Roadha Mihaaru
ގްރޯން ޕްރީގައި ވެސް ޑޮމިނޭޓްކުރީ ސާއިދު އާއި ހިމްނާ

ގްރޯން ޕްރީގައި ވެސް ޑޮމިނޭޓް ކުރަނީ ސާއިދު އާއި ހިމްނާ

17 ޑިސެމްބަރ 2021

މިއަދު ފެށި ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގައި ވެސް ހަސަން ސާއިދު އާއި އައިޝަތު ހިމްނާ ހަސަން ވިދާލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިއަދު ފެށި ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގައި ވެސް ހަސަން ސާއިދު އާއި އައިޝަތު ހިމްނާ ހަސަން ވިދާލައިފި އެވެ.

މިދިޔަ މަހު ބޭއްވި ގައުމީ އެތުލެޓިކްސް މުބާރާތުގައި ވެސް ޑޮމިނޭޓްކުރި މި ދެ އެތުލީޓުން ވަނީ މިއަދު ފެށި ގްރޯން ޕްރީ މުބާރާތުގައި ވާދަކުރި ދެ އިވެންޓުން ވެސް ރަން މެޑަލް ހޯދައިފަ އެވެ. ހިމްނާ އަކީ އެންމެ ފަހުން ބޭއްވި ގްރޯން ޕްރީގެ ވެސް އެންމެ މޮޅު އަންހެން އެތުލީޓެވެ. އެންމެ ފަހުގެ މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓް ހުސައިން ފަޒީލް ހާރޫން (ފްލޭޝް) މިފަހަރުގެ މުބާރާތުގައި ވާދައެއް ނުކުރެ އެވެ. އެމްއެންޑީއެފްގައި މަސައްކަތް ކުރާ ފަޒީލް މި ވަގުތު ހުރީ އަސްކަރީ ތަމްރީންތަކެއްގައި ސްރީ ލަންކާގަ އެވެ.

މިފަހަރުގެ ގްރޯން ޕްރީ މުބާރާތުން ފުރުސަތު ދީފައި ވަނީ ގައުމީ މުބާރާތުގައި އެންމެ ރަނގަޅު ނަތީޖާ ނެރުނު އެތުލީޓުންނަށެވެ.

ފިރިހެނުންގެ 100 މިޓަރު ސްޕްރިންޓްގައި ވާދަކޮށް ސާއިދު ރޭސް ނިންމީ 10.76 ސިކުންތުންނެވެ. ދިވެހި ސިފައިންގެ ކްލަބުން ވާދަކުރި ސާއިދުއާ ވާދަކުރީ، ސާއިދުގެ ކްލަބް ތަމްސީލް ކުރި އިބާދުﷲ އާދަމް އެވެ. އޭނާ ރޭސް ނިންމީ 11.00 ސިކުންނެވެ. ތިން ވަނަ ހޯދީ ޓްރެކް އެންޑް ފީލްޑް ސްޕޯޓްސްއިން ވާދަކުރި މުހައްމަދު މިންހާލް އެވެ. އޭނާ ރޭސް ނިންމީ 11.37 ސިކުންތުންނެވެ.

ސާއިދު ވަނީ ފިރިހެނުންގެ 400 މީޓަރުގެ ރޭސް ވެސް ކާމިޔާބުކޮށްފަ އެވެ. އެ ރޭސް އޭނާ ނިންމީ 49.39 ސިކުންތުންނެވެ. އޭނާގެ ފަހަތުން ދެވަނަ ހޯދި، ސިފައިންގެ ކްލަބުގެ އަބްދުﷲ ރަޝިދު ރޭސް ނިންމީ 50.78 ސިކުންތުންނެވެ. ތިންވަނަ ހޯދީ ސާއިދު ސްޕޯޓްސްއިން ވާދަކުރި އަހްމަދު ވިސާމް އެވެ. އޭނާ ރޭސް ނިންމީ 50.93 ސިކުންތުންނެވެ. ހަތަރުވަނަ ހޯދީ ސިފައިގެ ކްލަބުގެ ހަސަން ރިޒާ (ކުޑަ ރިޒާ) އެވެ. އޭނާ ރޭސް ނިންމީ 51.79 ސިކުންތުންނެވެ. ފަސްވަނަ އަށް ދިޔަ މުހައްމަދު ޖަލާލް ރޭސް ނިންމީ 54.11 ސިކުންތުންނެވެ.

