Roadha Mihaaru
ހިތަދޫ ގޭދޮށު މަސް ޕްލާންޓްގެ ކުރީގެ އެއްބަސްވުން ބާތިލުކޮށްފި

ކުރީގެ އެއްބަސްވުން ބާތިލުކޮށް ހިތަދޫ ގޭދޮށު މަސް ޕްލާންޓް އެހެން ކުންފުންޏަކާ ހަވާލުކޮށްފި

03 ޖެނުއަރީ 2022

އިންޑިއާ ސަަރުކާރުގެ އެހީގައި އައްޑޫގައި ހަދަން ނިންމާފައިވާ ގޭދޮށު މަސް ޕްލާންޓްތަކުގެ ތެރެއިން މިދިޔަ އަހަރު ހިތަދޫ ޕްލާންޓް ހަދަން ހަވާލުކުރި ކުންފުނީގެ އެއްބަސްވުން ބާތިލުކޮށް، އެ މަސައްކަތް އިއްޔެ އެހެން ބަޔަކާ ހަވާލުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާ ސަަރުކާރުގެ އެހީގައި އައްޑޫގައި ހަދަން ނިންމާފައިވާ ގޭދޮށު މަސް ޕްލާންޓްތަކުގެ ތެރެއިން މިދިޔަ އަހަރު ހިތަދޫ ޕްލާންޓް ހަދަން ހަވާލުކުރި ކުންފުނީގެ އެއްބަސްވުން ބާތިލުކޮށް، އެ މަސައްކަތް އިއްޔެ އެހެން ބަޔަކާ ހަވާލުކޮށްފި އެވެ.

ކައުންސިކުން ބުނި ގޮތުގައި ހިިތަދޫ ގޭދޮށު މަސް ޕްލާންޓް އަލުން ހަވާލުކުރީ ސީ ބޮޓްސް ޕްރައިވެޓް ލިމިޓެޑާ ކިޔާ ކުންފުންޏަކާ އެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ފަހުކޮޅު އެ މަޝްރޫއު ހަވާލުކުރީ އެލްނާތު މޯލްޑިވްސްއާ އެވެ. އެ ކުންފުންޏާ އެކަން ހަވާލުކުރީ ހަ މިލިއަން ރުފިޔާ ހަރަދުވާ މަޝްރޫއުގެ މަސައްކަތް ފަށާަތާ 280 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އެ ކުންފުނީގެ އެއްބަސްވުން ބާތިލުކޮށް މަސައްކަތް އެހެން ބަޔަކާ ހަވާލުކުރީ އެއްބަސްވުމާ އެއްގޮތަށް އެލްނާތަށް މަސައްކަތް ކުރިއަށް ނުގެންދެވުމުންނެވެ.

ސީ ބޮޓްސްއާ ހިތަދޫ ގޭދޮށު މަސް ޕްލާންޓް ހަވާލުކުރީ އެއްބަސްވުމުގައި ސޮއިކުރި ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 14.4 މިލިއަން ރުފިޔާ އެވެ، އެއީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖްކްސް (އެޗްއައިސީޑީޕީ) ގެ ދަށުން ހަރަދުކުރާ 5.8 މިލިއަން ރުފިޔާ އާއި ކޮންޓްރެކްޓަރު ހަރަދުކުރާ 8.6 މިލިއަން ރުފިޔާ އެވެ.

އިންޑިއާގެ އެހީގައި އައްޑޫގައި ގޭދޮށު މަސްޕްލާންޓްތައް ގާއިމުކުރަން ހަމަޖެހިފައި ވަނީ ހިތަދޫގެ އިތުރުން ހުޅުމީދު އާއި މަރަދޫގަ އެވެ. މި އަވަށްތަކަކީ އައްޑޫގައި މަސްވެރިކަން އެންމެ ފުޅާކޮށް ކުރާ އަވަށްތައް ވެސް މެ އެވެ.

ގޭދޮށު މަސް ޕްލާންޓްތައް ހެދުމާއި އައްޑޫގައި އިތުރު މަޝްރޫއުތަކެއް ކުރިއަށް ގެންދަން ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 2 ގަ އެވެ.