Roadha Mihaaru
ހުޅުމާލޭން ޓާޓާއަށް ބިން ދިނީ ދެވަނަ ފިޔަވަހި ފަށަން

ޓާޓާއާ އެކު ސޮއިކޮށްފި، ހުޅުމާލެއިން ދެ ބިން ދޫކުރީ ދެ ވަނަ ފިޔަވަހީގެ ދަށުން

15 ޖެނުއަރީ 2022

ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން 2010 ގައި ޓާޓާ ކުންފުންޏާ އެކު އެމްޑީޕީގެ ސަރުކާރުން ވެފައިވާ އެއްބަސްވުމަށް މި ސަރުކާރުގައި ސެޓްލްމެންޓެއްގެ ދަށުން ރުޖޫއަވެ މިދިޔަ ބުރާސްފަތި ދުވަހު ސޮއިކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން 2010 ގައި ޓާޓާ ކުންފުންޏާ އެކު އެމްޑީޕީގެ ސަރުކާރުން ވެފައިވާ އެއްބަސްވުމަށް މި ސަރުކާރުގައި ސެޓްލްމެންޓެއްގެ ދަށުން ރުޖޫއަވެ މިދިޔަ ބުރާސްފަތި ދުވަހު ސޮއިކޮށްފި އެވެ.

ޓާޓާގެ ފުރަތަމަ އެއްބަސްވުމުގައިވާ މާލޭގެ އޯޑިއޯން އާއި ނާދީ ބިމުގެ އިތުރުން ލަގްޒަރީ ވިލާ އެޅުމުގެ ރަށެއް ދޭން އެއްބަސްވެ މި ސޮއިކުރީ އާބިޓްރޭޝަންގައި ސަރުކާރާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ނަގާނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ. ޓާޓާ އަށް ތަކުރާރުކޮށް މުއްދަތުތައް ދީގެން ވެސް އެއްބަސްވި ގޮތަށް ފްލެޓްތައް ނޭޅުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއްބަސްވުން އުވާލުމުން މުމްބާއީގެ އާބިޓްރޭޝަން ސެންޓަރަށް ޓާޓާ އިން ހުށަހެޅީ ތިން ބިލިއަން ރުފިޔާގެ ބަދަލެއް ނަގައި ދިނުމަށެވެ.

އެންމެ ފުރަތަމަ ސޮއިކުރިއިރު ވެސް އޮތް ޓާޓާއަށް ބޮޑެތި އިނާޔަތްތައް ލިބޭ ގޮތަށް އޮތް އެއްބަސްވުން ސަރުކާރާ ދެކޮޅަށް ނިމިދާނެ ކަމުގެ ބިރު އޮތުމުން ކުރީގެ ސަރުކާރުގައި ވެސް ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން މަސައްކަތް ކުރި އެވެ. ޓާޓާއާ ހަވާލުކުރި ހުރިހާ ފްލެޓެއް ނިމުމުން، ލަގްޒަރީ ވިލާ އަޅަން ޅ. ޅޮއްސަލަފުށި ދޫކުރަން ނިންމާ ގޮތަށް އެއްބަސްވުން ހެދިޔަސް އެއަށް އަމަލެއް ނުކުރެ އެވެ.

މި ސަރުކާރުން ޓާޓާ އެކު މަޝްވަރާކޮށް ނިންމީ އެ ކުންފުނިން ބޭނުންވި ބޭނުންތައް ދީގެން މަޝްރޫއު ކުރިއަށް ގެންދާށެވެ. މިގޮތަށް ނިންމަން އުޅޭ ކަން އިއުލާންކުރުމާ އެކު އަމާޒުވި ފާޑުކިއުންތަކަށް ޖަވާބުދީ ޕްލޭނިން މިނިސްޓްރީން ނެރުނު ބަޔާނުގައި ޓާޓާ އެއްބަސްވުން ކޮޅެއްގައި ނުޖެހި އޮތް ސަބަބުތައް ވަނީ ކިޔައިދީފަ އެވެ.

މި މަޝްރޫއުގައި ޓާޓާއަށް ލިބޭ ފައިދާތަކުގެ ތެރޭގައި ހުޅުމާލޭގެ ދެ ބިން ހިމެނޭ ކަަމަށް ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ޕްލޭނިން މިނިސްޓްރީން ބުނީ 2015 ގައި ހުޅުމާލެ އިން ދެ ބިމެއް ދޫކުރީ މި މަޝްރޫއުގެ ދެ ވަނަ ފިޔަވަހިން ކަމަށެވެ. އެ ދެ ބިން ވެސް ދޫކޮށްފައި އޮތީ ޕްލޭނިން އިން އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުން ނަމަ ފުރަތަމަ ފިޔަވަހީގައި އެ ކުންފުންޏާ ހަވާލުކުރި މަސައްކަތްތައް ނުނިމެނީހެވެ.

