12 ޑިސެމްބަރ 2021
ލަންޑަން (ޑިސެމްބަރު 11) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލިވަޕޫލް ވެސް ކުޅުނު މެޗު ކާމިޔާބުކޮށް، ލީގު ގަދަ ތިނެއްގެ ފޯރި ގަދަވެއްޖެ އެވެ.
ލަންޑަން (ޑިސެމްބަރު 11) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލިވަޕޫލް ވެސް ކުޅުނު މެޗު ކާމިޔާބުކޮށް، ލީގު ގަދަ ތިނެއްގެ ފޯރި ގަދަވެއްޖެ އެވެ.
މިދިޔަ ހަފްތާގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ޗެލްސީ ބަލިވުމާ ހަމައަށް އެ ޓީމު އޮތީ ލީގުގެ އެއްވަނައިގަ އެވެ. އެ މެޗުން ބަލިވުމާ އެކު ޗެލްސީ ވަނީ ލީގުގެ ތިންވަނަ އަށް ވެއްޓިފަ އެވެ. އެއްވަނައަށް އެރި މެންޗެސްޓާ ސިޓީ ވަނީ މިރޭ ވުލްވްސްއާ ދެކޮޅަށް ކުޅެ، އެއްވަނައިގައި ލީޑު ދަމަހައްޓައިފަ އެވެ.
ޗެލްސީން އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ ފަހަތުން އަރައި 3-2 އިންނެވެ. ލީޑްސް އިން ލީޑު ނެގީ 28 ވަނަ މިނިޓުގައި ޕެނަލްޓީއަކުންނެވެ. މާކަސް އޮލޮންސޯ ލީޑްސްގެ ޑެނިއެލް ޖޭމްސް އަށް ކުރި ފައުލަކާ ގުޅިގެން ދިން މި ޕެނަލްޓީ ލީޑްސް އަށް ޖަހައިދިނީ ބްރެޒިލް މިޑްފީލްޑަރު ރަފީނިއާ އެވެ.
ޗެލްސީން ނަތީޖާ އެއްވަރު ކުރީ ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް އޮލޮންސޯގެ ހުރަހަކުން މޭސަން މައުންޓް ޖެހި ގޯލުންނެވެ. އެއަށް ފަހު، ހާފު ނިމުމުގެ ކުރިން ލީޑު ނަގަން ޗެލްސީ އަށް ލިބުނު ފުރުސަތުގައި، ކައި ހަވާޓްޒް ފޮނުވާލި ބޯޅަ މަތަކުރީ ލީޑްސްގެ ކީޕަރު އިލާން މެލިއޭ އެވެ.
ދެވަނަ ހާފު ފެށިގެން 58 ވަނަ މިނިޓުގައި ޗެލްސީ އަށް ލީޑު ނަގައިދިނީ ރަފީނިއާ ކުރި ކުށަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ އެވެ. އޭރިއާ ތެރެއިން ޗެލްސީގެ އެންޓޯނިއޯ ރުޑިގާ އަށް ރަފީނިއާ ކުރި ފައުލަކަށް ރެފްރީ ޕެނަލްޓީ ދިނީ ގިނަ އިރުތަކެއް ވަންދެން ވީއޭއާރު ސްކްރީނުން ރީޕްލޭ ބެލުމަށްފަހު އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށްވެފައި ވަނިކޮށް ޓައިލާ ރޮބާޓްސް ނަގައިދިން ހުރަހަކުން ޖޯ ގޯލާޓް ލީޑްސް އަށް ނަތީޖާ އެއްވަރު ކޮށްދީފައި ވަނިކޮށް ޗެލްސީ މޮޅު ކޮށްދިނީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ އެވެ. މި ޕެނަލްޓީއަކީ ލީޑްސްގެ މަޓެއުޒް ކްލިޗް ޗެލްސީގެ ރުޑިގާއަށް ކުރި ފައުލަކުން ލިބުނު ޕެނަލްޓީއެކެވެ.
