Roadha Mihaaru
ކޮމަންޑޫ ދާއިރާއަށް ހުސައިންގެ ދަރިކަނބަލުން ނަޝާ

ކޮމަންޑޫ ދާއިރާ އަށް ހުސައިންގެ ދަރިކަނބަލުން ނަޝާ ވާދަކޮށްދޭން އެދިއްޖެ

21 ޑިސެމްބަރ 2021

ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލު ކުރައްވަނިކޮށް، އަވަހާރަވި ހުސައިން ވަހީދުގެ ދަރިކަނބަލުން ނަޝާ ހުސައިން އެ ގޮނޑި އަށް ވާދަކޮށްދެއްވަން އެ ދާއިރާގެ ބަޔަކު އެދިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލު ކުރައްވަނިކޮށް، އަވަހާރަވި ހުސައިން ވަހީދުގެ ދަރިކަނބަލުން ނަޝާ ހުސައިން އެ ގޮނޑި އަށް ވާދަކޮށްދެއްވަން އެ ދާއިރާގެ ބަޔަކު އެދިއްޖެ އެވެ.

އެކަމަކު އެމްޑީޕީން ހުޅުވާލާފައިވާ ބައި އިލެކްޝަނުގައި ނަޝާ ވާދަކުރައްވާނެ ކަމެއް އަދި ޔަގީނެއް ނޫނެވެ. އިންތިހާބާ ގުޅޭ ގޮތުން "މިހާރު" އިން ކުރި ސުވާލަށް ނަޝާ ވެސް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ފެބުރުއަރީ 5 ގަ އެވެ. އެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުން މިއަދުގެ ހަވީރު ހަތަރެއް ޖެހުމުގެ ކުރިން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެ ޕާޓީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 27 ގަ އެވެ.

މަޖިލީހުގެ މެމްބަރަކަށް ވެވަޑައިގަތުމުގެ ކުރިން ވެސް އަމިއްލަ ގޮތުން ހުސައިން ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާނެ ކަަމަށް ކުރިން ބެލެވުނީ އެ ދާއިރާގެ އެމްޑީޕީގެ ރައީސް މުހައްމަދު ޖަލާލެވެ. އެއީ ހުސައިންއާ ގާތް ގުޅުމެއް އޮތް ޖަލާލު، މަޖިލީހުގެ މި ދައުރަށް ފަހު ދާއިރާގެ މެމްބަރުގެ ގޮތުގައި ފެނިދާނެ ކަމަށް ބައެއް މީހުންނަށް ހުސައިން އިޝާރާތެއް ވެސް ދެއްވާފައި އޮތުމުންނެވެ.

އެކަމަކު، ޖަލާލު މި ފަހަރު އެމްޑީޕީގެ ޕްރައިމަރީގައި ވާދައެއް ނުކުރައްވަ އެވެ. އެކަން ކަށަވަރު ކޮށްދެއްވަމުން ވިދާޅުވީ ޕްރައިމަރީން ހޮވޭ ކެންޑިޑޭޓަކަށް ގޮނޑި ކާމިޔާބު ކޮށްދޭން ކުރެއްވެން އޮތް ހުރިހާ ކަމެއް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނެނީ ކޮމަންޑު އާއި ފޯކައިދު އަދި މަރޮށްޓެވެ. މި ތިން ރަށުގެ އިޖުތިމާއީ އަދި ތަރައްގީގެ ގިނަ ކަންކަމަށް ހުސައިން ހޭދަކުރައްވާފައިވާ އިރު "ހުސައިންގެ ބައިވެރިވުމެއް ނެތް އެއްވެސް ކަމެއް ނޯންނާނެ ކަމަށް" އޭނާއާ ގުޅޭ ގޮތުން ޝުއޫރުފާޅުކުރި ބައެއް މީހުން ބުނެފައިވެ އެވެ.

ހުސައިން އަވަހާރަވުމުގެ ކުރިން "މިހާރު" އަށް ދެއްވި ފަހު އިންޓަވިއުގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ މި ދައުރުގައި، އަދި މި ވެރިކަން ފެށުނީއްސުރެން ވެސް އޭނާ އަށް ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމަކީ ދާއިރާގެ ރައްޔިތުން ބޭނުންވާ އަސާސީ ކަންކަން ފުދި، އެ ކަމުން ރައްޔިތުންނަށް ލިބޭ އުފާވެރިކަން ކަމަށެވެ. މަޖިލީހުގައި އޭނާ ނިސްބަތްވާ ދާއިރާގައި ހިމެނޭ ކޮމަންޑު އާއި ފޯކައިދޫ އަދި މަރޮށީގެ ބައެއް މަޝްރޫއުތައް ވަކިވަކިން ވިދާޅުވެ ދެއްވި އެވެ.

ކޮމަންޑޫ ދާއިރާގެ ހުސްވެފައިވާ ގޮނޑި އަށް އެމްޑީޕީގެ އިތުރުން ދެން ވާދަކުރަނީ އިދިކޮޅު ޕީޕީއެމާއި އެމްއެންޕީންނެވެ. މި ދެ ޕާޓީން ވެސް ވަނީ އެ ދާއިރާގެ ޓިކެޓުގެ ޕްރައިމަރީ އަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.