"މި މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ކަރްގަވާލް 18 އެސްޖީ ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވުނު 150 ފްލެޓް އަދި 15 ލަގްޒަރީ ވިލާސް ފައިނޭންސްކޮށް ޑިވެލޮޕްކުރުމުގެ މަސައްކަތް ކުރުމަށް 19 މާޗް 2015 ގައި ސެންޑަލް މޮރިސަސް ޕްރައިވެޓް ލިމިޓެޑާ އެކު ވަކި އެއްބަސްވުމުގައި ވަނީ ސޮއިކުރެވިފަ އެވެ،" ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

"މި ގޮތުން ސެންޑަލް މޮރިސަސް އިން ހުޅުމާލޭގައި ސަރުކާރުން ކަނޑައަޅާ އަގެއްގައި ވިއްކުމަށް 120 ފްލެޓް އަދި ލަގްޒަރީ ފްލެޓުގެ ގޮތުގައި 30 ފްލެޓް ހުޅުމާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ."

ޓާޓާއިން ހުޅުމާލޭގައި ހަދާ ލަގްޒަރީ 10 ބުރީގެ އިމާރާތް--ފޮޓޯ:ސެންޑަލް މޮރިޝަސް

ޓާޓާއިން ހުޅުމާލޭގައި ހަދާ ލަގްޒަރީ 10 ބުރީގެ އިމާރާތް--ފޮޓޯ:ސެންޑަލް މޮރިޝަސް

ހުޅުމާލޭގައި ސެންޑަލް މޮރިސަސް އިން ހިންގަނީ "ވަން ސެންޓްރަލް ޕާކް" އާއިި ސޮލިޓެއާ" އެވެ.

މިދެ ޕްރޮޖެކްޓްގެ ވެސް ބިންގާ އަޅާއި އޭގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ވަން ސެންޓްރަލް ޕާކްގެ ނަމުގައި އަޅާ އިމާރާތުގައި މެދު ފަންތީގެ މީހުންނަށް ހާއްސަކޮށް 120 އެޕާޓްމެންޓް އަޅާނެ އެވެ. ސޮލިޓެއާ ޕްރޮޖެކްޓަކީ އެ ކުންފުނިން ބުނެފައިވާ ގޮތުގައި މަތީ ފަންތީީގެ ފްލެޓުގެ 10 ބުރީގެ އިމާރާތެކެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ އުތުރުގައި އަޅާ މި އިމާރާތުގައި ހަދަނީ 1+3 ގެ ކޮޓަރީގެ އެޕާޓްމަންޓްތަކެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ބަޔާނުގައި ބުނީ މި ސަރުކާރުގައި ވެސް އެކި ފަހަރު މަތިން މަޝްވަރާކޮށް ކޯޓުން ބޭރުން މައްސަލަ ނިންމީ، އާބިޓްރޭޝަންގައި އެ މައްސަލަ ޓާޓާއަށް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށް ސަރުކާރުގެ ފަރާތުން މައްސަލައިގައި ވަކާލާތު ކުރާ ލޯޔަރުން ލަފާ ދެއްވާފައިވާތީ ކަމަށެވެ.

ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ވެސް އެކި ފަހަރު މަތިން އެއްބަސްވުމަށް އިސްލާހުތައް ގެނެސްފައިވެ އެވެ. ރިސޯޓް ހަދަން ޅޮއްސަލަފުށި ދޭން އެއްބަސްވާ ގޮތަށް އޮތަސް ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި މި ސަރުކާރުން ވަނީ އެކަން ބަދަލުކޮށް، ލަގްޒަރީ ވިލާ އަޅަން ބިން ދޫކުރާ ގޮތަށް ހަދައިފަ އެވެ.

"އަދި ލަގްޒަރީ ވިލާ އެޅުމަށް ދޫކުރެވޭ 360،000 އަކަ ފޫޓޫގެ ބިމަށް އަކަ ފޫޓަކަށް 25 ޑޮލަރުގެ ރޭޓުން ޖުމްލަ ނުވަ މިލިއަން ޑޮލަރު ސަރުކާރަށް އެޕެކްސް ރިއަލްޓީން ދެއްކުމަށް ވަނީ އެއްބަސްވެވިފަ އެވެ،" ޕްލޭނިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ޓާޓާ ކުންފުނި މެދުވެރިކޮށް 500 ފްލެޓް އެޅުމަށް ސަރުކާރުން އެއްބަސްވި އިރު ގާތްގަނޑަކަށް 12 އަހަރު ވެގެންދިޔަ އިރު އެޅުނީ 288 ފްލެޓެވެ.

އެގްރީމެންޓާ އެއްގޮތަށް ދެން ހުރި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިޔަ ބަޔަކާ އެކު ސަރުކާރުން ސެޓުލްމެންޓް ހެދުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި ޓާޓާއެކު އެންމެ ފުރަތަމަ އެކުލަވާލި އެއްބަސްވުމުގައި ބޮޑެތި މައްސަލަތައް އޮޑިޓަ ޖެނެރަލްގެ އޮފީހުން ކުރި ހާއްސަ އޮޑިޓުން ވެސް އެކަން އެނގެ އެވެ. އަލުން އެންމެ ފުރަތަމަ އެއްބަސްވުން އޮތް ގޮތަށް ބަދަލު ގެނައުމުން ސަރުކާރަށް ގެއްލުން ކުޑަވާނެ ކަމަށް ސަރުކާރުން ބުނެފައިވާ އިރު އެގްރީމެންޓާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދިއުމުން ޓާޓާއިން ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ ވެސް ސަރުކާރަށް މިހާތަނަށް ދައްކާފައެއް ނުވެ އެވެ.