ލިވަޕޫލުން މިރޭ އެންފީލްޑުގައި ނުކުތީ އެޓީމުގެ ލެޖެންޑް، ސްޓީވަން ޖެރާޑުގެ އިރުޝާދުގެ ދަށުން ކުޅޭ އެސްޓަން ވިލާއާ ދެކޮޅަށެވެ. މި މެޗު ލިވަޕޫލް ކާމިޔާބުކުރީ 1-0 އިންނެވެ. ލިވަޕޫލުން މެޗުގައި ޖެހި ހަމައެކަނި ލަނޑު 67 ވަނަ މިނިޓުގައި ޕެނަލްޓީއަކުން ޖެހީ މުހައްމަދު ސަލާހެވެ. މިއީ ސަލާހު މި ސީޒަނުގައި ލީގުގައި ޖެހި 14 ވަނަ ލަނޑެވެ. ލިވަޕޫލަށް މި ޕެނަލްޓީ ލިބުނީ، ވިލާގެ ޑިފެންޑަރު ޓައިރޯ މިންގްސް، ސަލާހަށް ކުރި ފައުލަކުންނެވެ.
މެންޗެސްޓާ ސިޓީ 38 ޕޮއިންޓާ އެކު އެއްވަނައިގައި އޮތްއިރު، ލިވަޕޫލް ދެވަނައިގައި އޮތީ 37 ޕޮއިންޓް ހޯދައިގެންނެވެ. އަދި ތިންވަނައިގައި އޮތް ޗެލްސީ އަށް ވަނީ 36 ޕޮއިންޓް ލިބިފަ އެވެ.
އާސެނަލް އިން ވެސް ވަނީ މިރޭ އަމިއްލަ ދަނޑުގައި ސައުތެމްޓަންއާ ވާދަކޮށް 3-0 އިން މެޗު ކާމިޔާބުކޮށްފަ އެވެ. އާސެނަލް މިރޭގެ މެޗަށް ނުކުތީ، ޓީމުގެ އަހުލާގީ މިންގަނޑާ ހިލާފު ވެގެން އެ ޓީމުގެ ކެޕްޓަން ޕިއޭ އެމެރިކް އައުބަމެޔަން ޓީމުގައި ނުހިމަނަ އެވެ. އާސެނަލްގެ ލަނޑުތައް ޖަހައިދިނީ އެލެކްޒެންޑާ ލަކަޒޭ އާއި މާޓިން އޮޑެގާޑް އަދި ޑިފެންޑަރު ގެބްރިއެލް އެވެ.
މި މޮޅާ އެކު ވެސް އާސެނަލް އޮތީ ޓޭބަލްގެ ފަސް ވަނައިގަ އެވެ. އާސެނަލް އަށް ވުރެ އެއް މެޗު މަދުން ކުޅެ، އެއް ޕޮއިންޓް އިތުރަށް، 27 ޕޮއިންތް ހޯދައިގެން ހަތަރު ވަނައިގައި އޮތީ ވެސްޓް ހޭމް ޔުނައިޓެޑެވެ. ވެސްޓް ހޭމް މާދަމާ ރޭ ރަށުން ބޭރުގައި ބާންލީއާ ދެކޮޅަށް ނުކުންނާނެ އެވެ.
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ޗެލްސީ ގޯހުން ގޯހަށް، އާސެނަލް ހުއްޓުވީ ސޮން
ޓޮޓެންހަމް އަތުން އަނެއްކާވެސް ޗެލްސީއަށް ފަސޭހަ މޮޅެއް
ލީގުގައި ގާޑިއޯލާގެ 200 ވަނަ މެޗުން ބަލިވެއްޖެ
ޗެލްސީ-ޔުނައިޓެޑް އެއްވަރު، ލިވަޕޫލަށް ހަމަނޭވައެއް
ލިވަޕޫލް ލީޑު ދަމަހައްޓައިފި، ވީއޭއާރްގެ ޝަކުވާތަކެއް
އެއް ވަނައިގައި ލިވަޕޫލަށް 13 ޕޮއިންޓުގެ ލީޑެއް
މާނޭ ފަހު ވަގުތު ލިވަޕޫލްގެ ލީޑު ދަމަހައްޓައިދީފި