Roadha Mihaaru
ޑިޕާޗާ ޓެކްސް ޖެނުއަރީ މަހުން ފެށިގެން ނަގަނީ

ޑިޕާޗާ ޓެކްސް ޖެނުއަރީ މަހުން ފެށިގެން ނަގަނީ

21 ޑިސެމްބަރ 2021

ރާއްޖޭގެ އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ޓެކްސްގެ ބަދަލުގައި، ޑިޕާޗާ ޓެކްސް ނެގުމަށް ގާނޫނަށް ގެނައި އިސްލާހާއެކު އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން އެ ޓެކްސް ނަގަން ފަށާނެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ޓެކްސްގެ ބަދަލުގައި، ޑިޕާޗާ ޓެކްސް ނެގުމަށް ގާނޫނަށް ގެނައި އިސްލާހާއެކު އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން އެ ޓެކްސް ނަގަން ފަށާނެ އެވެ.

ޑިޕާޗާ ޓެކްސް ނެގުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ ޖުލައި މަހު އެވެ.

މި ގާނޫނުގައި ބުނެފައިވާ އެއާޕޯޓު ސާވިސް ޗާޖު މި ޑިސެމްބަރު މަހުގެ ފަހުން ނެގުން ހުއްޓާލާނެ އެވެ.

މި ބަދަލާއެކު، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާ ޓެކްސް އިތުރުވާނެ އެވެ. އަދި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ފުރިހަމަ ނުވާ ކުޑަކުދިންގެ އަތުން މި ޓެކްސް ނުނަގާނެ އެވެ.

ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް ނެގުމާ ބެހޭ ގާނޫނަށް، ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު 2019 ވަނަ އަހަރު ހުށަހެޅުއްވި ބިލު މަޖިލީހުން ފާސް ކުރީ އެ ޕާޓީގެ ފުރިހަމަ ތާއީދއެކު އެވެ.

ޑިޕާޗާ ޓެކްސްގެ ގޮތުގައި ނަގާ ފައިސާގެ އަދަދުތައް

- އިކޮނޮމީ ކްލާސް: ދިވެހިންގެ އަތުން 12 ޑޮލަރު، ބިދޭސީންގެ އަތުން 30 ޑޮލަރު. - ބިޒްނަސް ކްލާސް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 60 ޑޮލަރު. - ފަސްޓް ކްލާސް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 90 ޑޮލަރު. - ޕްރައިވެޓް ޖެޓް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 120 ޑޮލަރު. މި އިސްލާހުގައި ބުނެފައިވާ ގޮތުގައި އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗާ ޓެކްސް ދައުލަތަށް ދެއްކުމަކީ އެ އެއާލައިނެއްގެ ޒިންމާއެކެވެ. މި ޓެކްސް ދައްކަން ޖެހޭނީ އެމެރިކާ ޑޮލަރުންނެވެ.