Roadha Mihaaru
ހަ އަހަރަށް ފަހު ޖެރާޑް ޕްރިމިއާ ލީގަށް އަންނަނީ

ހަ އަހަރަށް ފަހު ޖެރާޑް ޕްރިމިއާ ލީގަށް އަންނަނީ

11 ނޮވެމްބަރ 2021

ބާމިންހަމް (ނޮވެމްބަރު 11) - އިނގިރޭސި ޕްރިމިއާ ލީގު ކްލަބް ލިވަޕޫލްގެ ލެޖެންޑް އަދި ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑް، ހަ އަހަރަށް ފަހު އަލުން ޕްރިމިއާ ލީގަށް ގެންނަން އެސްޓަން ވިލާއިން ތައްޔާރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބާމިންހަމް (ނޮވެމްބަރު 11) - އިނގިރޭސި ޕްރިމިއާ ލީގު ކްލަބް ލިވަޕޫލްގެ ލެޖެންޑް އަދި ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑް، ހަ އަހަރަށް ފަހު އަލުން ޕްރިމިއާ ލީގަށް ގެންނަން އެސްޓަން ވިލާއިން ތައްޔާރު ވެއްޖެ އެވެ.

އިންޓަނޭޝަނަލް ބްރޭކުގެ ކުރިން، ލީގުގައި އެންމެ ފަހުން އެސްޓަން ވިލާ، ސައުތެމްޓަންއާ ވާދަކޮށް ބަލިވި މެޗަކީ އެ ޓީމު މި ސީޒަނުގައި ޖެހިޖެހިގެން ބަލިވި ފަސްވަނަ މެޗެވެ. އަދި އެޓީމުން ވަނީ ތިން އަހަރު ވަންދެން ޓީމުގެ ކޯޗު ކަމުގައި ހުރި ޑީން ސްމިތު މަގާމުން ދުރު ކޮށްފަ އެވެ.

ބްރޭކަށް ފަހު އެސްޓަން ވިލާ އެންމެ އަވަހަށް ކުޅޭނީ މި މަހުގެ 20 ވަނަ ދުވަހުގެރޭ ބްރައިޓަންއާ ދެކޮޅަށެވެ. މިމެޗުގެ ކުރިން ވިލާގެ ކޯޗުކަން ޖެރާޑް، 41، އާ ހަވާލުކުރަން އެޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ސީޒަނުގެ ނިޔަލަށް ސްކޮޓްލެންޑުގެ ރޭންޖާސްގެ ކޮންޓްރެކްޓުގައި ހުރި ޖެރާޑްގެ ކޯޗިން ކެރިއަރު ރޭންޖާސް އިން ފެށީ، 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ. ރޭންޖާސްއާ ހަވާލުވެ ޖެރާޑް ވަނީ 2011 ވަނަ އަހަރަށް ފަހު އެޓީމަށް ފުރަތަމަ ޑިވިޝަނުގެ ލީގު، ފުރަތަމަ ފަހަރަށް ކާމިޔާބު ކޮށްދީފަ އެވެ. މެޗަކުން ބަލިނުވެ، މިދިޔަ ސީޒަނުގެ ލީގު ރޭންޖާސް އިން ކާމިޔާބުކުރިއިރު، އޭގެ ކުރިން ވިދިވިދިގެން ނުވަ ފަހަރު ލީގު ކާމިޔާބު ކުރީ ވާދަވެރި ސެލްޓިކެވެ.

ހުސްވެފައިވާ ވިލާގެ ކޯޗުގެ މަގާމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ގެންނަން އެޓީމުން ޝައުގުވެރިކަން ފާޅުކުރި ނަމަަވެސް، ކްލަބުގެ ޗީފް އެގްޒެކެޓިވް ކްރިސްޓިއަން ޕާސްލޯ އެޓީމަށް ގެންނަން އެންމެ ބޭނުންވެފައި ހުރީ، ކުރީގެ ލިވަޕޫލް އަދި އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ޖެރާޑެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ޕްރިމިއާ ލީގުގައި 17 ސީޒަން ހޭދަ ކުރުމަށް ފަހު ޖެރާޑް ވަނީ ކުޅުން ހުއްޓާލުމުގެ ކުރިން އެމެރިކާގެ މޭޖާ ލީގް ސޮކާގެ އޮސް އެންޖެލަސް ގެލެކްސީ އަށް ދެ ސީޒަން ކުޅެދީފަ އެވެ.