Roadha Mihaaru
ޓޮޓެންހަމް އަތުން އަނެއްކާވެސް ޗެލްސީއަށް ފަސޭހަ މޮޅެއް

ތިން ހަފްތާ ތެރޭ ޗެލްސީން ތިންވަނަ ފަހަރަށް ޓޮޓެންހަމް ބަލިކޮށްފި

24 ޖެނުއަރީ 2022

ލަންޑަން (ޖެނުއަރީ 24) - ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގެ ދެވަނަ ހާފުހައި ހަކީމް ޒިޔެޝް އާއި ތިއާގޯ ސިލްވާ ޖެހި ލަނޑުތަކުން ޓޮޓެންހަމްގެ މައްޗަށް 2-0 ގެ މޮޅެއް ޗެލްސީން ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ޖެނުއަރީ 24) - ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގެ ދެވަނަ ހާފުހައި ހަކީމް ޒިޔެޝް އާއި ތިއާގޯ ސިލްވާ ޖެހި ލަނޑުތަކުން ޓޮޓެންހަމްގެ މައްޗަށް 2-0 ގެ މޮޅެއް ޗެލްސީން ހޯދައިފި އެވެ.

މިއީ ވޭތުވެދިޔަ ތިން ހަފްތާ ތެރޭ ޗެލްސީން ޓޮޓެންހަމް ބަލިކުރި ތިންވަނަ ފަހަރެވެ. ޗެލްސީން ވަނީ ލީގު ކަޕް ސެމީ ފައިނަލުގެ ދެ ލެގުގައި ޓޮޓެންހަމް 3-0 ގެ އެގެރިގޭޓް ނަތީޖާއަކުން ބަލިކޮށްފަ އެވެ. އަދި ލީގުގައި ޓޮޓެންހަމްގެ ދަނޑުގައި މިދިޔަ ސެޕްޓެމްބަރު މަހު ކުޅުނު މެޗު ވެސް ޗެލްސީން ކާމިޔާބުކުރީ 3-0 އިންނެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހި ނިމުނު ނަމަވެސް ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ކެލަމް ހަޑްސަން އޮޑޯއި ދިން ބޯޅައެއް ސީދާ ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިގެން ޗެލްސީއަށް ލީޑު ނަގައިދިނީ ޒިޔެޝް އެވެ. އޭގެ އަށް މިނިޓު ފަހުން ތިއާގޯ ސިލްވާ ވަނީ މޭސަން މައުންޓް ނެގި ފްރީ ކިކަކުން ޗެލްސީގެ ދެވަނަ ލަނޑު ޖަހައިދީފަ އެވެ.

ޓޮޓެންހަމްގެ ހެރީ ކޭން ފުރަތަމަ ހާފުގައި ލަނޑެއް ޖަހައިދިން ނަމަވެސް އޭގެ ކުރިން ތިއާގޯ ސިލްވާ އަށް ފައުލް ކޮށްފައި ވާތީ ރެފްރީ އެ ގޯލު ބަލައެއް ނުގަނެ އެވެ. މިއީ މި ސީޒަން ފެށުނުއިރު ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވި ނޫނޯ އެސްޕިރީޓޯ ސަންޓޯ މަގާމުން ދުރުކޮށް، ޗެލްސީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ ޓީމު ހަވާލު ކުރިފަހުން ލީގުގައި އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ.

ޒިޔެޝް ޗެލްސީއަށް ލީޑު ނަގައިދިނުމަށް ފަހު ހަޑްސަން އޮޑޯއި އާއެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޒިޔެޝް ޗެލްސީއަށް ލީޑު ނަގައިދިނުމަށް ފަހު ހަޑްސަން އޮޑޯއި އާއެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޭގެ މޮޅަކީ ޗެލްސީ މިދިޔަ ޑިސެމްބަރު މަހު އެސްޓަން ވިލާ ބަލިކުރި ފަހުން ލީގުގައި އެޓީމަށް ހޯދުނު ފުރަތަމަ މޮޅެވެ. އޭގެ ކުރިން ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް ޗެލްސީ މޮޅުވެފައެއް ނުވެ އެވެ. އެއް މެޗުން ވަނީ ބަލިވެފަ އެވެ.

ލީގުގެ ދެވަނައިގައި އޮތް ލިވަޕޫލް ވެސް ވަނީ ރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފަ އެވެ. ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ވާޖިލް ވެން ޑައިކާއި، އެލެކްސް އޮކްސްލޭޑް ޗެމްބަލިން އަދި ފަބީނިއޯ އެވެ. ފަބީނިއޯ ޖެހި ލަނޑަކީ މެޗުގެ 89 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. ފަހު ހާފުގެ ވަރަށް ކުރީކޮޅު ކްރިސްޓަލް ޕެލަސް އަށް އޮސްޑޯން އެޑުވާޑް ވަނީ ލަނޑެއް ޖަހައިދީފަ އެވެ.

ފަބީނިއޯ (3) ލިވަޕޫލްގެ ތިންވަނަ ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ފަބީނިއޯ (3) ލިވަޕޫލްގެ ތިންވަނަ ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މި ނަތީޖާއާ އެކު ލިވަޕޫލް އޮތީ 22 މެޗުން 48 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ ދެވަނައިަގައ އެވެ. މެންޗެސްޓާ ސިޓީ މި ހަފްތާގައި ސައުތެމްޓަންއާ އެއްވަރުވުމުން ދެ ޓީމުގެ ދެމެދު އޮތް ފަރަގު ވަނީ ނުވަ ޕޮއިންޓަށް ކުޑަވެފަ އެވެ. ޗެލްސީ ތިންވަނައިގައި އޮތީ 24 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ.

ލީގުގެ ފުލުގައި އޮތް ބާންލީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްގެން، މެންޗެސްޓާ ޔުނައިޓެޑް ފަހަތަށް ޖައްސާލައި ހަތަރުވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އާސެނަލް އިން ވަނީ ރޭ ނަގާލައިފަ އެވެ. އަމިއްލަ ދަނޑުގައި ބާންލީއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެވެ. މިއާ އެކު އާސެނަލް ވަނީ ފައިދާ ގޯލުގެ ތަފާތުން ޓޮޓެންހަމް ފަހަތަށް ޖައްސާލައި، ހަނަވައަށް ޖެހިލައިފަ އެވެ. ޓޮޓެންހަމް އާއި އާސެނަލް އަށް ވެސް ވަނީ 36 ޕޮއިންޓް ލިބިފަ އެވެ.

ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ އާއި ބްރައިޓަން ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. ދެވަހަ ހާފު ފެށުނު ގޮތަށް ލެސްޓާ އަށް ޕަޓްސޮން ޑާކާ ލީޑު ނަގައިދީފައި ވަނިކޮށް 82 ވަނަ މިނިޓުގައި ނީލް މޯޕޭގެ އެހީތެރިކަމާ އެކު ބްރައިޓަން އަށް އެއްވަރުކޮށްދިނީ ޑެނީ ވެލްބެކެވެ.

ދެ ހަފްތާގެ ބްރޭކަކަށް ފަހު ޕްރިމިއާ ލީގުގެ މެޗުތައް ދެން ކުޅޭނީ އަންނަ ފެބްރުއަރީ މަހު އެވެ.