Roadha Mihaaru
ކޮވިޑްގެ ސަބަބުން ބައި ބިލިއަން މީހުން ފަގީރުވެއްޖެ

ކޮވިޑްގެ ސަބަބުން ބައި ބިލިއަން މީހުން ފަގީރުވެއްޖެ

13 ޑިސެމްބަރ 2021

ޗައިނާގެ ވޫހާން ސަހަރުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެނި، މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19ގެ ސަބަބުން، ދުނިޔޭގެ އާބާދީގެ ބައި ބިލިއަނަށް ވުރެ ގިނަ މީހުން ފަގީރު ހާލަތަށް ވެއްޓިއްޖެ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އާއި ވޯލްޑް ބޭންކުން މިއަދު ބުނެފި އެވެ.

ޗައިނާގެ ވޫހާން ސަހަރުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެނި، މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19ގެ ސަބަބުން، ދުނިޔޭގެ އާބާދީގެ ބައި ބިލިއަނަށް ވުރެ ގިނަ މީހުން ފަގީރު ހާލަތަށް ވެއްޓިއްޖެ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އާއި ވޯލްޑް ބޭންކުން މިއަދު ބުނެފި އެވެ.

އެ ދެ މުއައްސަސާ އިން ބުނި ގޮތުގައި ކޮވިޑްގެ ތެރޭގައި، ބަލިން ރައްކާތެރިވުމުގެ ގޮތުން ކުރަން ޖެހުނު ހޭދަތަކުގެ ސަބަބުން، މިދިޔަ އަހަރުގެ ތެރޭގައި ބައި ބިލިއަނަށް ވުރެ ގިނަ މީހުން ވަނީ، އެ މީހުން އޭގެ ކުރިން ދިރިއުޅެމުން ހާލަތުން، ފަގީރުކަމުގެ ހާލަތަށް ވެއްޓިފަ އެވެ. އެ ދެ މުއައްސަސާ އިން މި އިންޒާރު ދިން އިރު، ކޮވިޑް ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން އޮމިކްރޯން ބާވަތުގެ ވައިރަހުގެ ނުރައްކާތެރިކަމާ މެދު ގިނަ ގައުމުތައް ވަނީ ކަންބޮޑުވެފަ އެވެ.

ޑަބްލިޔުއެޗްއޯ އާއި ވޯލްޑު ބޭންކުން ބުނި ގޮތުގައި ކޮވިޑް ފެތުރިގެން ދިޔަ ހަލުވިކަމާ އެކު، އެ ބަލިން ރައްކާތެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ މަސައްކަތް ކުރުމުން، ގިނަ އަދަދެއްގެ ބަޔަކު ވަނީ އެކަށީގެންވާ ސިއްހީ ރައްކާތެރިކަމުން މަހުރޫމުވެފަ އެވެ. އޭގެ އިތުރުން ކޮވިޑާ ގުޅިގެން ގިނަ ގައުމުތަކުގައި ފުރަބަންދުގެ ހާލަތު އިއުލާންކުރުމުގެ ސަބަބުން އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ދިއުމުން ވެސް، އެކަށީގެންވާ ސިއްހީ ފަރުވާ ހޯދުމުގައި އާންމުންނަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނި ގޮތުގައި ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން، މީގެ ކުރިން އާންމު ގޮތެއްގައި ސިއްހީ ރައްކާތެރިކަމަށް ހޭދަކުރާ މިންވަރަށް ވުރެ އިތުރަށް މިހާރު ވަނީ ހޭދަކުރަން ޖެހިފަ އެވެ. ވޯލްޑު ބޭންކުން ބުނި ގޮތުގައި، ކޮވިޑް ފެތުރެން ފެށުމުގެ ކުރިން، ބިލިއަނެއްހާ މީހުން، އެމީހުންގެ އާއިލާއަށް ލިބޭ އާމްދަނީގެ ތެރެއިން ސިއްހީ ކަންކަމަށް ހޭދަކުރަނީ އެންމެ 10 ޕަސެންޓެވެ. ނަމަވެސް މިހާރު އެ މިންވަރު ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.

ދުނިޔޭގެ އުތުރު ފަޅީގައިވާ ގައުމުތަކަށް މި އަހަރުގެ ފިނި މޫސުން ފެށުމާ އެކު، ކޮވިޑް ފެތުރޭ މިންވަރު އިތުރުވާނެ ކަމަށް، ކަމާ ބެހޭ ތަޖުރިބާކާރުން ކުރިން ވެސް އައީ އިންޒާރު ކުރަމުންނެވެ. އެ އިންޒާރު ދީފައި ވަނިކޮށް، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ދެކުނު އެފްރިކާ އިން ފެނުނު، އޮމިކްރޯންގެ ނަން ދީފައިވާ، ކޮވިޑް ވައިރަހުގެ ސަބަބުން، ވިލާތުގެ ގައުމުތަކުގައި ވަނީ ނުތަނަވަސްކަން އިތުރުވާން ފަށައިފަ އެވެ.

އެގޮތުން އިނގިރޭސި ވިލާތުގައި މިހާރު ވަނީ، ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅު އަޅާ މިންގަނޑު ތިން ވަން ދަރަޖައިން ހަތަރު ވަނަ ދަރަޖައަށް މަތިކޮށްފަ އެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި ބަލީގައި ބޮޑުވަރު ވުމުގެ ފުރުސަތު އޮތް މީހުން، ކޮވިޑުން ދިފާއުވާ ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމަށް ވެސް މިހާރު އަންނަނީ އިރުޝާދު ދެމުންނެވެ.