Roadha Mihaaru
ސަސް އިން ޔޫވީ ބަލިކޮށްފި

ސަސް އިން ޔޫވީ ބަލިކޮށްފި

15 ޖެނުއަރީ 2022

ޕްރެޒިޑެންޓްސް ކަޕްގައި ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 2-0 ން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކާމިޔާބު ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޕްރެޒިޑެންޓްސް ކަޕްގައި ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 2-0 ން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކާމިޔާބު ހޯދައިފި އެވެ.

ޔޫވީން ކުޅުނު ހަތް މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް އެ ޓީމު މޮޅުވެފައެއް ނެތެވެ. ޓީމު އޮތީ ތާވަލުގެ ފުލުގަ އެެވެ. އެޓީމަށް ލިބުނު ހަމައެކަނި ޕޮއިންޓަކީ، ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރު ވުމުން ދެޓީމަށް ހިއްސާކުރި ޕޮއިންޓެވެ.

ސަސް މެޗުން މޮޅުވިޔަސް ޕްރެޒިޑެންޓްސް ކަޕްގައި އެޓީމަށް ހާސިލުވާނެ ކާމިޔާބެއް ނެތެވެ. ގުރޫޕް ސްޓޭޖު ލީގު އުސޫލުން ކުޅެން ހަމަޖައްސާފައިވާ، މިފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ދިއުމުގެ ފުރުސަތު އޮތީ، ކްލަބް ވެލެންސިއާ، ކްލަބް ގްރީން ސްޓްރީޓްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ތެރެއިން ކޮންމވެސް ދެ ޓީމަކަށެވެ.

ސަސް އާއި ޔޫޥި ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ޔޫވީގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސަސް އާއި ޔޫޥި ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ޔޫވީގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ސަސް އަށް ފުރަތަމަ ލަނޑު ޖަހައިދިނީ، މި ސީޒަންގައި ރަނގަޅު ފޯމެއްގައި ކުޅެމުންދާ މުހައްމަދު ޝަހާއު (ބޭލް) އެވެ. މެޗުގެ 45 ވަނަ މިނެޓްގައި ޔަޝްފާދު ހަބީބު (މުލަކޭ)، ޔޫވީގެ ހާފުގެ ތެރެއިން ބޯޅަ ލިބިގަނެ، ބޯޅަ އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ފަހު ބޯޅަ ޕާސްނުކޮށް މަޑުކޮށްލީ، ސަސް ގެ ކުޅުންތެރިޔަކު އޭރިއާ ތެރެއަށް އަރަންދެނެވެ. ޝަހާއު އޭރިއާ ތެރެއަށް ވަނުމުން، ޔަޝްފާދު ރަނގަޅު ވަގުތުގައި އޭނާ އަށް ބޯޅަ ދިނެވެ. ޝަހާއު އަށް ބޯޅަ ފޮނުވާލަން ލިބުނީ މުޅިން ހުސްކޮށެވެ.

ސަސްގެ ދެވަނަ ލަނޑަކީ، ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) ޖެހި ހިތްގައިމު ހިލޭޖެހުމަކުން ވައްދާލި ލަނޑެކެވެ. ޔޫވީގެ އޭރިއާގެ ބޭރުން، އެޓީމުގެ ޑިފެންޑަރުން، ޔަޝްފާދު އަށް ފައުލު ކުރުމުން ދިން ހިލޭޖެހުމަށް ހުރަސް އަޅަން، ޔޫވީގެ ހަ ކުޅުންތެރިޔަކު ފާރެއްހެން އެތުރިގެން ތިއްބެވެ. އެކަމަކު ހަނީފް ހިލޭ ޖެހުން ވައްދާލީ ވޯލް މަތިން ގޮސް ގޯލް ދަނޑި ކައިރިން ފޮނުވައިލައިގެންނެވެ. ޔޫވީގެ ކީޕަރު އަހްމަދު އަހްނަފް ޒަރިއަންދަށް ވެސް ބޯޅަ ސަލާމަތް ކުރަން ކުރެވޭނެ ކަމެއް ނެތެވެ.

ސަސް ވަނީ ނުވަ ޕޮއިންޓް ހަމަކޮށްފަ އެވެ. ދެން އޮންނާނީ ލީގު ބުރުގެ އެންމެ ފަހު ހަތަރު މެޗެވެ. އަންނަ ބުދަ ދުވަހު ކުޅޭ ދެ މެޗަކީ އެންމެ ފޯރިގަދަ ވާނެ ދެމެޗެވެ. ފައިނަލަށް ދިއުމުގެ ފުރުސަތު އޮތް ގްރީން ސްޓްރީޓްސް އެދުވަހު ހަވީރު ނުކުންނާނީ، ކްލަބް އީގަލްސްއާ ދެކޮޅަށެވެ. އެރޭ ކުޅޭނީ ފައިނަލަށް ދެވެން ފުރުސަތު އޮތް އަނެއް ދެޓީމު ކަމަށްވާ، ވެލެންސިއާ އާއި މާޒިޔާ އެވެ. ހަވީރު ކުޅޭ މެޗުން ގްރީން މޮޅު ވެއްޖެނަމަ އެޓީމު ފައިނަލަށް އެކޮޅުން ދާނެ އެވެ. ގްރީން މެޗު ކާމިޔާބުކޮށްފިނަމަ މާޒިޔާ ކުރަން ޖެހޭ މަސައްކަތް އިތުރު ވާނެ އެވެ. އެޓީމަށް ޖެހޭނީ މެޗުން މޮޅުވާށެވެ. އެއްވަރުކޮށްލައިގެން ވެސް ވެލެންސިއާ ފައިނަލަށް ދާނެ އެވެ.