Roadha Mihaaru
ވިލާގެ ކޯޗު ޖެރާޑް ޕޮޒިޓިވްވެ ދެ މެޗު ގެއްލިއްޖެ

އެސްޓަން ވިލާގެ ކޯޗު ޖެރާޑް ޕޮޒިޓިވްވެ ދެ މެޗު ގެއްލިއްޖެ

26 ޑިސެމްބަރ 2021

ލަންޑަން (ޑިސެމްބަރު 26) - އެސްޓަން ވިލާގެ ހެޑް ކޯޗު ސްޓީވަން ޖެރާޑް ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޕްރިމިއާ ލީގުގައި ކުރިއަށް އޮތް ދެ މެޗު އޭނާ އަށް ގެއްލިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ޑިސެމްބަރު 26) - އެސްޓަން ވިލާގެ ހެޑް ކޯޗު ސްޓީވަން ޖެރާޑް ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޕްރިމިއާ ލީގުގައި ކުރިއަށް އޮތް ދެ މެޗު އޭނާ އަށް ގެއްލިއްޖެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވެ، އެކަހެރިވާން ޖެހުމުން، ޗެލްސީ އާއި ލީޑްސް ޔުނައިޓެޑުގެ މެޗުގައި ޖެރާޑަށް ޓީމަށް އިރުޝާދު ނުދެވޭނެ ކަމަށް އެސްޓަން ވިލާއިން ވެސް ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

ޖެރާޑަށް ގެއްލޭނީ ބޮކްސިން ޑޭ (ޑިސެމްބަރު 26) ގައި އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗާއި ރަށުން ބޭރުގައި ލީޑްސްއާ ދެކޮޅަށް އަންގާރަ ދުވަހު ކުޅޭ މެޗެވެ.

އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އެންމެ ފަހުން ބާންލީއާ ދެކޮޅަށް މި މަހު 18 ވަނަ ދުވަހު ކުޅެން އޮތް މެޗު ވެސް ވަނީ އެންމެ ފަހު ވަގުތު ކެންސަލްކޮށްފަ އެވެ. އެ މެޗު ފަސްކުރީ ވިލާގެ ކޭމްޕްގައި ކޮރޯނާވައިރަސް ފެތުރިފައިވާތީ އެވެ.

ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހު ކުޅެން ޝެޑިއުލްކުރި ތިން މެޗެއް ވެސް ވަނީ ކޮވިޑާ ގުޅިގެން ކެންސަލްކޮށްފަ އެވެ. އޭގެ ތެރޭގައި ލީޑްސް އާއި ލިވަޕޫލް މެޗު ވެސް ހިމެނެ އެވެ.

މިދިޔަ ބުދަ ދުވަހު ޖެރާޑް ބުނެފައި ވަނީ ޓީމުގައި ކުޅެވޭ ހާލަތުގައި 14 ކުޅުންތެރިން ތިބި އިރު ދެ ދުވަސްތެރޭ ދެ މެޗު ކުޅެން ޖެހުމަކީ "ބިރުވެރިކަމެއް" ކަމަށެވެ.

އިނގިރޭސި ހަތަރު ޑިވިޝަނަކުން، ބޮކްސިން ޑޭގައި ކުޅެން ހަމަޖެހިފައިވާ 25 މެޗެއް ވަނީ ކޮވިޑުގެ ސަބަބުން، ފަސްކުރަން ޖެހިފަ އެވެ.