Roadha Mihaaru
އިންޑިއާގެ އެހީގައި ދިވެހި ނޫސްވެރިން ތަމްރީނު ކުރަނީ

އިންޑިއާގެ އެހީގައި ދިވެހި ނޫސްވެރިން ތަމްރީނު ކުރަނީ

28 ޑިސެމްބަރ 2021

ދިވެހި ނޫސްވެރިން ތަމްރީން ކުރުމުގެ ފުރުސަތުތަކެއް އިންޑިޔާ އިން ހޯދުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ހައި ކޮމިޝަނަރު މުނު މަހާވަރާއެކު މިއަދު މަޝްވަރާ ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދިވެހި ނޫސްވެރިން ތަމްރީން ކުރުމުގެ ފުރުސަތުތަކެއް އިންޑިޔާ އިން ހޯދުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ހައި ކޮމިޝަނަރު މުނު މަހާވަރާއެކު މިއަދު މަޝްވަރާ ކޮށްފި އެވެ.

އިންޑިއާގެ ހައި ކޮމިޝަންގައި ބޭއްވި ބައްދަލުވުމެއްގައި، ދިވެހި ނޫސްވެރިން އިންޑިޔާ އަށް ފޮނުވައިގެން ތަމްރީނު ޕްރޮގްރާމް ހިންގުމަށާއި އެ ގައުމުގެ ތައުލީމީ ހިދުމަތް ދޭ މަރުކަޒުތަކުގެ މާހިރުން ރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމް ފެށުމަށް އެ ދެ ފަރާތުން މަޝްވަރާކުރި ކަމަށް އެމްއެމްސީން ބުންޏެވެ.

އެ އިދާރާ އިން ބުނިގޮތުގައި، ބައެއް ތަމްރީނު ޕްރޮގްރާމް އޮންލައިންކޮށް ހިންގުމާއި ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލަޝިޕް ޕްރޮގްރާމްތަކެއް ދިވެހި ނޫސްވެރިންނަށް ހޯދައިދިނުމަށް މަޝްވަރާ ކުރި އެވެ.

އެމްއެމްސީން ބުނީ ދިވެހި ނޫސްވެރިން ތަމްރީނު ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން އިންޑިޔާގެ ސަފީރު މުނު މަހާވަރު ދެއްވި ކަމަށެވެ. އަދި މީޑިއާ ކައުންސިލާއި އިންްޑިޔާގެ ޕްރެސް ކައުންސިލާ ގުޅުން ބަދަހިކޮށް، އެ ދާއިރާ އިން ތަމްރީނު ޕްރޮގްރާމް ލިބޭނެ މަގު ފަހި ކުރަން މަސައްކަތް ކުރާނެ ކަމަށް ވެސް ސަފީރު ވިދާޅުވި ކަމަށް އެމްއެމްސީން ބުންޏެވެ.