Roadha Mihaaru
އާބާދީގެ ބޮޑު ބަޔަކަށް ޖަހަން ބޫސްޓަ ޑޯޒު ލިބިއްޖެ

އާބާދީގެ ބޮޑު ބަޔަކަށް ބޫސްޓާ ޑޯޒު ޖެހުމަށް ބޭނުންވާ ވެކްސިން ލިބިއްޖެ

18 ޑިސެމްބަރ 2021

އާބާދީގެ ބޮޑު ބަޔަކަށް ބޫސްޓާ ޑޯޒު ޖެހުމަށް ބޭނުންވާ ވެކްސިން މިއަދު ލިބިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާބާދީގެ ބޮޑު ބަޔަކަށް ބޫސްޓާ ޑޯޒު ޖެހުމަށް ބޭނުންވާ ވެކްސިން މިއަދު ލިބިއްޖެ އެވެ.

ރާއްޖޭގައި ހުންނަ ޔުނިސެފްގެ އޮފީހުން ކުރި ޓްވީޓުގައި ބުނީ ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން ހަދިޔާކުރި ފައިޒާގެ 100،620 ޑޯޒު ލިބިފައިވާ ކަމަށެވެ.

އެ ވެކްސިންގެ ސަބަބުން ކޮވިޑު-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށާއި ބޫސްޓާ ޑޯޒު ޖެހުމަށް ކުރާ މަސައްކަތަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ޔުނިސެފުން ބުންޏެވެ.

ސްރީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން ނެރުނު ބަޔާނުގައި ބުނިގޮތުގައި ކޮވިޑާ ދެކޮޅަށް މަސައްކަތްކުރުމަށް އެ ގައުމުން ހަތް މިލިއަން ޑޮލަރުގެ އިމަޖެންސީ ސިއްހީ ސާމާނާއި އެކި ޓްރެއިނިން ދީފައިވެ އެވެ.

އޭގެ އިތުރުން، ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ 60 ވެންޓިލޭޓަރު ހަދިޔާކޮށްފައިވާކަން ފާހަގަކުރި އެވެ.

އިގުތިސޯދު ކޮޅަށް ޖެހުމަށް އެހީތެރިކަން ދެމުން އަންނަ ކަމަށް ވެސް އެމެރިކާއިން ބުންޏެވެ.

ކޮވިޑުގެ ހައި-ރިސްކު ކެޓަގަރީގައި ހިމެނޭ މީހުންނާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް މިހާރު އަންނަނީ ބޫސްޓާ ޑޯޒް ދެމުންނެވެ. މިހާތަނަށް 22،093 އަށްވުރެ ގިނަ މީހުން ބޫސްޓާ ޑޯޒް ޖަހާފައިވެ އެވެ.

ވެކްސިންގެ އިތުރު ޑޯޒް ލިބުމުން ބޫސްޓާ ޑޯޒް ޖެހުމަށް އާއްމުކޮށް ހުޅުވާލާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިން ބުންޏެވެ. ރަށްރަށުގައި ބޫސްޓާ ޑޯޒު ދޭނެ ކަންކަން ހަމަޖައްސާނީ އެ ރަށެއްގެ ސިއްހީ މަރުކަޒު ނުވަތަ ހޮސްޕިޓަލުންނެވެ. އެ ތަންތަނަށް ބޭނުންވާ ވެކްސިން ވަނީ ފޮނުވައިފަ އެވެ. ބޫސްޓާ ޑޯޒު ޖެހޭނީ ދެ ވަނަ ޑޯޒަށްފަހު ހަ މަސް ދުވަސްވެފައިވާ މީހުންނަށެވެ. ރާއްޖޭގައި މިހާތަނަށް 396،353 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު ދެ ޑޯޒު ފުރިހަމަކޮށްފައިވަނީ 366،165 މީހުންނެވެ.