ރިޒާ 1500 މީޓަރުގެ ރޭސް ކާމިޔާބު ކުރި --- ފައިލް ފޮޓޯ: މިހާރު

ރިޒާ 1500 މީޓަރުގެ ރޭސް ކާމިޔާބު ކުރި --- ފައިލް ފޮޓޯ: މިހާރު

ހިމްނާ އެންމެ ބޮޑަށް ހާއްސަވެފައިވާ 100 މީޓަރު ރޭސް އޭނާ ކާމިޔާބު ކުރީ 12.52 ސިކުންތުން ނިންމައިގެންނެވެ. ދެވަނަ ހޯދި ކުޑަ ހުސައިން ސްޕޯޓްސް އިން ވާދަކުރި މަރިޔަމް ރޫޔާ އަލީ ރޭސް ނިންމީ 12.53 ސިކުންތުންނެވެ. ތިންވަނަ ހޯދި އަހްނާ ނިޒާރު ރޭސް ނިންމީ 12.84 ސިކުންތުންނެވެ. އޭނާ ވެސް ވާދަކުރީ ކުޑަ ހުސައިން ސްޕޯޓްސްއިންނެވެ.

ހަމްނާ ވަނީ 400 މީޓަރުގެ ރޭސް ވެސް ކާމިޔާބުކޮށްފަ އެވެ. އޭނާ ރޭސް ނިންމީ 59.61 ސިކުންތުންނެވެ. ދެވަނަ އަށް ދިޔައީ ހިމްނާ ނިސްބަތްވާ ރާވެރިޔާ ކްލަބުން ވާދަކުރި ހައްވާ މުޒުނާ އެވެ. އޭނާ ރޭސް ނިންމީ 1:02.76 (އެއް މިނިޓް 2.76 ސިކުންތު) އިންނެވެ. ތިން ވަނަ އަށް ދިޔަ ރިފާ މުހައްމަދު ރޭސް ނިންމީ 1:02.84 އިންނެވެ.

އަންހެނުންގެ 1،500 މީޓަރުން އެއްވަނަ ހޯދީ ގައުމީ މުބާރާތުގައި ވެސް އެ އިވެންޓުން ރަން މެޑަލް ހޯދި އާމިނަތު ޖައިޝާ އެވެ. ތަޖުރިބާކާރު ފިޓްނަސް އިންސްޓްރަކްޓަރު އަދި ދުވުންތެރިޔާ މަރްޔަމް އަބްދުލް ކަރީމް (މަރީ) އާ ވާދަކޮށް ޖައިޝާ 1،500 މިޓަރުގެ ރޭސް ކާމިޔާބުކުރީ 5:05.63 އިންނެވެ. މަރީ އަށް ރޭސް ނިންމުނީ 5:17.52 ސިކުންތުންނެވެ. ތިންވަނަ އަށް ދިޔަ އައިޝަތު ރާނިޔާ ރޭސް ނިންމީ 5:37.13 ސިކުންތުންނެވެ.

