- ފޮޓޯ: އޭއެފްޕީ

ގާނާގެ ކެޕްޓަން އަޔޫ ގެބޮން ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެން ދަނީ.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގެ ވަރަށް ކުރީކޮޅު އާސެނަލްގެ މިޑްފީލްޑަރު ތޯމަސް ޕާޓޭގެ އެހީތެރިކަމާ އެކު، ކުރިން ސްވަންސީ އާއި ވެސްޓް ހޭމް އަށް ވެސް ކުޅުނު ގާނާގެ ކެޕްޓަން އަންޑްރޭ އަޔޫ ލީޑު ނަގައިދީފައި ވަނިކޮށް ގެބޮން އިން އެއްވަރުކުރީ މެޗުގެ 88 ވަނަ މިނިޓުގަ އެވެ.

ގެބޮންގެ ކޯޗު ޕެޓްރިސް ނޫވޫ ބުނީ، ތިން ކުޅުންތެރިން މެޗުގައި ބޭނުން ނުކުރެވޭކަން އޭނާއަށް އަންގާފައި ވަނީ މެޗު ފަށަން ދެ ގަޑިއިރަށްވެފައި ވަނިކޮށް ކަމަށެވެ. ނަމަވެސް ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މޮރޮކޯއާ ދެކޮޅަށް ނުކުންނައިރު އޮބާމެޔަންގެ ބޭނުން ހިފޭނެ ކަމަށް އުންމީދު ކުރާ ކަމަށް އެޓީމުގެ ކޯޗު ވަނީ ބުނެފަ އެވެ.

އޮބާމެޔަން ވަނީ ގެބޮން ޓީމާ އެކު މުބާރާތަށް ކެމަރޫން އަށް ދިޔަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެޓީމު ކުޅުނު ފުރަތަމަ މެޗު ވެސް ކުޅުނީ އޮބާމެޔަން ޓީމުގައި ނުހިމަނަ އެވެ. ފުރަތަމަ މެޗުގައި އެޓީމު ވަނީ މުޅިން އަލަށް މުބާރާތުގައި ވާދަކުރި ކޮމޮރޯސް 1-0 އިން ބަލި ކޮށްފަ އެވެ.

މޮރޮކޯ އިން ކޮމޮރޯސް ކޮޅަށް ލަނޑު ޖެހުމުން އެޓީމުގެ ޕީއެސްޖީ ފުލްބެކް އަޝްރަފް ހަކީމީ (2) ޓީމު ކުޅުންތެރިންނާ އެކު.--

މޮރޮކޯ އިން ކޮމޮރޯސް ކޮޅަށް ލަނޑު ޖެހުމުން އެޓީމުގެ ޕީއެސްޖީ ފުލްބެކް އަޝްރަފް ހަކީމީ (2) ޓީމު ކުޅުންތެރިންނާ އެކު.--

ގެބޮން ހިމެނޭ ގުރޫޕް ސީގެ މޮރޮކޯ ވަނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ނޮކައުޓް ބުރަށް ދަތުރު ކޮށްފަ އެވެ. އެޓީމުން ރޭ ކޮމޮރޯސް އާ ވާދަކޮށް މޮޅުވީ 2-0 އިންނެވެ.

މުބާރާތުގެ ނޮކައުޓް ބުރަށް ދަތުރުކުރި ފުރަތަމަ ގައުމަކީ މުބާރާތް ބާއްވާ ކެމަރޫން އެވެ. ކެމަރޫން ވަނީ އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗު ފަސޭހަ ކަމާއެކު 4-1 އިން އިތިއޯޕިއާ ބަލި ކޮށްފަ އެވެ. މި މެޗުގައި ވެސް ކެމަރޫންގެ ކެޕްޓަން ވިންސެންޓް އަބޫބަކާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މި ގުރޫޕްގެ ފުރަތަމަ މެޗުގައި ކެމަރޫން އަތުން ބަލިވި ބުރްކިނާ ފަސޯ ވަނީ އެޓީމުގެ ދެވަނަ މެޗު ކޭޕް ވާޑްއާ ވާދަކޮށް 1-0 އިން ކާމިޔާބު ކޮށްފަ އެވެ.

ކެމަރޫންގެ ކެޕްޓަން އިތިއޯޕިއާ ކޮޅަށް އޭނާގެ ދެވަނަ ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ކެމަރޫންގެ ކެޕްޓަން އިތިއޯޕިއާ ކޮޅަށް އޭނާގެ ދެވަނަ ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

މުބާރާތުގައި ސެނެގާލް އާއި ގިނީ ވާދަކުރި ގުރޫޕް ބީގެ މެޗު އެއްވަރުވީ ލަނޑެއް ނުޖެހި 0-0 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގިނީގެ ކެޕްޓަން، ލިވަޕޫލްގެ ނަބީ ކެއިޓާ އެވެ. އެޓީމު ކުޅުނު ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ ކެއިޓާ އެވެ. ސެނެގާލް އާއި ގިނީ އަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތީ ދެވަނަ މެޗުގައި 2-1 އިން ޒިމްބާބްވޭ ބަލިކުރި މަލާވީ އެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މިރޭ ކުޅޭނީ ގުރޫޕް ޑީގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ރާއްޖެ ގަޑިން 9 ޖަހާއިރު ނައިޖީރިއާ އާއި ސޫދާން ވާދަކުރާއިރު، މިރޭ 12 ޖަހާއިރު ވާދަކުރާނީ ގިނީ-ބިސާއު އާއި މިސްރެވެ.

ލިވަޕޫލްގެ ސަލާހު ހިމެނޭ މިސްރު މިވަގުތު އޮތީ ކުޅުނު ފުރަތަމަ މެޗުން ނައިޖީރިއާ އަތުން ބަލިވެ، ގުރޫޕުގެ ފުލުގަ އެވެ. ނައިޖީރިއާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ގިނީ-ބިސާއު އާއި ސޫދާން އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.