Roadha Mihaaru
އައިއެމްއެފްގެ އިންޒާރު: ކުދި ގައުމުތައް އިނދަޖެހިދާނެ

އައިއެމްއެފްގެ އިންޒާރު ކުދި ގައުމުތަކަށް: ދަރަނިބޮޑުވެ، އިގްތިސާދު އިނދަ ޖެހިދާނެ!

22 ޑިސެމްބަރ 2021

ދަރަނި އިންތިހާ އަށް ބޮޑުވަމުން އަންނަ ކުދި ގައުމުތަކުގެ އިގްތިސާދުތައް ފުނޑުމުގެ ބިރު ބޮޑުވެފައިވާ ކަމަށް އައިއެމްއެފުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދަރަނި އިންތިހާ އަށް ބޮޑުވަމުން އަންނަ ކުދި ގައުމުތަކުގެ އިގްތިސާދުތައް ފުނޑުމުގެ ބިރު ބޮޑުވެފައިވާ ކަމަށް އައިއެމްއެފުން ބުނެފި އެވެ.

އައިއެމްއެފް މެނޭޖިން ޑިރެކްޓަރުގެ ބްލޮގްގައި ބުނީ، ދަރަނި އަދާކުރުމުގައި ކުދި ގައުމުތަކަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެ އިދާރާއިން ވަނީ ޖީ20 ގެ ގައުމުތަކަށް ދަރަނި ދެއްކުމުގައި ކުދި ގައުމުތަކަށް ލުއި ގޮތްތައް ހަމަޖައްސައިދޭން އެދިފަ އެވެ.

އައިއެމްއެފުން ބުނީ 60 ޕަސެންޓް ކުދި އަދި ފަގީރު ގައުމުތައް މި ވަގުތު އޮތީ އިންތިހާ އަށް ދަރަނި ބޮޑުވެ، އިނދަޖެހިފައި ކަމަށެވެ. އައިއެމްއެފުން ބުނީ އެ އިދާރާއިން ހެދި ދިރާސާއިން ހާމަވާ ގޮތުގައި 2015 ވަނަ އަހަރަށް ވުރެ މިހާރު ކުދި ގައުމުތަކުން ނެގި ދަރަނި ދެގުނަ އިތުރުވެފައިވާ ކަމަށެވެ.

ކޮވިޑާ ގުޅިގެން ޖީ20 ގައުމުތަކުން ވަނީ އެ ގައުމުތަކުން ނެގި ލޯނުތައް ދެއްކުން ފަސްކޮށްދީފަ އެވެ. އެހެން ނަމަވެސް މި އަހަރު ނިމުމުން އަނެއްކާ ވެސް ކުދި ގައުމުތަކުން ދަރަނިތައް އަނބުރާ ދައްކަން ފަށަން ޖެހޭނެ އެވެ.

އައިއެމްއެފްގެ މެނޭޖިން ޑިރެކްޓާ ކްރިސްޓެލީނާ ޖޯޖީވާ ވިދާޅުވީ ކުދި ގައުމުތަކާއި އާމްދަނީ އެންމެ މަދުން ލިބޭ ގައުމުތަކަށް ދަރަނި އަދާ ކުރުމުގައި ބޮޑެތި އުނދަގޫތައް އެބަހުރި ކަމަށެވެ. ބޮޑެތި ގައުމުތަކުން ދަރަނި އަދާ ކުރުމުގައި ލުއިތައް ނުދީފި ނަމަ ކުދި އިގްތިސާދުތައް ފުނޑުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން އެންމެ ފަގީރު ގައުމުތަކުގެ އިގްތިސާދު އޮތީ ރެސެޝަނެއްގަ އެވެ. އަދި ދުނިޔޭގައި ފަގީރުންގެ އާބާދީ ވަނީ 100 މިލިއަނަށް އިތުރުވެފަ އެވެ. އަނެއްކާ ވެސް ކޮޮވިޑްގެ އާ ވޭރިއެންޓް އޮމިކްރޯނާ އެކު ކޮވިޑްގެ ބިރުވެރިކަން ބޮޑުވެ ގައުމުތަކުން އަންނަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. މިއާ އެކު އަނެއްކާ ވެސް އިގްތިސާދީ އިތުރު އުނދަގޫތައް ކުރިމަތިވާނެ ކަމަށް މާލީ އިދާރާތަކުން ލަފާކުރެ އެވެ.

މި ވަގުތު ދަރަނި ބޮޑުވެ އެންމެ ނުރައްކާތެރި ހާލަތުގައި އޮތް ގައުމުތަކުގެ ގޮތުގައި ވޯލްޑް ބޭންކުން އާންމުކޮށްފައިވާ ލިސްޓުގައި ރާއްޖެ ވެސް ހިމެނެ އެވެ. ސޮވެރިން ގެރެންޓީ ހިމަނައިގެން، ދައުލަތުގެ ދަރަނި އަންނަ އަހަރު ނިމޭއިރު 103 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރެ އެވެ.

ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ޕަޕުއާ ނިއު ގިނީ، ކިރިބަތި، ޓޮންގާ، ޓުވާލޫ، ހެއިޓީ ފަދަ ޖަޒީރާ ގައުމުތައް ހިމެނެ އެވެ. އެފްރިކާގެ ބައެއް ގައުމުތައް ކަމުގައިވާ ކެމަރޫން، އިތިއޯޕިއާ، ޗާޑް، ގާނާ، ގިނި ބިސާއު، ސިއެއަ ލިއޯން، ޓޯގޯ ފަދަ ގައުމުތައް ހިމެނެ އެވެ. އޭޝިއާގެ ގައުމުތަކުގެ ތެރޭގައި އަފްގާނިސްތާނާއި ލާއޯސް އާއި ތަޒިކިސްތާން ހިމެނެ އެވެ.