Roadha Mihaaru
ނޫސްވެރިކަމުގެ އިނާމަށް 80 އަށް ވުރެ ގިނަ ހުށަހެޅުން

ނޫސްވެރިކަމުގެ އިނާމަށް 80 އަށް ވުރެ ގިނަ ހުށަހެޅުން

10 ޖުލައި 2024

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް 80 އަށް ވުރެ ގިނަ ހުށަހެޅުން ލިބިފައިވާ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް 80 އަށް ވުރެ ގިނަ ހުށަހެޅުން ލިބިފައިވާ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

މި ފަހަރުގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދަށް ހަމަވުމާ އެކު، އެ ކައުންސިލުން ބުނީ ނޫސްވެރިން ކުރާ މަސައްކަތް ބަލައިގަނެ ކުރިއަށް ދިއުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ދެމުން އަންނަ އެ އެވޯޑުގެ 18 ކެޓަގަރީއަކަށް 88 ހުށަހެޅުން ލިބިފައިވާ ކަމަށެވެ. އެއީ؛

- ތަހުގީގީ ނޫސްވެރިކަން

- އިޖުތިމާއީ ދާއިރާ

- ސިޔާސީ ދާއިރާ

- ޝަރުއީ އަދި ގާނޫނީ ދާއިރާ

- ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ

- ކުޅިވަރުގެ ދާއިރާ

- ފޮޓޯ ޖާނަލިޒަމްގެ ދާއިރާ

- ވީޑިއޯ ޑޮކިއުމަންޓްރީގެ ދާއިރާ

- ގްރެފިކްސް އާއި އިލެސްޓްރޭޝަންގެ ދާއިރާ

- ފީޗަ ރިޕޯޓުގެ ދާއިރާ

- ތާރީހާއި ސަގާފަތުގެ ދާއިރާ

- މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ

- ތިިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ

- އޯޑިއޯ ޖާނަލިޒަމްގެ ދާއިރާ

- އުއްމީދީ ނޫސްވެރިޔާގެ އިނާމު

- އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ

- އަހަރުގެ އެންމެ މޮޅު ކަވަރޭޖު

އެމްއެމްސީން ބުނީ އޯޑިއޯ ޖާނަލިޒަމް އަދި އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުން ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ހުށަހެޅުންތައް ލިބިފައިވާ ކަމަށެވެ.

އޭގެ ތެރެއިން، އަހަރުގެ އެންމެ މޮޅު ކަވަރޭޖާއި އޯޑިއޯ ޖާނަލިޒަމް އަދި ރަށްރަށުގެ ނޫސްތަކަށް ހާއްސަ ކޮށްފައިވާ އަތޮޅު ތެރޭގެ އެންމެ މޮޅު އުފެއްދުމަކީ މި އަހަރު އަލަށް ތައާރަފްކުރި ތިން ކެޓަގަރީ އެވެ.

ނޫސްވެރިކަމުގެ އިނާމު ދޭން ފެށީ 2013 ވަނަ އަހަރު އެވެ. މި އަހަރުގެ އެވޯޑު ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ މަހު އެވެ. އަދި ވަކި ދުވަހެއް އިއުލާން ނުކުރެ އެވެ.