ޖައިޝާ 1500 މީޓަރުގެ ޜެސް ކާމިޔާބު ކުރީ މަރީއާ ވާދަކޮށް --- ފައިލް ފޮޓޯ: މިހާރު

ޖައިޝާ 1500 މީޓަރުގެ ޜެސް ކާމިޔާބު ކުރީ މަރީއާ ވާދަކޮށް --- ފައިލް ފޮޓޯ: މިހާރު

ފިރިހެނުންގެ 400 މީޓަރުގައި ހަތަރުވަނަ އަށް ދިޔަޔަސް، ހަސަން ރިޒާ ވަނީ އޭނާ އެންމެ ބޮޑަށް ހާއްސަވެފައިވާ ޑިސްޓެންސް ރޭސް ކެޓެގެރީގެ 1،500 މީޓަރުން އެއްވަނަ ހޯދައިފަ އެވެ. އޭނާ ރޭސް ނިންމީ 4:21.88 އިންނެވެ. ދެވަނަ ހޯދި ޔޫސުފް އިބްރާހިމް ރޭސް ނިންމީ 4:23.38 ސިކުންތުންނެވެ. ތިންވަނަ އަށް ދިޔަ މުހައްމަދު އިރުފާން ރޭސް ނިންމީ 4:28.24 އިންނެވެ.

ޓްރެކް އިވެންޓްތައް މިއަދު ހަވީރު ފެށި ނަމަވެސް މުބާރާތް ފަށާފައި ވަނީ މިއަދު ހެނދުނު އެވެ. ހެނދުނު ކުރިއަށް ގެންދިޔައީ ފީލްޑް ކެޓެގެރީގެ ހަމައެކަނި އިވެންޓް ކަމަށްވާ ލޯންގް ޖަމްޕްގެ އަންހެން، ފިރިހެން އިވެންޓްތަކެވެ. ފިރިހެން ލޯންގް ޖަމްޕުން އެއްވަނަ ހޯދީ އިބާދުﷲ އެވެ. އޭނާ ވަނީ 5.77 މީޓަރު ދުރުމިނަށް ޖަމްޕް ޖަހައިފަ އެވެ. ދެވަނަ އަށް ދިޔަ ލޫކް އަހްމަދު ޖަމްޕް ޖެހީ 5.39 މީޓަރު ދުރުމިނަށެވެ. ތިންވަނަ އަށް ދިޔަ މުހައްމަދު ނާވީ ޖަމްޕް ޖެހީ 4.89 މީޓަރު ދުރުމިނަށެވެ. ހަތަރުވަނަ އަށް ދިޔަ ޔޫސުފް އާއިޝް ޖަމްޕް ޖެހީ 4.42 މީޓަރު ދުރުމިނަށެވެ.

އަންހެނުންގެ ލޯންގް ޖަމްޕް އިވެންޓްގެ އެއްވަނަ ހޯދީ ނޫރާ އަބްދުލް ހަމީދު ޖަމްޕް ޖެހީ، 4.91 މީޓަރު ދުރުމިނަށެވެ. ދެވަނަ ހޯދި ރޫޔާ ވަނީ 4.75 މީޓަރު ދުރުމިނަށް ޖަމްޕް ޖަހައިފަ އެވެ. ތިންވަނަ ހޯދި އައިޝަތު ޝަބާ ސަލީމް ޖަމްޕް ޖެހީ 4.55 މީޓަރު ދުރުމިނަށެވެ. ހަތަރުވަނަ ހޯދި އައިޝަތު ނުބުލާ ނާހިދު ޖަމްޕް ޖެހީ 3.17 މީޓަރު ދުރުމިނަށެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ ގްރޯން ޕްރީ މުބާރާތުގައި މާދަމާ އޮންނާނީ 800 މީޓަރު، 200 މީޓަރު އަދި 3،000 މީޓަރެވެ. ކޮންމެ ކެޓެގެރީއެއްގައި ވެސް އަންހެން އަދި ފިރިހެނުން ވާދަކުރާނެ އެވެ. ގްރޯން ޕްރީ މުބާރާތުގެ 3،000 މީޓަރުގައި ވާދަ ކުރާނީ މިދިޔަ މަހު ބޭއްވި ގައުމީ މުބާރާތުގެ 5،000 މީޓަރުން މެޑަލް ހޯދި އެތުލީޓުންނެވެ. ގައުމީ މުބާރާތުގެ 5،000 މީޓަރުން ރަން މެޑަލް ހޯދި މުހައްމަދު ރަޝީދު (މޯޑް) ވަނީ އާއިލީ ކަމެއް ދިމާވުމުން ގްރޯން ޕްރީ މުބާރާތުންވަކިވެފަ އެވެ.