Roadha Mihaaru
އޭސީސީ މެމްބަރުން އުސޫލާ ހިލާފުވާ ކަމަށް ތުހުމަތުކޮށްފި

ޖަވާބުދާރީވާން އަންގާފައި ވަނިކޮށް އޭސީސީ މެމްބަރުން އުސޫލާ ހިލާފުވާ މައްސަލައެއް ކޮމިޓީން ބަލަނީ

22 ޑިސެމްބަރ 2021

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމުގެ މަރުހަލާ ފަށައި ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ވަނިކޮށް އެ މުއްދަތުގެ ތެރޭގައި މެމްބަރުން، ކޮމިޝަންގެ އުސޫލާ ހިލާފަށް އަމަލުތަކެއް ހިންގަމުންދާ ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުންތަކެއް ތުހުމަތުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމުގެ މަރުހަލާ ފަށައި ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ވަނިކޮށް އެ މުއްދަތުގެ ތެރޭގައި މެމްބަރުން، ކޮމިޝަންގެ އުސޫލާ ހިލާފަށް އަމަލުތަކެއް ހިންގަމުންދާ ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުންތަކެއް ތުހުމަތުކޮށްފި އެވެ.

މި މައްސަލައިގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް މިރޭ ބާއްވަން ވަނީ ޝެޑިއުލްކޮށްފަ އެވެ. މަގާމުން ވަކިކުރުމުގެ ކުރިން ލިއުމުން ޖަވާބުދާރީވާން ކޮމިޝަނަށް ދިނީ ފަސް ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވާނީ އަންނަ އާދީއްތަ ދުވަހަށެވެ.

އޭގެ ކުރިން ކޮމިޓީ ބާއްވަން ނިންމީ ޖަވާބުދާރީވުމުގެ މުއްދަތުގައި އުސޫލާ ހިލާފަށް ކޮމިޝަނުގެ މެމްބަރުން ކަންކަން ހިންގާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ތިން މެމްބަރަކު ސޮއިކޮށް ހުށަހަޅާފައިވާ މައްސަލައާ މެދު ގޮތެއް ނިންމުމަށެވެ.

އޭސީސީގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާގެ އިތުރުން އައިޝަތު އަބްދުﷲ އެވެ. ފަސް މެމްބަރުން ތިއްބަވާ ކޮމިޝަނުން އިބްރާހިމް ޝަކީލް އާއި އަލީ އަޝްރަފް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ މައްސަލަތައް ނުބެލި ލަސްވާކަމުގެ ކަންބޮޑުވުންތަކާ އެކުގަ އެވެ. މިކަމުގައި އެތައް ފަހަރަކު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.

އޭގެ ފަހުން އޮޑިޓަ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް އޭސީސީގެ ވޭތުވެދިޔަ ފަސް އަހަރުގެ ޕާފޯމަންސް އޮޑިޓެއް ވެސް ހެދި އެވެ. އެ އޮޑިޓުން ފެންނަން އޮތީ ހުށަހަޅާ މައްސަލަތައް އަހަރުތަކެއްވި އިރު ވެސް ފުނިޖެހިފައި ހުރި އިރު ދައުވާ ކުރަން ފޮނުވެނީ ނިސްބަތުން މަދު މައްސަލަތަކެއްގައި ކަމެވެ.

ރިޕޯޓުގައި ބުނީ، ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ކޮމިޝަންގައި 7،113 ޝަކުވާ ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 5،476 މައްސަލަ އެ ތާރީހުގައި ތަހުގީގުކޮށް ނިންމާފައިވާ އިރު ދައުވާ ކުރެވޭ ވަރަށް ތަހުގީގު ފުރިހަމަކޮށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ އެންމެ ޕަސެންޓެއް ކަމަށް ރިޕޯޓުގައި ވެ އެވެ.

މީގެ ތެރެއިން 61 ޕަސެންޓް މައްސަލަ ނިންމީ، ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކޭސްތަކެއްގެ ގޮތުގަ އެވެ.

ދައުވާ ކުރަން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ހެއްކާއި ގަރީނާ ނެތިގެން އަނބުރާ ފޮނުވާލާ މައްސަލަ ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުންގެ ފާޑުކިއުން އަމާޒުކުރައްވާ ކޮންމެ ފަހަރަކު އޭސީސީން ވަނީ މަސައްކަތްތައް ލަސްވާ ސަބަބުތައް ކިޔައިދެއްވައިފަ އެވެ. ކޮމިޝަނުން ފުރަތަމަ ބެލީ އެ މުއައްސަސާ އިސްލާހުކޮށް، ހެޔޮ ބަދަލު ގެނައުމަށް ކަމަށާއި އޭގެ ފަހުން މައްސަލަތަކުގެ ސްޕީޑު އަވަސްކޮށްފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.

ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެފައި ވަނީ މައްސަލަތައް އަވަސް ނުކުރެވުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އޭގެތެރޭގައި އިންވެސްޓިގޭޓަރުން މަދުވުން ހިމެނެ އެވެ. އެއާއެކު 2020 ވަނަ އަހަރު ތަހުގީގު ހިންގަން އުނދަގޫވީ ކަމަށާއި އެ އަހަރުގެ ބޮޑު ބައި ލޮކްޑައުންއާ ހެދި މީހުން ހާޒިރު ނުކުރެވުމުން ކަމަށް ވިދާޅުވި އެވެ.

އެންމެ ބޮޑަށް ފާޑުކިއުން އަމާޒުކުރި އެމްއެމްޕީއާރުސީގެ ހިޔާނާތް ބެލުން ލަސްވަނީ މުވައްޒަފުން މަދުވެ ކޮންމެ އިންވެސްޓިގޭޓަރަކަށް އެކަށީގެންވާ މިންވަރަށް ވުރެން ގިނަ މައްސަލަތައް ބަލަން ޖެހޭތީ ކަަމަށް އޭސީސީން ބުނެފައިވެ އެވެ.